ބެލްޖިއަމްގެ ތަރި ޑްރީސް މާޓެންސްގެ ރެކޯޑާއެކު އިންޓަރ މިލާން ބަލިކޮށް ނަޕޯލީ ކޮޕާ އިޓާލިއާ ފައިނަލަށް ދަތުރުކޮށްފިއެވެ.
ކޮޕާ އިޓާލިއާ ސެމީ ފައިނަލްގައި ނަޕޯލީއާއި އިންޓަރމިލާން ބައްދަލުކުރި ސެމީ ފައިނަލްގެ ދެވަނަ މެޗުގެ ދެވަނަ ލެގު ނިމިފައިވަނީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެގެންނެވެ. މިމެޗުގެ ފުރަތަމަ ލެގު ނަޕޯލީ 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައިވުމުން ނަޕޯލީ ފައިނަލަށް ގޮސްފައިވަނީ އެގްރިގޭޓް 2-1 ގެ ނަތީޖާއަކުން އިންޓާރމިލާންގެ މައްޗަށް ކުރި ހޯދައިގެންނެނެވެ.
މެޗުގެ ދެވަނަ މިނަޓްގައި އިންޓަރއިންވަނީ ލީޑު ނަގާ އުންމީދު އާކޮށްފައެވެ. ކްރިސްޓިއަން އެރިކްސަން ކާމިޔާބުކޮށްދިން މިލަނޑު ފެނިގެންގޮސްފައިވަނީ މެޗުގެ 2 ވަނަ މިނަޓްގައެވެ. ނަމަވެސް ފުރަތަމަ ހާފުނިމުމުގެ ކުރިން މާޓެންސް ކާމިޔާބުކުރި ލަނޑާއެކު ނަޕޯލީއިންވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މެޗުގެ 41 ވަނަ މިނަޓްގައި މާޓެންސް ކާމިޔާބުކުރި މިލަނޑާއެކު ނަޕޯލީއަށް އެންމެ ގިނަ ލަނޑު ކާމިޔާބުކޮށްދިން ކުޅުންތެރިޔާއަށް މާޓެންސްވަނީ ވެގެން ގޮސްފައެވެ. މިއީ މާޓެންސް ނަޕޯލީއަށް ކާމިޔާބުކޮށްދިން 122 ވަނަ ލަނޑެވެ.
މިމޮޅާއެކު ކޮޕާ އިޓާލިއާގެ ފައިނަލަށް ނަޕޯލީ ދަތުރުކޮށްފައިވާއިރު، ފައިނަލްގައި ނަޕޯލީ ބައްދަލުކުރަން ޖެހޭނީ ޔުވެންޓަސްއާއެވެ. ޔުވެންޓަސް ފައިނަލަށް ދަތުރުކޮށްފައިވަނީ ސެމީގައި އޭސީ މިލާން ބަލިކުރުމަށްފަހުގައެވެ. އެމެޗުގައި އެގްރިގޭޓުން1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވިނަމަވެސް، ޔުވެންޓަސް މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައިވަނީ އަވޭ ގޯލް އެޑްވާޓޭޖްއާއެކުގައެވެ.
ނަޕޯލީ ކޮޕާ އިޓާލިއާ ހަތަރު ފަހަރެއްގެ މަތިން ކާމިޔާބުކޮށްފައިވާއިރު، އެކްލަބުން އެންމެ ފަހުން މިމުބާރާތް ކާމިޔާބުކޮށްފައިވަނީ 2014 ވަނަ އަހަރުއެވެ.
އިޓަލީގެ ރޯމްގައި ކުޅުމަށް ހަމަޖެހިފައިވާ މިމެޗުގެ ފައިނަލް އޮންނާނީ އަންނަ ބުދަ ދުވަހުގެ ރޭ 12:00 ގައެވެ.



