މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ގއ. ވިލިނގިލި ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ، ގއ. ވިލިނގިލި ވަލުތެރޭގައި ފޮރުވާފައިހުރި މަސްތުވާތަކެތި ހޯދައިފިއެވެ.
ފުލުހުން ވިދާޅުވީ، ވިލިނގިލި ވަލުތެރޭގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި ހިނގާ ޖޫންމަހުގެ 9 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި، އެ ސަރަހައްދު ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 347 ސެލޯފިންކޮޅު ފެނިފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވާ ކަމަށާއި، މި މައްސަލަ ގއ. ވިލިނގިލި ޕޮލިސް ސްޓޭޝަނުން ދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.




