އެލިސަން ބެކާ - ފޮޓޯ: ޓޯކްސްޕޯޓް

އީޕީއެލް – ރަން އަންގި އެލިސަންއަށް، ރަން ބޫޓް ސަލާޙް، މާނޭ އަދި އޮބަމަޔާންއަށް

ޕްރިމިއާ ލީގުގެ މިސީޒަންގެ ރަން އަންގި ލިވަޕޫލަށް ކުޅެމުން އަންނަ ބްރެޒިލްގެ އެލިސަން ހޯދައިފިއެވެ.

މިރޭ ޕްރިމިއާ ލީގުގައި ވޯލްވްސް އާއެކު ކުޅެވުނު ލީގުގެ ފަހު މެޗުގައި ބައިކޮޅަށް ލަނޑެއްވަނަ ނުދީ މެޗު ނިންމާލި އެލިސަން ލީގުގައި 21 މެޗުވަނީ ބައިކޮޅަށް ލަނޑެއްވަނަ ނުދީ ނިންމާލާފައެވެ.

ފަހު މެޗުގައި ވޯލްވްސް އަތުން ސިޓީ މޮޅުވިނަމަވެސް ލީގު ކާމިޔާބުކުރެވޭ ގޮތްވަނީ ނުވެފައެވެ. 98 ޕޮއިންޓާއެކު ސިޓީން ލީގު ދިފާޢުކުރީ މިރޭ ބްރައިޓަން 1-4 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ. ލިވަޕޫލަށް ލިބިފައިވަނީ ޖުމްލަ 97 ޕޮއިންޓެވެ.

ލިވަޕޫލްގެ މާނޭގެ ފަރާތުން ދެލަނޑު ފެނިގެން ދިޔަ މިމެޗަށްފަހު މާނޭ ވަނީ ލީގުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިންނާ އަރާހަމަކޮށްފައެވެ. މާނޭ މިސީޒަންގައި 22 ލީގު ގޯލް ކާމިޔާބުކޮށްދީފައިވައިރު މުޙައްމަދު ސަލާޙް އަދި އާސެނަލްގެ އޮބަމަޔާންވެސްވަނީ މިއަދަދަށް ލީގު ލަނޑު ކާމިޔާބުކޮށްފައެވެ.

އޮބަޔާން މިލިސްޓަށް އެރީ އާސެނަލް ބާންލީ ބަލިކުރި މެޗުގައި ޖަހައިދިން ދެލަނޑާއެކުގައެވެ. އާސެނަލް މިމެޗު ކާމިޔާބުކުރީ 1-3 ގެ ނަތީޖާއަކުންނެވެ.

މިސީޒަންގެ ރަން ބޫޓް ޙާސިލްކުރި ތިން ކުޅުންތެރިން. މާނޭ، ސަލާޙް އަދި އޮބަމަޔާން - ފޮޓޯ: ޕްރިމިއާ ލީގު

ސިޓީގެ ކީޕަރު އެޑާސަން މިރޭގެ މެޗަށް ނިކުތްއިރު ބައިކޮޅަށް ލަނޑެއް ނުވަދެ 20 މެޗުވަނީ ފުރިހަމަކޮށްފައެވެ. އެހެންނަމަވެސް މިރޭގެ މެޗުގައި އެޑާސަން ކޮޅަށްވަނީ ލަނޑެއް ވަދެފައެވެ. މިރޭގެ މެޗުން ސިޓީ މޮޅުވެފައިވަނީ 1-4 ގެ ނަތީޖާއަކުންނެވެ.  ސިޓީއަށް ލަނޑުތައް ޖަހައިދިނީ އަގުއޭރޯ، ލަޕޯޓޭ، މަހްރޭޒް އަދި ގުންޑޯގަންއެވެ.

2004-5 ގައި އުފެދިގެން ދިޔަ މި ރަން އަންގި ކާމިޔާބުކުރި ބްރެޒިލްގެ ފުރަތަމަ ކުޅުންތެރިއަކަށް އެލިސަން މިވަނީ ވެގެން ގޮސްފައެވެ. މިއަންގިއަކީ މުޅި ސީޒަންގައި ބައިކޮޅަށް ލަނޑެއް ނުވަދެ އެންމެ ގިނަ މެޗު ފުރިހަމަ ކުރާ ކީޕަރަކަށް ދެވޭ އަންގިއެކެވެ.

މިއަންގި މިހާތަނަށް ކާމިޔާބުކުރި ކުޅުންތެރިންގެ ތެރޭގައި ޕެޕެ ރެއިނާ (3 ފަހަރު) 2006، 2007 އަދި 2008. ޕީޓާ ޗެކް ( 4 ފަހަރު) 2005، 2010، 2014 އަދި 2016. ވޮޖިޚް ސްޓެންސްނީ (1 ފަހަރު) 2016. އަދި މިދިޔަ ސީޒަންގައި މިއަންގި ޙާސިލްކޮށްފައިވަނީ ޔުނައިޓެޑްގެ ކީޕަރު ޑެހެއާއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ