ފުޓްބޯޅަ އަކީ ލިބުނު ހަދިޔާއެއް: މެސީ

ފުޓްބޯޅަ ކުޅެން ފުރުޞަތު ލިބުމަކީ ލިބުނު ހަދިޔާއެއްކަމަށް ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ ބުނެފިއެވެ.

ފުޓްބޯޅައިގެ މޮޅެތި ހުނަރުން އެތަށް ބަޔަކު ޙައިރާންކޮށްލި އަދި 6 ފަހަރެއްގެ މަތިން ބެލޮންޑިއޯ އެވޯޑް ކާމިޔާބުކޮށްފައިވާ މެސީ އިންސްޓަގްރާމްގައި ޙިއްސާކޮށްފައިވާ އެޑިޑާސް ވީޑިއޯއެއްގައި ވާހަކަ ދައްކަމުން ބުނީ، އޭނާ ދެކޭގޮތުގައި ފުޓްބޯޅަ އަކީ އޭނާއަށް ލިބުނު ހަދިޔާއެއްކަމަށެވެ. އަދި އެހެން ކުޅުންތެރިންނެކޭ އެއްގޮތަށް ފުޓްބޯޅަ ނުކުޅެ ދުރުގައި ހުންނަން ޖެހުމުން ފުޓްބޯޅަ މިސްވާކަމަށާއި، ފުޓްބޯޅަ ކުޅެން ބޭނުންވެފައި ހުރިކަމަށްވެސް މެސީ ބުންޏެވެ.

މީގެއިތުރުން މެސީ ބުނީ އޭނާއަށް ލިބުނު އެންމެ ބޮޑު ހަދިޔާއަކީ ފުޓްބޯޅައިން އެތަށް ބަޔަކަށް ހިނިތުންވުން ގެނުވައި އުފާވެރިކަން ގެނެވުންކަމަށެވެ.

އެހެންކަމުން ކޮވިޑް-19 އާއި ގުޅިގެން މެދުކަނޑާލާފައިވާ ފުޓްބޯޅަ ސީޒަން އެނބުރިއައުމުން އޭނާގެ މި ހަދިޔާއަށް ތައްޔާރަށް ހުރިކަމަށްވެސް މެސީ ބުންޏެވެ.

މިސީޒަންގެ ލަލީގާގައި މިހާތަނަށް ކުޅުނު 22 މެޗުން ކާމިޔާބުކޮށްދިން 19 ލަނޑާއެކު މެސީ އޮތީ މިސީޒަންގެ ޓޮޕް ސްކޯރާރގެ މަޤާމުގައެވެ. 14 ގޯލާއެކު މިލިސްޓްގެ ދެވަނާގައި އޮތީ ކަރިމް ބެންޒެމާއެވެ.

ކޮވިޑް-19 އާއި ގުޅިގެން މެދުކަނޑާލާފައިވާ ސްޕެނިޝް ލަލީގާ ރޭ ފައްޓާފައިވާއިރު، ސެވިއްޔާ އަދި ރެއަލް ބެޓިސް ބައްދަލުކުރި މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައިވަނީ ސެވިއްޔާއެވެ.

ކޮވިޑަށްފަހު ބާސެލޯނާއިން ކުޅުމަށް ހަމަޖެހިފައިވާ ފުރަތަމަ މެޗު ކުޅޭނީ މަލޯކާއާއި ދެކޮޅަށެވެ. އެއީ މާދަމާ ރޭ 01:00 ގައެވެ.

27 މެޗުން ލިބުނު 58 ޕޮއިންޓާއެކު ބާސެލޯނާ ތާވަލްގެ އެއްވަނާގައި އޮތްއިރު، ވާދަވެރި ރެއަލްމެޑްރިޑް ދެވަނާގައި އޮތީ 27 މެޗުން ލިބުނު 56 ޕޮއިންޓާއެކުގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ