ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަން އިން ބޮއިކޮޓް ކޮށްފިއެވެ. އެކޯލިޝަނުން މިކަން ހާމަ ކުރައްވާފައިވަނީ މިރޭ ނެރުނު ބަޔާނެއްގައެވެ.
މި ބަޔާނުގައި ބުނީ މި މަހުގެ ދެވަނަ ދުވަހުގެރޭ ބޭއްވި ޖަލްސާގައި މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު އެމްޑީޕީގެ މެމްބަރުން ލައްވާ ނައިފަރު ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ޝިޔާމް އަށް އަނިޔާކޮށް، ޝިޔާމްގެ ހާލު ދެނެގަތުމަށް ޖަލްސާކުރާ މާލަމުން ނިކުންނެވި އިދިކޮޅު މެމްބަރުން ޖަލްސާގައި ބައިވެރިނުކޮށް، އަދި މެމްބަރުންނަށް ވާހަކަ ދެއްކުމާއި ވޯޓު ލުމުގެ ހައްގު ވެސް ނިގުޅައިގެންފައިވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ އެންމެހާ ކަންކަން ހިންގުމުގެ އެންމެ އިސް ވެރިޔަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް" ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ
ޤަވާއިދުގެ 3 ވަނަ މާއްދާގައި، މަޖިލީހުގެ ޙުރުމަތާއި ޤަދަރު ހިފެހެއްޓުމާއި މަޖިލީހުގެ ކަރާމާތަށް އުނިކަމެއް އަތުވެދާނެކަމަށް ބެލެވޭކަމެއް
ފާހަގަކުރެވިއްޖެނަމަ، އެކަމެއް ހުއްޓުވުމަށް ކުރަންޖެހޭ ކަންކަން ކުރުމަކީ، މަޖިލީހުގެ ރައީސްގެ ޒިންމާއެއްކަމަށް ވެސް ބަޔާންކޮށްފައިވާއިރު، އެ މަސްއޫލިއްޔަތު އަދާ ނުކުރައްވައި، މަޖިލީހުގެ ޙުރުމަތާއި ކަރާމަތާއި ޤަދަރު ކުޑަވާގޮތަށް އަމަލު ކުރައްވާފައިވާ ކަމަށްވެސް އެބަޔާނުގައި ބުނެފައިވެއެވެ.
އަދި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާކުރާ މާލަމުގައި މަޖިލީހުގެ މެންބަރުން މާރާމާރީ ހިންގީ ޤާނޫނުއަސާސީގެ 105 ވަނަ މާއްދާގެ (ހ) އާއި (ށ) އާއި 239 ވަނަ މާއްދާގެ (ށ) އާއި އަދި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ޤާނޫނުގެ 27 ވަނަ މާއްދާގެ (ބ) ގައިވާގޮތުގެމަތިން ރައްޔިތުންގެ މަޖިލީހާއި މެންބަރުންގެ ސަލާމަތީ ކަންކަން، ދައުލަތުގެ ސަލާމަތީ ޚިދުމަތްތައް މެދުވެރިކޮށް ފުރިހަމައަށް އިންތިޒާމު ކުރައްވާފައި ނުވާތީކަމުގައި ޤަބޫލު ކުރެވޭތީއާއި، އިސްވެ ބަޔާން ކުރެވުނު ޤާނޫނުތައް ނަގަހައްޓާފައި ނުވާތީވެ، ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު މެންބަރުންނަށް ސަލާމަތާއި ރައްކާތެރިކަމާއެކު، ޤާނޫނީ ޒިންމާ އަދާކުރެވޭފަދަ މާހައުލެއް އޮތްކަމަށް ނުފެންނަ ކަމަށްވެސް އެބަޔާނުގައި ބުނެފައިވެއެވެ.
އަދި އެރޭގެ ޖަލްސާގައި ލިބުނު އަނިޔާތަކުގެ ސަބަބުން މެންބަރު އަޙްމަދު ޝިޔާމުގެ ސިއްޙީ ޙާލުކޮޅު ގޯސްވެފައި ވާތީއާއި، އެކަމާގުޅޭ ޖިނާއީ ތަޙްޤީޤެއް ހިނގަމުންދާތީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޖޮއިންޓް ޕާލިމެންޓަރީ ގްރޫޕްގެ މެންބަރުން މާދަމާގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބައިވެރި ނުވާނެ ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވުމާ ގުޅޭގޮތުން ޖޮއިންޓް ޕާޓީގެ ނިންމުން ވަރަށް އަވަހަށް ހާމަކުރާނެ ކަމަށްވެސް އެބަޔާނުގައި ބުނެފައި ވެއެވެ.





ހިޔާލު
ސާބަހޭޭ