މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހދ. އަތޮޅުގައި މަސްތުވާތަކެތީގެ ތިން އޮޕަރޭޝަނެއް ހިންގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.
އެ ތިން އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 33 އަހަރުގެ މީހަކާއި 57 އަހަރުގެ މީހެއްގެ އިތުރުން 38 އަހަރުގެ މީހެކެވެ. މި ތިން މީހުންނަކީވެސް ދިވެހި ފިރިހެނުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ފުލުހުން ވިދާޅުވީ، އެ ތިން މީހުންގެ ތެރެއިން 33 އަހަރުގެ މީހާއާއި 57 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ކުޅުދުއްފުށީގައި މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، މި ހިނގާ ޖޫން މަހުގެ 7 ވަނަ ދުވަހު ހިންގި ދެ އޮޕަރޭޝަނެއްގައި ކަމަށެވެ.
ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އެ ދެ އޮޕަރޭޝަނުގައި، 33 އަހަރުގެ މީހާ ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 24 ސެލޯފިންކޮޅު ފެނިފައިވެއެވެ. އަދި 57 އަހަރުގެ މީހާ ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ހަތް ސެލޯފިންކޮޅު ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
އަދި 38 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ހަނިމާދުއަށް މަސްތުވާތަކެތި އެތެރެކުރަންއުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، މި ހިނގާ ޖޫން މަހުގެ 6 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައެވެ.
ފުލުހުން ވިދާޅުވީ، ހަނިމާދޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި، ކުޅުދުއްފުށިން ހަނިމާދުއަށް އައި ލޯންޗަކުން ފައިބައިގެން ދަނިކޮށް އޭނާ ހުއްޓުވައި ބަލައި ފާސްކުރިިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.
މި ދެ މައްސަލަވެސް ފުލުހުންދަނީ ތަހުގީގު އިތުރަށް ކުރަމުންނެވެ.




