ކަނޑުގެ މަގުން މެލޭޝިއާ އަށް އެތެރެވާން މަސައްކަތްކުރި 270 ރޯހިންގާ ރެފިއުޖީން މެލޭޝިއާގެ ފުލުހުން ހައްޔަރު ކޮށްފިއެވެ.
މެލޭޝިއާގެ ފުލުހުން މި ރެފިއުޖީން ހައްޔަރުކޮށްފައިވަނީ، ރެފިއުޖީން ދަތުރު ކުރަމުންދިޔަ ބޯޓު ބައިނަލްއަގްވާމީ ކަނޑުގެ ސަރަހައްދަށް ބޭރުކުރަން އުޅުމުން އެ ބޯޓުގައި ތިބި ބަޔެއް ފަރާތްތައް މޫދަށް ފުއްމާލުމުންނެވެ.
އޭއެފްޕީ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މެލޭޝިއާގެ ކޯސްޓްގާޑުން ރެފިއުޖީން ދަތުރުކުރަމުންދިޔަ ބޯޓަށް ކައިރި ކުރުމުން އެބޯޓުގައި ތިބި 53 މީހަކުވަނީ މޫދަށް ފުއްމާލައިފައެވެ. އަދި ކޯސްޓްގާޑުން އެމީހުން ދަތުރުކުރި ބޯޓުންވަނީ އިތުރު 216 މީހުން ހައްޔަރުކޮށްފައެވެ. އަދި މިބޯޓުން މަރުވެފައިވާ އެއް އަންހެނަކުވެސް ފެނުނު ކަމަށް މައުލޫމާތު ލިބެއެވެ.
މިޔަންމާގެ ރޯހިންގާއަށް ނިސްބަތްވާ މުސްލިމުން އެގައުމު ދޫކޮށް ކައިރި އެހެނިހެން ގައުމުތަކަށް ހިޖުރަކުރަން ފަށައިފައިވަނީ މިޔަންމާގެ އަސްކަރިއްޔާއިން އެބައިމީހުންނާއި ދެކޮޅަށް ހިނގަމުންދާ ގަތުލުއާންމުތަކުން ސަލާމަތް ވުމަށްޓަކައެވެ.
ނަމަވެސް، ގިނަ ގައުމުތަކަކުން މި ރެފިއުޖީން ބަލައި ގަތުމަށްދަނީ އިންކާރު ކުރަމުންނެވެ. މެލޭޝިއާއިންވެސް ކޮވިޑް-19 އާއި ގުޅިގެންވަނީ އިތުރު ރެފިއުޖީން އެގައުމަށް ނުގެނައުމަށް ނިންމައިފައެވެ.



