ސްޕެނިޝް ލަލީގާގެ މިސީޒަންގައި ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ ކާމިޔާބުކުރި 20 ވަނަ ލަނޑާއެކު، ބާސެލޯނާއިން ފަޞޭހަކަމާއެކު މަލޯކާ ބަލިކޮށްފިއެވެ. ކޮވިޑް-19 އާއި ގުޅިގެން މެދު ކަނޑާލާފައިވާ ސްޕެނިޝް ލަލީގާ ފަށާފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ.
އިބެރޯސްޓާރ ސްޓޭޑިއަމްގައި ރޭ ކުޅުނު މިމެޗު ބާސެލޯނާއިން ކާމިޔާބުކޮށްފައިވަނީ 0-4 ގެ ނަތީޖާއަކުންނެވެ.
މެޗު ފެށުނުތަނާހެން ބާސެލޯނާއިން ލީޑު ނަގާފައިވާއިރު، މެޗުގެ 2 ވަނަ މިނަޓްގައި ފެނިގެންދިޔަ މިލަނޑަކީ ވިޑާލް ބޮލުން ކާމިޔާބުކޮށްދިން ލަނޑެކެވެ. އެއާއެކު ހަމަޖެހިލައިގެން ކުޅެމުންދިޔަ ބާސެލޯނާއިން ލީޑު އިތުރަށް ފުޅާކުރީ މެޗުގެ 37 ވަނަ މިނަޓްގައި ބްރެއިތުވެއިޓް ކާމިޔާބުކޮށްދިން ލަނޑުންނެވެ. މިއީ ބްރެއިތުވެއިޓް ބާސެލޯނާއަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ. ޚާއްސަ ހުއްދައެއްގެ ދަށުން ބްރެއިތުވެއިތް ބާސެލޯނާއާއި ގުޅުނީ މިދިޔަ ފެބްރުއަރީ މަހުއެވެ.

ބާސެލޯނާގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ޖޯޑި އަލްބާއެވެ. 79 ވަނަ މިނަޓްގައި ފެނިގެންދިޔަ މިލަނޑަކީ ކައުންޓަރ އެޓޭކެއްގައި އަލްބާ އެކަނިމާއެކަނި އޭރިއާތެރެއަށް ވަނުމަށްފަހު ކާމިޔާބުކުރި ލަނޑެކެވެ.
މެޗުގެ ފުރިހަމަ ވަގުތުހަމަވެ އިތުރު ވަގުތުގެ ކުޅުން ކުރިއަށްދަނިކޮށް ކެޕްޓަން މެސީވަނީ ބާސެލޯނާގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. އޭރިއާ ތެރެއިން ގޯލްގެ މަތީކަނަށް ވައްދާލި މިލަނޑަކީ މިސީޒަންގެ ލަލީގާގައި މެސީ ކާމިޔާބުކުރި 20 ވަނަ ލަނޑެވެ. ވޭތުވެދިޔަ 12 ސީޒަންގައިވެސް މެސީ މަދުވެގެން 20 ލަނޑު ލީގުގައި ބާސެލޯނާއަށް ކާމިޔާބުކޮށްދީފައިވެއެވެ.
ޖެނުއަރީމަހު ކުރި ކަކުލުގެ އޮޕަރޭޝަނަށްފަހު ކުޅުމާއި ދުރުގައި ހުރި ލުއިޒް ސުއަރޭޒްވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ރޭގެ މެޗުގައި ކުޅެފައެވެ. ގްރިޒްމަންގެ ބަދަލުގައި ސުއަރޭޒް ކުޅެން ނުކުމެފައިވަނީ މެޗުގެ 57 ވަނަ މިނަޓްގައެވެ.
ކޮވިޑް-19 އާއި ގުޅިގެން ސަޕޯޓަރުން ނުވައްދާ ކުޅުނު މިމެޗުކުރިއަށް ދަނިކޮށް، މެސީގެ އާޖެންޓީނާ ޖާޒީއާއެކު ދަނޑުމައްޗަށް ސަޕޯޓަރަކުވަނީ އަރާފައެވެ. މެސީއާއެކު ސެލްފީއެއް ނެގުމަށް އެރި މި ސަޕޯޓަރު ސެކިއުރިޓީއިންވަނީ ހުއްޓުވާފައެވެ.

ރޭގެ މޮޅާއެކު ތާވަލްގެ އެއްވަނާގައި އޮތް ބާސެލޯނާވަނީ5 ޕޮއިންޓްގެ ލީޑަކަށް ޖެހިލާފައެވެ. 28 މެޗުން ޖުމްލަ 61 ޕޮއިންޓް ބާސެލޯނާއަށް ލިބިފައިވާއިރު، ދެވަނާގައި އޮތް ރެއަލްމެޑްރިޑަށް 27 މެޗުން ލިބިފައިވަނީ 56 ޕޮއިންޓެވެ. މިރޭ އީބާއާއި ދެކޮޅަށް ކުޅޭ މެޗުން މޮޅުވެ މިފަރަގު ކުޑަކުރުމުގެ ފުރުޞަތު ރެއަލްމެޑްރިޑަށް އެބައޮތެވެ. އެސްޓާޑިއޯ އަލްފްރެޑޯ ޑި ސްޓެފަނޯގައި ކުޅުމަށް ހަމަޖެހިފައިވާ މިމެޗު ފަށާނީ މިރޭ 10:30 ގައެވެ.




