ހުކުރުނަމާދު ކުރިއަށް ދަނިކޮށް ކާބުލްގެ މިސްކިތެއްގައި ބޮމެއް ގޮއްވާލައި ހަތަރު މީހުން މަރާލައިފި

ހުކުރުނަމާދު ކުރިއަށް ދަނިކޮށް ކާބުލްގެ ހުޅަނގުގެ ސަރަހައްދެއްގައިވާ މިސްކިތެއްގައި ބޮމެއް ގޮއްވާލައި ހަތަރު މީހުން މަރާލައި އަށް މީހުން ޒަހަމް ކޮށްލައިފިއެވެ.

އަފްގާނިސްތާނުގެ އިންޓީރިއާ މިނިސްޓުރީން ބުނެފައިވަނީ، މި ހަމަލާއަކީ ދުރާލައި މިސްކިތުގައި ބޮން ހަރުކޮށްގެން ދީފައިވާ ހަމަލާއެއް ކަމަށާއި މި ހަމަލާގައި ހަމަލާދެވުނު މިސްކިތުގެ އިމާމުވެސް މަރުވެފައިވާ ކަމަށެވެ.

އިންޓީރިއާ މިނިސްޓުރީގެ ތަރުޖަމާން ތޯރިގް އާރިއަން ވިދާޅުވެފައިވަނީ މިހަމަލާ އާއި ގުޅިގެން އެސަރަހައްދު ފުލުހުންގެ ކޮންޓުރޯލުގެ ދަށަށް ގެނެސް ހަމަލާގައި ގެއްލުނު ފަރާތްތައް ކައިރީގައިވާ ހޮސްޕިޓަލުތަކަށް ގެންގޮސްފައިވާ ކަމަށެވެ. މި ހަމަލާގެ ޒިންމާ އަދި އެއްވެސް ޖަމާއަތަކުން އުފުލާފައެއް ނުވެއެވެ.

މިހަމަލާއާއި ގުޅިގެން އަފްގާނިސްތާނުގައި ފުޅާދާއިރާއެއްގައި ހަރަކާތްތެރިވާ ތޯލިބާން ޖަމާއަތުންވަނީ މި ހަމަލާގެ އެއްވެސް ދައުރެއް އަދާކޮށްފައި ނުވާނެ ކަމަށް ބުނެފައެވެ. އަދި މިއީ މިހާރު ސަރުކާރާ އެކު އެޖަމާއަތުން ގާއިމް ކުރަމުންދާ ސުލްހައިގެ އެއްބަސްވުމަށް ހުރަސް އެޅުމަށް ދުޝްމަނުން ދިން ހަމަލާއެއް ކަމަށްވެސް ތޯލިބާނުން ސިފަކޮށްފައި ވެއެވެ.

އަފްގާނިސްތާން ސަރުކާރުން މިހަމަލާއާއި ގުޅިގެން ބުނެފައިވަނީ މިއީ އިންސާނިއްޔަތާއި ހިލާފު އަދި އިސްލާމްދީނުގެ އަސާސްތަކާއިވެސް ހިލާފު ހަމަލާއެއް ކަމަށެވެ.

އަފްގާނިސްތާނު ސަރުކާރާއި ތޯލިބާނުން އަންނަނީ އެގައުމުގައި ދެފަރާތުން ބަދަލުކުރާ ހަމަލާތައް ހުއްޓާލައި ސުލްހަ ގާއިމްކުރުމުގެ އެއްބަސްވުމެއް އެކުލަވާލުމަށް މަސައްކަތްތަކެއް ކުރަމުންނެވެ. އަދި މިމަސައްކަތައް ފާއިތުވެދިޔަ ދުވަސްތަކުގައިވަނީ ކޮންމެސް ވަރެއްގެ ކުރިއެރުންތަކެއްވެސް ލިބިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ