ރޮނާލްޑޯގެ ޕެނަލްޓީ ނާކާމިޔާބުވިނަމަވެސް، އަވޭ ގޯލުން ޔުވެންޓަސް ފައިނަލަށް

ރޮނާލްޑޯގެ ޕެނަލްޓީ ނާކާމިޔާބުވިނަމަވެސް، އަވޭ ގޯލުން ކޮޕާ އިޓާލިއާގެ ފައިނަލަށް ޔުވެންޓަސް ދަތުރުކޮށްފިއެވެ.

ޓިއުރިންގައި ރޭ ޔުވެންޓަސްއާއި އޭސީ މިލާން ބައްދަލުކުރި ސެމީ ފައިނަލްގެ ދެވަނަ ލެގުގެ މެޗު ނިމިގެން ގޮސްފައިވަނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރު ވެގެންނެވެ.

މެޗުގައި ޔުވެންޓަސްގެ ފަރާތުން ގިނަ ހަމަލާތަކެއް ފެނިގެން ގޮސްފައިވާއިރު، މިހަމަލާތަކުގެ ހުރަހަކަށް އޭސީ މިލާގެ ކީޕަރު ޑޮނަރުމާއެވެ. ޑޯނަރުމާގެ ފަރާތުން ރޭގެ މެޗުގައި މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ.

ރޭގެ މެޗުގައި ލަނޑު ޖަހާނެ އެންމެ ހުސް ފުރުޞަތެއް ލިބުނީ ކްރިސްޓިއާނޯ ރޮނާލްޑޯއަށެވެ. އެއީ މެޗުގެ 16 ވަނަ މިނަޓްގައި ލިބުނު ޕެނަލްޓީއަކުންނެވެ. އޭސީ މިލާންގެ ޕެނަލްޓީ އޭރިއާތެރެއިން އެޓީމުގެ އެންޑްރެ ކޮންޓީ އަތުގައި ބޯޅަ ޖެހުމުން ލިބުނު މިޕެނަލްޓީ ދީފައިވަނީ ވީއޭއާރު ބެލުމަށްފަހުގައެވެ. ނަމަވެސް ރޮނާލްޑޯ ފޮނުވާލި މިޕެނަލްޓީ ކާމިޔާބުވެފައި ނުވާއިރު، އެޕެނަލްޓީ އަމާޒުވީ ގޯލްގެ އަރިމަތީ ދަނޑިއާއެވެ.

އޭގެ 17 ސިކުންތު ފަހުން އޭސީ މިލާންގެ ފޯވާޑު އެންޓޭ ރެބިޗް ކުރި ނުރައްކާތެރި ފައުލަކާއި ގުޅިގެން ދެއްކި ރަތްކާޑާއި ގުޅިގެން އޭސީ މިލާނުން މެޗުގެ ބޮޑުގައި ފުރިހަމަކޮށްފައިވަނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.

ރޭގެ މެޗުން އެއްވަރުވި ނަމަވެސް ޔުވެންޓަސް މިމުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައިވަނީ އަވޭ ގޯލްގެ އެޑްވާންޓޭޗުންނެވެ. މިލާންގައި ކުޅުނު މިމެޗުގެ ފުރަތަމަ ލެގު އެއްވަރު ވެފައިވަނީ 1-1 ގެ ނަތީޖާއަކުންނެވެ. ރެބިޗްގެ ލަނޑަކާއެކު އޭސީ މިލާން ކުރީގައި އޮވެ އެމެޗު ނިމެންދަނިކޮށް، ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް ރޮނާލްޑޯ އެމެޗުގެ ނަތީޖާ ހަމަހަމަކޮށްފައިވަނީ މެޗުގެ އިތުރު ވަގުތުގައެވެ.

ޔުވެންޓަސްއިންވަނީ މިމުބާރާތް 13 ފަހަރެއްގެ މަތިން ކާމިޔާބުކޮށްފައެވެ. ފައިނަލްގައި ޔުވެންޓަސްއާއި ބައްދަލުކުރާނެ ޓީމެއް އެނގޭނީ މިރޭ ކުޅޭ ސެމީ ފައިނަލްގެ ދެވަނަ މެޗުން ނުކުންނަ ނަތީޖާއަކުންނެވެ. ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ނަޕޯލީ އާއި އިންޓަރމިލާން ބައްދަލުކުރާއިރު، މިދެޓީމުގެ ބައްދަލުކުރި މިމެޗުގެ ފުރަތަމަ ލެގު ނިމިގެން ގޮސްފައިވަނީ 1-0 ގެ ނަތީޖާއަކުން ނަޕޯލީ ކުރީގައި އޮވެގެންނެވެ.

ކޮވިޑް-19 އާއި ގުޅިގެން މެދުކަނޑާލާފައިވާ އިޓަލީގެ ފުޓްބޯޅަ ރޭ ފަށާފައިވާއިރު، މިބަލީގައި މަރުވެ ގޮސްފައިވާ މީހުންގެ ހަނދާނުގައާއި، މިވައިރަހާ ދެކޮޅަށް މަސައްކަތްކުރާ ސިއްޙީ މަސައްކަތްތެރިންގެ އަގު ވަޒަންކޮށް މެޗު ފެށުމުގެ ކުރިން ހަމަހިމޭންކަމުގެ ވަގުތުކޮޅެއްވަނީ ގެނެސްފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ