ނޭމާ ބާސެލޯނާއާއި ނުގުޅޭނެކަމުގެ އިޝާރާތެއް ލަލީގާގެ ރައީސް ދީފި

ކުރިއަށް ޓްރާންސްފާ މާކެޓްގައި ޕީއެސްޖީއަށް ކުޅެމުން އަންނަ ނޭމާ އޭނާ ކުރިން ކުޅުނު ކްލަބު ބާސެލޯނާއާއި ނުގުޅޭނެކަމުގެ އިޝާރާތެއް ލަލީގާގެ ރައީސް ހާވިއޭ ޓެބާސް ދީފިއެވެ.

އެގޮތުން ގިނަ މީޑިއާތަކަށް ދިން އިންޓަރވިއުއެއްގައި ވާހަކަ ދައްކަމުން ޓެބާސް ބުނީ، ކޮވިޑް-19 އާއި ގުޅިގެން އިޤްތިޞާދަށް ކުރިމަތިވެފައިމިވާ ހީނަރުކަމާއި ގުޅިގެން ނޭމާ ފަދަ އަގުބޮޑު ކުޅުންތެރިއަކަށް ބާސެލޯނާއިން މިވަގުތު ހޭދަކުރާނެކަމަށް ޤަބޫލުނުކުރާކަމަށެވެ.

އެގޮތުން ކުރިއަށް އޮތް ޓްރާންސްފާގައި ޓީމުތަކުން ކުޅުންތެރިން ގެންދިއުން އެހެން އަހަރުތަކާއި ބަލާއިރު ވަރަށް މަދުވާނެކަމަށާއި، ކޮންމެހެން ގެންނަންޖެހޭ ކުޅުންތެރިއެއްނޫނީ ކްލަބުތަކުން ނުގެންނާނެކަމަށެވެ.

އަދި ކުޅުންތެރިން ގަތުމުގެ ބަދަލުގައި، ކްލަބުތަކުން ކުޅުންތެރިން ބަދަލުގައި ކުރުން މިފަހަރު އިތުރުވާނެކަމަށްވެސް ޓެބާސް ބުންޏެވެ.

ނަމަވެސް ނޭމާއަށް ކޯޗުކޮށްދޭން ބޭނުންވާކަން ބާސެލޯނާގެ މިހާރުގެ ކޯޗު ކީކޭ ސެޓިއެން މަކޮށްފައިވަނީ މިދިޔަމަހުއެވެ. އަނެއް ކޮޅުން ބާސެލޯނާއިން އަބަދުވެސް ބުނަމުން އަންނަނީ ނޭމާއަކީ އެކްލަބުގެ އޮޕްޝަނެއްކަމަށެވެ.

ނޭމާ ހޯދުމަށް މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާގައި ބާސެލޯނާއިން ވަރަށް މަސައްކަތްކުރިނަމަވެސ،ް އެކަން ކާމިޔާބުނުވީ ބާސެލޯނާގެ ހުރިހާ ހުށަހެޅުމަކަށްވެސް ޕީއެސްޖީއިން ނޫނެކޭ ބުނުމުންނެވެ.

ބާސެލޯނާއާއެކު ހުއްޓުމެއްނެތި ކާމިޔާބީތައް ހޯދަމުންއައި ނޭމާ އެތަށް ބަޔަކު ސިއްސުވާލުމަށްފަހު ބާސެލޯނާ ދޫކޮށް ޕިއެސްޖީއަށް ބަދަލުވީ 2017 އޮގަސްޓްމަހުއެވެ. ނޭމާގެ މިބަދަލަކީ މެސީގެ ހިޔަނިން ސަލާމަތްވުމަށް ނޭމާ އެޅި ފިޔަވަޅެއްކަމަށް ގިނަބަޔަކު އައީ ބުނަމުންނެވެ.

ކުރިއަށް އޮތް ސީޒަނަށް ތައްޔާރުވުމަށް ބާސެލޯނާއިން ޓީމު ވަރުގަދަ ކުރުމަށް މަސައްކަތްކުރާ އަޑުތައް ފެތުރިފައިވާއިރު، ބާސެލޯނާއިން މިހާރު އެންމެ ފާރަލާ ކުޅުންތެރިއަކީ އިންޓަރމިލާންއަށް ކުޅޭ އާޖެންޓީނާގެ ލޮޓާރޯ މާޓިނޭޒްކަމަށްވެސް ރިޕޯރޓްތައް ބުނެއެވެ.

މިއަހަރުގެ ސީޒަން ނިމުމާއެކު ލަލީގާގެ ޓްރާންސްފާ މާރކެޓް ހުޅުވިގެން ދާނެކަމަށްވެސް ޓެބާސްވަނީ ބުނެފައެވެ. އެހެންނަމަވެސް ޓްރާންސްފާ މާރކެޓް ބަންދުވާނެ ތާރީޚެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ