ލެވެންޑޯސްކީގެ ލަނޑުން ބަޔާން ޖަރުމަން ކަޕު ފައިނަލަށް

ރޮބާޓް ލެވެންޑޯސްކީގެ ލަނޑުން ބަޔާން ޖަރުމަން ކަޕު ފައިނަލަށް ދަތުރުކޮށްފިއެވެ.

އެލިއެންސް އެރީނާގައި ފްރެންކް ފާޓާއި ދެކޮޅަށް ރޭ ކުޅުނު ސެމީ ފައިނަލްގެ މެޗު ބަޔާންއިން ކާމިޔާބުކޮށްފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ބަޔާންގެ ފަރާތުން ގިނަ ހަމަލާތަކެއް ފެނިގެން ދިޔަނަމަވެސް، ފުރަތަމަ ހާފުގައި ކާމިޔާބު ކުރެވުނީ އެންމެ ލަނޑެކެވެ. އެލަނޑަކީ ޕެރިސިޗް ބޮލުން ކާމިޔާބުކޮށްދިން ލަނޑެކެވެ. އެއީ މެޗުގެ 14 ވަނަ މިނަޓްގައެވެ.

ދެވަނަ ހާފުގައި ފްރެންކްފާޓްއިން ކުޅުން ރަނގަޅުކޮށްފައިވާއިރު، ފްރެންކްފާޓުން ނަތީޖާ ހަމަހަމަކޮށްފައިވަނީ މެޗުގެ 69 ވަނަ މިނަޓްގައި ކޯސްޓާ ކާމިޔާބުކޮށްދިން ލަނޑުންނެވެ.

މޮޅު ކުޅުމެއް ދައްކަމުންދިޔަ ބަޔާންއިން ދެވަނަ ފަހަރަށް ލީޑު ނެގީ މެޗުގެ 74 ވަނަ މިނަޓްގައެވެ. ލެވެންޑޯސްކީ ކާމިޔާބުކޮށްދިން މިލަނޑު ފުރަތަމަ ނިންމީ އޮފްސައިޑް ކަމަށެވެ. ނަމަވެސް ވީއޭއާރު ބެލުމަށްފަހު އެއީ ރަނގަޅު ލަނޑެއްކަމަށް ރެފްރީ ނިންމިއެވެ. މިއީ މިސީޒަންގައި ލެވެންޑޯސްކީ ކާމިޔާބުކުރި 45 ވަނަ ލަނޑެވެ. ލެވެންޑޯސްކީ މިސީޒަންގައި ބަޔާންއަށް މިހާތަނަށް 39 މެޗުވަނީ ކުޅެދީފައިއެވެ.

މިމުބާރާތުގެ ފައިނަލްގައި ބަޔާން ނުކުންނަން ޖެހޭނީ ލެވަކޫސަންއާއި ދެކޮޅަށެވެ. ބާލިން އޮލިމްޕިކް ސްޓޭޑިއަމްގައި މިމެޗު ކުޅޭނީ ޖުލައިމަހުގެ 4 ގައެވެ.

ލެވަކޫސަން މުބާރާތުގެ ފައިނަލްއަށް ގޮސްފައިވަނީ ސެމީ ފައިނަލްގައި ޒާބްރުކުންއާއި ދެކޮޅަށް ކުޅުނު މެޗު 0-3 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.

ޖަރުމަނު ލީގުގައިވެސް ތާވަލްގެ އެއްވަނާގައި އޮތް ބަޔާން އެންމެ ފަހުން ކުޅުނު 21 މެޗުގެތެރެއިން 20 މެޗުންވަނީ މޮޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ