ފޮޓޯ: ކުޅުދުއްފުށި އޮންލައިން

ކުޅުދުއްފުށީ ހޮސްޕިޓަލް ތަރައްޤީކުރުމަށް 30 މިލިއަން ރުފިޔާގެ މަޝްރޫއުއެއް

އުތުރުގެ މައި ހޮސްޕިޓަލް (ކުޅުދުއްފުށީ ރީޖިނަލް ހޮސްޕިޓަލް) ގައި އާ ވާރޑް އިމާރާތެއް އެޅުމަށް މޯލްޑިވްސް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީޓީސީ) އާ ހަވާލުކޮށްފިއެވެ.

30,317,922.24 (ތިރީސް މިލިއަން ތިން ލައްކަ ސަތާރަ ހަސް ނުވަ ސަތޭކަ ބާވީސް ރުފިޔާ ސައުވީސް ލާރި) އަގު ބޮޑު މިޝަރޫޢު އެމްޓީސީސީއާއި ޙަވާލުކޮށްފައިވާއިރު، މި މަަޝްރޫއުގެ މުއްދަތަކީ މޮބިލައިޒޭޝަން ތާރީހުން ފެށިގެން ހަ މަސް ދުވަހެވެ.

މިމަޝްރޫޢުގެ ޢަމަލީ މަސައްކަތްތައް މިހާރު ފަށާފައިވާއިރު، މިމަޝްރޫޢުގެ ދަށުން 30 އެނދުގެ ވާރޑް އިމާރާތެއް (ދެ ބުރިއަށް) އެޅުމާއި، އޯޕީޑީ ސަރަހައްދު މަރާމާތު ކުރުމާއ އަދި ހޮސްޕިޓަލުގެ މައި އިމާރާތާއި، އޮފީސް އިމާރާތާއި އުފަން ހިޔާ އިމާރާތް ވޯކްވޭއަކުން ގުޅުވާލުމުގެ އިތުރުން ލެބޯޓްރީ އަޕްގުރޭޑް ކުރުމަށްޓަކައި އުފަން ހިޔާއަށް ބަދަލު ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުންވެސް ހިމެނޭކަމަށް ކޭއާރުއެޗުން މައުލޫމާތުދެއެވެ.

ކުޅުދުއްފުށީ ރީޖިނަލް ހޮސްޕިޓަލްގެ މެނޭޖަރ ހެލްތް ސާރވިސަސް އަހުމަދު ދާއޫދު (ޑޭވިޑް) ވިދާޅުވީ، މި ޕްރޮޖެކްޓްގެ ސަބަބުން ހޮސްޕިޓަލުގެ ޖާގައިގެ ދަތިކަމަށް ވަރަށް ބޮޑު ހައްލެއް ލިބިގެން ދާނެކަމަށާއި، އެހެންކަމުން މިއީ މިދަނޑިވަޅަށް ވަރަށް މުހިއްމު މަސައްކަތެއްކަމަށެވެ.

"މިއީ 100 އެނދުގެ އާ ޓާޝިއަރީ ހޮސްޕިޓަލު ޕްރޮޖެކްޓް ކުރިއަށް އޮތުމާއެކު ވެސް، މި ވަގުތު ހޮސްޕިޓަލުން ފޯރުކޮށްދޭން ޖެހޭ ޚިދުމަތްތައް ފޯރުކޮށްދީ، ޒަމާނާ ގުޅޭ ބައެއް ކަހަލަ ބަދަލުތައް ގެނެސް ހޮސްޕިޓަލުން ޚިދުމަތް ހޯދާ ފަރާތްތަކުގެ ހިތްހަމަޖެހުން އިތުރުވެގެން ދާނެ ފަދަ ޕްރޮޖެކްޓެއްމީ. މިފަދަ ޚައްސާސީ ވަގުތެއްގައި ވެސް މިޕްރޮޖެކްޓް ފެށިގެން ދިއުމަކީ ނުހަނު އުފާ ކުރާ ކަމެއް" އަހުމަދު ދާއޫދު (ޑޭވިޑް) ވިދާޅުވިއެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލްއަކީ ރާއްޖޭގެ އުތުރުގެ ބޮޑު އާބާދީއެއް ޚިދުމަތް ހޯދަމުން އަންނަ ހޮސްޕިޓަލްއަކަށްވާއިރު، ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 310 މީހުން ހޮސްޕިޓަލުން ފަރުވާ ހޯދާ ކަމަށްވެއެވެ. އެހެންކަމުން ޖާގައިގެ މައްސަލައަކީ މިހޮސްޕިޓަލަށް ދިމާވެފައިއޮތް ބޮޑު މައްސަލައެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ