ޕީއެންސީ އުފެއްދުމުގެ ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: އަވަސް

ވައުދާ އެއްގޮތަށް، ވަޒީފާގެ ބިރު ނުދެއްކުމަށް ޕީއެންސީން ގޮވާލައިފި

ވަކި ސިޔާސީ ފިކުރަކަށް ތާއީދުކުރާތީ ވަޒީފާގެ ބިރު ދެއްކުން ހުއްޓާލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިޙަށް، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ގޮވާލައްވައިފިއެވެ.

ޕީއެންސީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ، މި ސަރުކާރުން އެއްވެސް ހަމައެއް އުޞޫލެއް ބެލުމެއްނެތި، ގިނަ އަދަދެއްގެ މުވައްޒަފުންތަކެއް ވަޒީފާތަކުން ވަކިކޮށް، ވަކި ސިޔާސީ ފިކުރަކަށް ތާއީދުކުރާ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަމުގެ ބިރުދައްކާ، އެފަރާތްތައް ވަޒީފާއަދާކުރާ ތަން ބަދަލުކޮށް ފިޔަވަޅު އަޅަމުންދާ ކަމަށެވެ.

"މި ސަރުކާރުން ވެރިކަމަށް އައީ ކޮންމެ ޕާޓީއެއްގައި އުޅޭ، ކޮންމެ ފިކުރެއްގެ، ކޮންމެ ކުލައެއް ރީތިވާ ބޭފުޅަކަށްވެސް ވަޒީފާގައި ހަމަޖެހިލައިގެން އުޅެވޭނެކަމުގެ ޔަޤީންކަން ރައުވަމުން. އެހެންކަމުން ރިޔާސީ ކެމްޕެއިންގައި ކުރި ވަޢުދާ އެއްގޮތްވާ ގޮތުގެމަތިން ޢަމަލުތައް ބެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާއަށް މި ޕާޓީން ގޮވާލަން." ޕީއެންސީގެ ބަޔާނުގައި ބުނެފައިވެއެވެ.

ޕީއެންސީން އިތުރަށް ވިދާޅުވީ، ވަޒީފާ އަދާކުރާ ކޮންމެ މުވައްޒަފަކީވެސް ޢާއިލީ ޒިންމާތައް އުފުލަމުންދާ މީހަކަށްވީހިނދު، އެތައްބަޔަކު ވަޒީފާއިން ވަކިކޮށް ނިކަމެތިކޮށްލުމަކީ އެތައް އާއިލާއަކަށް އޭގެ ވޭނާއި ކެކުޅުން ތަޙައްމަލު ކުރަންޖެހޭ ކަމެއް ކަމަށެވެ.

ވަޒީފާގެ ބިރު ދައްކަމުންދާކަމަށްބުނެ ޕީއެންސީން ކަންބޮޑުވުން ފާޅުކޮށްފައި މިވަނީ، ފެނަކަ ކޯޕަރޭޝަން ހއ އަތޮޅު ރީޖަނަލް އޮފީހުގެ ހުރިހާ މުވައްޒަފުން މިއަދު ވަޒީފާއިން ވަކިކޮށްފައިވަނިކޮށެވެ. އަދި ހދ ރީޖަނަލް އޮފީހުގެ ހުރިހާ މުވައްޒަފުންނާއި، އޭދަފުށީ ބްރާންޗުންވެސް މުވައްޒަފުންތަކެއް ވަކިކުރި މައްސަލަ ފެންމަތިވެފައިވެއެވެ.

ވަކި ސިޔާސީ ކުލައަކަށް ނިސްބަތްވާތީ ވަޒީފާގެ ބިރު ނުދެއްކުމަކީ ރައީސް ޞޯލިޙްގެ ރިޔާސީ ވައުދެކެވެ.

މިލިޔުން ކިޔާލުމުން
2
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ