އަނިޔާވެގެން ކުޓީނިއޯ ދަނޑުންފައިބަނީ - ފޮޓޯ: ބާސާ

ލަލީގާ – ކުޓީނިއޯއަށް އަނިޔާވެ 10 ދުވަހަށް ކުޅުމާއި ދުރަށް

ލަލީގާގައި ރޭ ކުޅުނު މެޗުގައި ކުޓީނިއޯގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއާއެކު 10 ދުވަހަށް ކުޅުމާއި ދުރުގައި ހުންނަން ޖެހިއްޖެއެވެ.

މިއަނިޔާގެ ސަބަބުން ބާސެލޯނާ އީބާއާއި ދެކޮޅަށްކުޅޭ ލީގު ފަހުމެޗުގައި ކުޓީނިއޯ ނުކުޅޭނެއެވެ. ނަމަވެސް މިމަހު 25 ގައި ވެލެންސިއާއާއި ދެކޮޅަށް ކުލޭ ކޮޕަޑެލްރޭ ފައިނަލަށް ކުޓީނިއޯ ފިޓްވާނެކަމަށް މަޢުލޫމާތު ލިބއެވެ.

ރޭ ގެޓާފޭއާއި ދެކޮޅަށް ކުޅުނު ބާސެލޯނާ ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. ކޮންމެ ހާފެއްގައި އެއް ލަނޑު ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ހާފުގައި ބާސެލޯނާއިންޖެހި ލަނޑު ކާމިޔާބުކޮށްދިނީ އާޓޫރޯ ވިދާލްއެވެ.

އަދި ދެވަނަ ހާފުގައި ފެނިގެން ދިޔަ ލަނޑަކީ މެޗުގެ 89 ވަނަ މިނަޓްގައި ގެޓާފޭގެ މައުރޯ އަރަމްބަރީ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. މެސީއަށް ލިބެން ދިޔަ ބޯޅައެއް ދިފާޢުކުރަން އުޅުމުގެ ތެރޭގައި އަރަމްބަރީ އަތުން ބޯޅަ ބައިކޮޅަށް ވަތްއިރު މެސީ ހުރީ އެބޯޅަ ގޯލަށް ފޮނުވާލަން ތައްޔާރަށެވެ.

މިސީޒަންގައި މެސީ 34 ލީގު ލަނޑުޖަހާދީފައިވެއެވެ. އަދި އިތުރު 13 ލަނޑުޖެހުމަށް މެސީ އެހީތެރިވެދީފައިވެއެވެ. މިސީޒަންގެ ލަލީގާ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިންގެ ލިސްޓްގައި 34 ލަނޑާއެކު އޮތީ މެސީއެވެ. 21 ލަނޑާއެކު މިލިސްޓްގެ ދެވަނާގައި އޮތީ ލުއިސް ސުއަރޭޒް އަދި ކަރިމް ބެންޒެމާއެވެ.

އާޓޫރޯ ވިދާލް - ފޮޓޯ: ސްޕޯޓްސްނެޓް

ލީގުގައި ބާކީ އެންމެ މެޗެއް އޮތްއިރު މިސީޒަންގެ ރަންބޫޓް މެސީއަށްވަނީ ކަށަވަރުވެފައެވެ.

ރޭގެ މެޗަށް ނިކުތްއިރުވެސް ބާސެލޯނާއަށްވަނީ ލީގު ޔަޤީންވެފައެވެ. 86 ޕޮއިންޓާއެކު ތާވަލުގެ އެއްވަނާގައި ބާސެލޯނާ އޮތްއިރު ދެވަނަގައި އޮތް އެތުލެޓިކޯއަށް ލިބުނީ 75 ޕޮއިންޓެވެ. އަދި 68 ޕޮއިންޓާއެކު ރެއަލްމެޑްރިޑަށް ތިންވަނަ ލިބޭއިރު ހަތަރުވަނަ ލިބެނީ 58 ޕޮއިންޓާއެކު އޮތް ވެލެންސިއާއަށެވެ. ވެލެންސިއާއަށް ހަތަރުވަނަ ލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ