އިރުކޮޅަކުން ހަސަނު ދުރުން ދުވަމުން އައިސް މިސްކިތް ކުރިމައްޗަށް ހުއްޓުނެވެ. އިދުރީސް މަތިން ހަނދާން ނެތިފައި ހުއްޓާ ކުއްލިއަކަށް ހަނދާންވި އެވެ. ހަސަނު މައިނޭވާ ލަމުން ކައިރީ ތިބި ފިރިހެންވެރީން ސަމާލުކަމަށް ގެނެސް އެވާހަކަ ބުންޏެވެ. އެމީހުން އެދުނީ އިދުރީސް ފެނުނު ދިމާ ކިޔައިދިނުމަށެވެ. ހަސަނު ކައިރީ އެމީހުން ބުނީ އައިމިނަ އެހާލުގައި އޮތްވާ ހަސަނު ދިއުން ރަނގަޅު ނުވާނެ ކަމުގަ އެވެ. ހަސަނު އެއްބަސް ވެގެން ބޯ ޖަހައިލި އެވެ. އެމީހުން ގޮސް ގެއްލޭން ދެން އެދިމާއަށް ބަލަން ހުރެވުނެވެ. އިދުރީސް ކައިރީ މާޔޫސް ނުވަން ބުނެފައި އައިސް އޭނައަށް މިކުރެވުނީ ކީއް ހެއްޔެވެ؟ ޒަޚަމްވެފައިވާ ހާލުގައި އެކަނިކޮށްލާފައި ނުވިތާކަށް ހަނދާންވެސް ނައްތައިލީ އެވެ. ހަސަނު ހިތުގާ ޖެހުނެވެ. އިދުރީސް ހެޔޮހާލުގައި އޮތްވާ އެމީހުންނަށް ފެނުމަށް އެދި ހިތާއި ހިތުން އެދެމުން ދުޢާއަށް ދެއަތް ނެގި އެވެ.
"މޫސާދީ! މޫސާދީ!" ކަތީބު އެކުވެރިޔާއަށް ގޮވަމުން ބެހެއްޓީ އަތިރިމައްޗާއި ވީ ފަރާތަށެވެ. ގޮސް ނިކުތްއިރު މޫސާ ދީ ބޮއްކުރާގަނޑު އެހެލައިގެން އެއަށް އަރަނީ އެވެ. ހުޅިލާ ނަގާ ބިޔަ ރާޅުތަކުގެ އަޑު މުޅިތަނުގައި ހިފާލައިފައި ހުއްޓެވެ. އެއިން ކޮންމެ ރާޅެއް އައިސް އެއްގަމުގައި ހުރި ގަސްތަކާއި ހަމައަށް ފޯރަ އެވެ. ވެހެމުންދާ ވާރޭ ފެނާއި ލޮނު އެކުވެގެން މުޅި ސަރަހައްދުގައި ފެން ހެދިފަ އެވެ.
ކަތީބު އަޑުގާ ނެތްތަނަށް ގޮވާލައިފައި ދުވެފައި ގޮސް ބޮއްކުރާގެ ކުނބުގައި ހިފެހެއްޓި އެވެ.
"މޫސާދީ! އަހަރެންނަށް ރަނގަޅަށް ވިސްނޭ މޫސާދީގެ މިހާރުގެ ހާލަތު. އަނބިދަރީން ކައިރިއަށް ދާން ބޭނުންވާނެ ވަރު އިހްސާސް ކުރެވޭ. ކޮންމެ މީހަކު ވެސް ބޭނުންވާނީ އެމީހެއްގެ އާއިލާގެ ހިމާޔަތަށް ދާން. ތިމާއަށް ކުރެވުނުހާ ކަމެއް ކޮށްގެން އެމީހުން ސަލާމަތުން ބަހައްޓަން. އެކަމަކު މޫސާދީ ކުރަން ތިއުޅެނީ އެއްގޮތަކަށް ވެސް ރަނގަޅު ކަމެއް ނޫން. ކޮންމެ ހާލެއްގައި ތިއްބަސް އެމީހުން ވެސް ބޭނުން ވާނީ މޫސާދީ ހެޔޮހާލުގައި ވުމަށް. އެނގިއެނގިހުރެ އަލިފާނަށް ފުންމާނުލާ. އެހެރަ ގަދަ ކަނޑުގައި ދަތުރުކޮށްފައެއް ނުދެވޭނެ. އިހަށް މަޑުކުރޭ. ކަނޑު މަޑުވެލީމާ ވެސް ފުރިދާނެ. އަހަރެން އަމިއްލައަށް މޫސާދީ ފުރުވާލަން އަންނާނަން." ކަތީބު އާދޭސްކުރާ ހާލު އެކުވެރިޔާއަށް ވިސްނަދޭން މަސައްކަތް ކުރި އެވެ.
އެކަމަކު މޫސާދީއަށް އެއިން އެއްވެސް އަޑެއް އިވުނު ހެނެއް ހިއެއް ނުވެ އެވެ. ވެހޭ ވާރެއާއި ޖެހެމުންދާ ގަދަވައިގެ ތެރެއަށް އޮބިގެންދިޔައީ ކަހަލަ އެވެ. ނޫނީ އެބަސްތައް އަހާ ވަރަށް ވުރެ މޫސާދީގެ ހިތް އޮތީ މާ ނާޒުކު ހާލަތެއްގަ އެވެ.
"ހެޔޮނުވާނެ އައްޔާ! އަހަރެން ނުހިފަހައްޓާ! އަހަރެން ދިޔަދީ!" މޫސާދީ ބުނީ އެންމެ ދެ ޖުމްލަ އެވެ. އެދެ ޖުމްލައިން ހުރިހާ ވާހަކައެއް ކިޔައިދިނެވެ. ކަތީބު އެންމެ ފަހުން ކުނބުން ދޫކޮށްލި އެވެ. މޫސާދީއަށް ފުރުސަތު ދީފައި ފަހަތަށް ޖެހިލައިފި އެވެ. އެވަގުތު މޫސާދީވެސް އެމޫނަށް ބަލާލީ ފަހު ފަހަރަށް ބަލައިލާފަދަ ހިތާމަވެރި ނަޒަރަކުންނެވެ. އެދަތުރުގެ ނަތީޖާ މާކުރިންވެސް އެނގޭ ކަހަލަ އެވެ. އެކަމަކު މަސައްކަތް ނުކޮށް ބަލި ގަބޫލު ކުރާކަށް މޫސާދީ ބޭނުމެއް ނުވެ އެވެ.
ކަތީބު ބަލަން ހުއްޓާ މޫސާދީ ފަލި ޖަހާފައި ގޮސް އަނދިރީގެ ތެރެއަށް ގެއްލުނެވެ. ކަތީބު އިރުކޮޅެއް ވަންދެން ގަބުވެފައި އެދިމާއަށް ބަލަން ހުއްޓެވެ. ދެން ލޮލުން ކަރުނަ ފޭދިގެން ދާން ދޫކޮށްލައިފައި އެނބުރި އަވަށާއި ދިމާއަށް ހިނގައިގެންފި އެވެ.
***
ތުއްތު ދަރިފުޅުގެ ރުއިމުގެ އަޑާއެކު ހަސަނުގެ ހިތަށް އަޖައިބެއްފަދަ ފިނިކަމެއް އިހްސާސްވި އެވެ. ފުން ނޭވައެއް ދޫކޮށްލައިފައި ދުވެފައި އެދިމާއަށް ދިޔަ އެވެ. ކުޑައިރުކޮޅެއް ފަހުން ދަލޭކަ ނިކުތީ ފޮތިގަނޑަކަށް ލައި އޮޅާލައިފައި އޮތް ތުއްތު ދަރިފުޅު ގޮވައިގެންނެވެ.
"އަންހެންކުއްޖެއް." ހަސަނުގެ އަތަށް ކުއްޖާ ލައިދެމުން ދަލޭކަ ބުނެލި އެވެ.
ތުއްތު ދަރިފުޅުގެ މޫނަށް ހުއްޓިފައިވާ ހަސަނުގެ މޫނަށް ހިނިތުންވުމެއް ފެތުރުނެވެ. ނިދާލައިފައި އޮތް ތުއްތު ކުއްޖާއަށް ދުނިޔޭގެ އެއްވެސް ޚަބަރެއް ނުވެ އެވެ.
އިދުރީސް ހޯދަން ދިޔަ މީހުން އައީ ހަސަނު އެތާ ހުއްޓަ އެވެ. އަތުގައި އޮތް ތުއްތު ދަރިފުޅާއެކު ހަސަނު ގޮސް ދޮރު ކައިރިއަށް ހުއްޓުނެވެ. އިދުރީސްގެ އަތްފައިގައި ހިފައިގެން ތިބި ހަތަރު ފިރިހެނުން ވެގެން އިދުރީސް ތިރީގައި ބޭއްވި އެވެ. އެތެރޭގައި ދިއްލާފައިވާ ފުޅިބައްތި ތަކުގެ އަލި އެޅުމުން އިދުރީސްގެ ހާލަތު ފެނުނެވެ. މީހާގެ ބަނޑުންފެށިގެން ތިރި އޮތީ ލެއިން ކަޅިވެފަ އެވެ. އިދުރީސްގެ ދެލޯ އަރާ މުދުނުގައި ޖެހިފަ އެވެ. ގައިގައި ހަރަކާތެއް ނެތެވެ.
އަތުގައި އޮތް ތުއްތު ދަރިފުޅާއެކު ހަސަނަށް ދެކަކޫ މައްޗަށް ތިރިވެވުނެވެ. ލޮލުން ފައިބަން ފެށި ކަރުނައެއް ނުހުއްޓުވުނެވެ. ކައިރީގައި ތިބި އެހެން މީހުން ވެސް ތިބީ ފެންކަޅިވެފަ އެވެ.
***
އައިމިނައަށް އެޚަބަރު ދިނީ ޚުދު ހަސަނުގެ ދުލުންނެވެ. ތުއްތު ދަރިފުޅު ގެންގޮސް ކައިރީގައި ބާއްވާފައި އެޚިތާމަވެރި ހާދިސާ ހިނގައިދިޔަ ގޮތުގެ ވާހަކަ ކިޔައިދިނެވެ. ހަސަނު ފަދައިން އައިމިނައަށް ވެސް ރޮވުނެވެ. އެދިން ޚަބަރު ގަބޫލު ކުރަން ދަތިވި އެވެ. ފަހު ފަހަރަށް މޫނު ދެކިލަން ބޭނުންވި އެވެ. ހަސަނު އައިމިނަގެ އެދުން ފުއްދައިދިނެވެ. މޫނު އަޅަން ތައްޔާރުވެފައިވާ އިދުރީސްގެ ކައިރިއަށް ގެންގޮސްދިނެވެ.
ވެހޭވާރޭގައި އެންމެން ގޮސް އިދުރީސް ވަޅުލަން ވަޅު ކޮނެފި އެވެ. ކަފުން ކޮށް މޫނުފޮތިކޮޅު އެޅުމަށްފަހު ގެންގޮސް ވަޅުލި އެވެ. ވަޅުލާ ތަނަށް ނުދެވި މިސްކިތްތެރޭ ތިބި މީހުން ވެސް ތިބީ ހިތާމައިގެ ސާލު އޮޅައިގެންނެވެ. ޒުވާން އުމުރުގައި އިދުރީސްގެ އެކުއްލި ވަކިވުން ބައެއް މީހުންނަށް ޤަބޫލެއް ނުކުރެވުނެވެ.
***
ނިދިޖެހިފައި އިން ފާތުމައަށް ހޭލެވުނީ ބޭރުން ބަޔަކު ވާހަކަދައްކާ އަޑަށެވެ. ހަށިގަނޑު ތެދުކޮށްލައިފައި އެދިމާއަށް ބަލައިލި އެވެ. ފާތުމަގެ މެއަށް ފިނިވެލި އެވެ. މިސްކިތަށް ވަންނަން އައި މީހުންގަނޑުގެ އެންމެ ކުރީގައި ހުރީ ކާސިންކަލޯ އެވެ. ކާސިންކަލޯ ހުރީ މުސްކުޅި މަންމަ މީހާ ކޮނޑަށްލައިގެންނެވެ. ފާތުމަގެ ހިތުގައި އެއްފަހަރާ އެތައް ޖަޒްބާތުތަކެއް ހިނގައިގަތެވެ. އެކަމަކު ތެދުވެގެން ދާކަށް ނުކެރުނެވެ. ބަލަން އިންދާ ކާސިންކަލޯއަށް ވެސް ފާތުމަ ފެނުނެވެ.
ދެކޮޅު ހޯދާލައިފައި ކާސިންކަލޯ އައީ ފާތުމަގެ ކައިރިއަށެވެ. މުސްކުޅި މަންމަ ބެއިންދީ އެތާ އޮތް ހުސްތަނުގަ އެވެ. ދެން ބަނޑާއެކު ބަނދެފައި އޮތް ބޮކްސާ މޮހާލައިފައ ނެގި ފޮތިގަނޑަކުން މަންމަގެ ހަށިގަނޑު ނިވާކޮށްދިނެވެ. ބޮކްސާގަނޑު ބޭއްވީ އަމައަށް ބޯ އެޅޭނެ ގޮތަށެވެ. ހޭވިފައިވާ އިސްތަށިގަނޑު އަތުން އޮމާން ކޮށްދީފައި ނިދާލެވޭތޯ ބެލުމަށް ބުންޏެވެ. އެހުރިހާ މަންޒަރެއް ބަލަން ފާތުމަ އިނެވެ.
އަމައަށް ނިދޭހާއިރު ވުމުން ތެދުވެގެން ދަމުން އަނެއްކާ ވެސް ބަލައިލީ ފާތުމަ އަށެވެ. ލުއި ހިނިތުންވުމެއް ވެރިކޮށްލަން ކާސިންކަލޯ މަސައްކަތް ކުރި އެވެ. އެކަމަކު ކާމިޔާބެއް ނުވި އެވެ.
ކާސިންކަލޯމެންނާއެކު ވެސް އިތުރު އާއިލާތައް އައެވެ. މިސްކިތުގެ ބޮޑުބައެއް މީހުންނާއި އެއްޗެހިން ފުރިއްޖެ އެވެ. ގަސްރުކާއި ، ވަޔާއެކު އޮހެމުންދާ ކާށި ބަނބުކެޔޮފަދަ ތަކެތީގެ ޝިކާރައަކަށްވެފައިވާ މީހުން ވެސް މަދެއް ނޫނެވެ. ރަށުގައި ތިބި ދެހަކީމުން އުޅެނީ އަނިޔާ ލިބިފައިވާ މީހުންނަށް ފަރުވާ ކުރުމުގަ އެވެ. ހުހަށް ތިބި އަންހެންވެރީން ސަލާމަތުން ހުރި ދަރުގެއެއްގައި ކާއެއްޗެހި ރޯފިލުވައިގެން ގެނެސް ކެޔޮފަތުގައި ބެހި އެވެ. ޅަކުދިން ރޯ އަޑު މެދުކެނޑޭވަރެއް ނުވެ އެވެ. ފިންޏާއިގެން ކެތްނުވެގެން ބައެއް މީހުން ހުން އަތުވެއްޖެ އެވެ.
ކަތީބު ތަނެއްގައި އިށީންދެ އިންދައެއް ނުފެނެ އެވެ. ކާއެއްޗެއް ބަނޑަށް ލީ ކަމެއް ނޭނގެ އެވެ. އައިމިނަމެން ދެމައިން ނިދުމުން ކުޑަ މަންޖެއާއި އައިމިނަގެ ސޮރު އުނގަށްލައިގެން ދަލޭކަ އިށީނެވެ. ފާތުމައަށް ބުނީ ބަފައަށް ކާ އެއްޗެއް ދިއްކޮށްލަން ދިއުމަށެވެ. ފާތުމަ ބޯ ޖަހާލައިފައި ތެދުވި އެވެ.
މިސްކިތު ދޮރާއި ހަމަވީއިރު ކަތީބާއި ކަމުވޮށިގެންވާ ގިނަ ބަޔަކު ތަންކޮޅެއް ދުރުގައި މަޝްވަރާއެއްގައި ތިއްބެވެ. ފާތުމަ ދެކޮޅު ހޯދާލައިފައި ދުރުން އައި އަންހެނަކު ހުއްޓުވި އެވެ. ކާއެއްޗެހި ގެންނަ ތަނެއް އޮޅުންފިލުވިއިރު އެއީ އެންމެ ކައިރީގައި ހުރި ގެއިންނެވެ. ތިރީގައި އޮތް އަލަފަތެއް ނަގައި ބޯ ހިޔާކޮށްގެން ފާތުމަ އެދިމާއަށް ދާން ހަރުކޮށް ހިނގައިގަތެވެ. އެސަރަހައްދުގެ ފަސްގަނޑު އުސްވެ ފެން ހެދިފައެއް ނުވެ އެވެ. އެކަމަކު އަނދިރިކަމުން ތަނެއް ދޮރެއް އެނގޭވަރެއް ނޫނެވެ. ވެހޭ ބޯ ވާރެއާއެކު ދޭތެރެއަކުން ވިދާލައި ގުގުރައިގަނެ އެވެ.
ފާތުމަ ބިރުން ހުރެގެން ތަންކޮޅަކަށް ދިޔަތަނާ ފަހަތުން މީހަކު އަންނަކަމުގެ އިހްސާސް ކުރެވުނެވެ. ފާތުމަ ސިހިފައި ހުރި ހިސާބުން ހުއްޓިއްޖެ އެވެ. އެނބުރި ބަލާލި ވަގުތު ވިދާލި އެވެ. ކައިރީ ހުރި އުސްމާނުގެ ސޫރަ ފާހަގަވީ އެވަގުތު އެވެ.
(ނުނިމޭ)
3 Responses
ބޮއްކުރާ ބާލާފަ އެއްނު އަރާނީ ؟ އެހެލާފަކާ ނޫން..
ހާދަކުރުކޮއް!! މި ވާހަކައައް މުޅި ހަފްތާ މި އިންތިޒާރު ކުރަނީ<<
އަދި ކިތައްބައި އެބައިން.
Raalhu nagaane holhilaafa hulhilaafaeh nun