މާލޭގެ ގެސްޓް ހައުސްއެއްގައި 11 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކޮށްފިއެވެ.
މިކުއްޖާ ރޭޕްކޮށްފައިވަނީ މިމަހުގެ 10 ވަނަ ދުވަހުއެވެ.
މިކަމާއި ގުޅިގެން ފުލުހުން ވިދާޅުވީ، މާލޭގެ ގެސްޓް ހައުސްއެއްގައި 11 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށެވެ.
މިއީ މާލެ ލޮކްޑައުންކޮށް، ސަބަބެއް ނެތި ބޭރުގައި އުޅުން މަނާކޮށްފައި އޮތް ދުވަސްވަރަކަށް ވުމުން ކުޑަކުއްޖަކު ގެސްޓް ހައުސްއަކަށް ގެންދިޔައީ ކިހިނެއްތޯ ބެލުމަށް ފުލުހުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
މިކުއްޖާއަށް ޖިންސީ ގޯނާކޮށްފައި ވަނީ 18 އަހަރުން މަތީގެ ފިރިހެނެކެވެ. ފުލުހުން މައްސަލަ ތަހުގީގު ކުރަމުން އަންނަ އިރު މިހާތަނަށް މައްސަލައިގައި މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.
ދާދި މިފަހުންވަނީ ބްލެކްމެއިލް ކޮށްގެން އުމުރުން16 އަހަރުގެ އަންހެން ކުއްޖަކު މާލެގެނެސް ރޭޕްކޮށްފައެވެ.
ބްލެކްމެއިލްކޮށްގެން މާލެ ގެނެސް ކުޑަކުއްޖަކު ރޭޕްކޮށްފިhttps://t.co/FNk461amvH
— Feshun (@feshunonline) May 30, 2020
އެ މައްސަލަ އާއި ގުޅިގެން ފުލުހުން ވިދާޅުވީ، އޮޅުވާލައިގެން އުމުރުން 16 އަހަރު ނުވާ ކުއްޖަކު މާލެ ގެނެސް އެކުއްޖާ ވީނުވީއެއް ނޭނގި ނުރައްކަލަށް ހުށަހެޅިފައިވާ މައްސަލައެއް 2020 މެއި 28 ވަނަ ދުވަހުގެ ފަތިހު 05:37 ގައި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅުމާއި އެކު މިކުއްޖާ ހޯދުމަށްކުރެވުނު މަސައްކަތުން ކުއްޖާ ފެނިފައިވަނީ މާލެގެ ގެސްޓް ހައުސް އެއްގެ ތެރެއިން. އިސްވެދެންނެވުނު ކުއްޖާ މާލޭގެ ގެސްޓްހައުސްއެއްގެ ކޮޓަރިއެއްގައި، އިތުރު މީހަކާއި އެކު ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވަނީ އެދުވަހުގެ މެންދުރު 13:08 ހާއިރު ކަމަށެވެ.



