ދެވަނަ (ފުރަތަމަ ބައި)

(މިއީ ޙަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ.)

ވިލިނގިލި ފެރީ ޓާރމިނަލްގައި މީހުން އެންމެ ގިނަ އެއް ވަގުތެވެ. އޮފީސްތަކަށް ދާ މީހުންނާއި ސްކޫލަށް ދާ ކުދިންތަކުން މާޙައުލު އޮތީ ހަލަބޮލިވެފައެވެ. އަހަރެންވެސް ހެނދުނު ޑިޔުޓީ އޮތް ދުވަހެކެވެ. ޑިޔުޓީ ފެށެނީ އަށެއް ޖަހާއިރުއެވެ. ދާންޖެހެނީ އޭ.ޑީ.ކޭ ހޮސްޕިޓަލްއަށެވެ. ތަނުގެ ޙާލަތު އެވަގުތު އޮންނާނެ ގޮތާއި، ޓެކްސީއެއް ހޯދުމަކީ ކިހާވަރެއްގެ ކަމެއްކަން އެނގޭތީ އަހަރެން އަބަދުވެސް އެގަޑީގައި އަރަނީ ހަތެއްގެ ފެރީއަށެވެ. އޭރުން ހަމަޖެހިލައިގެން ދެވެއެވެ.

އާދައިގެމަތިން ފެރީއަށް އަރާފައި އަހަރެން މިގް ތާރޓީ ތްރީ އެޕް ހުޅުވާލީމެވެ. އެވަގުތު މެސެޖްތައް އަންނަންފެށީ ފުލުފުލުގައެވެ. ކުއްލިއަކަށް ފެނުނު މެސެޖަކުން އަހަރެންގެ ހިތަށް ފިނިގަނޑެއް އަރައިގެން ދިޔަފަދަ އިޙުސާސެއް ކުރެވުނެވެ. ސަބަބަކީ އެ މެސެޖް އައިސްފައިވާ އައިޑީގައި ބޭނުންކޮށްފައިވާ ނަމަކީ އަހަރެންގެ ހިތާއި ސިކުނޑީގެ ކޮންމެވެސް ހިސާބެއްގައި ރައްކާކުރެވިފައިވާ ނަމެކެވެ.

"ތިއީ ހަމަ އަހަރެން މި ހީކުރާ ސާރާތަ؟؟؟" މެސެޖުގައި ލިޔެފައި އޮތެވެ. ރައްދު ދިނުމުގެ ކުރިން އަހަރެން ދެފަހަރަށް އެ މެސެޖު ކިޔައިލީމެވެ.

"ކޮން ސާރާއެއްކަމަށް ތި ހީކުރީ؟ ގުމްރީގެ ސާރާތަ؟" ޖަވާބުގައި އަހަރެންވެސް ސުވާލުތަކެއް ފޮނުވައިލީމެވެ. އަހަރެންގެ އައިޑީގައި ބޭނުންކޮށްފައި ވާނީ ނަމުގެ ފަހަތަށް ނަންބަރުތަކެކެވެ. އޭނާގެ އައިޑީވެސް ހަދާފައިވަނީ ހަމަ އެގޮތަށެވެ.

"ނޫން. މި ހޯދަނީ ދޮން ސަމަދުގެ ސާރާ." އަހަންނަށް އެނގޭނެހެން އޭނާ ބުންޏެވެ.

"އެހެންވިއްޔާ މިއީ ތިޔަ ހޯދާ ސާރާ. ތިއީ އަނެއްކާ އަހަރެން މި ހީކުރާ ސާހިލްތަ؟؟؟" ކާކުކަން ޔަޤީންވާއިރުވެސް ނޭނގޭކަމަށް ހަދާފައި އޭނާ ސުވާލުކުރި ބީދައިން އަހަރެންވެސް ސުވާލުކުރީމެވެ.

"ރަށުގަ ނުހުންނާނެ މި ނަން ކިޔާ ދެވަނަ މީހަކު..." ވަރަށް ފަޚުރުވެރިވެލާފައި އޭނާ ބުނެލިއެވެ. އެއީ ތެދެކެވެ. އަހަރެންގެ އުމުރުން މިހާރު އަށާރަ އަހަރުވެފައިވާއިރު ސާހިލް ކިޔާ އެހެން މީހަކާ އަހަންނަށް ރަށުން ދިމާވެފައެއް ނުވެއެވެ. ރަށުން އޭލެވެލް ނިންމާފައި އަހަރެން މާލެ ބަދަލުވިތާ އަދި މާ ގިނަ ދުވަހެއް ނުވެއެވެ.

ވާހަކައިގެ ސިލްސިލާ ފެށުނީ އެހާ ހިސާބުންނެވެ. ފެރީގައި ހޭދަވީ ދިހަ މިނެޓް އަހަރެންގެ ލޯ ފޯނުގެ ސްކްރީން ނޫން އެހެން ދިމާއަކަށް ދަތުރެއް ނުކުރެއެވެ. ވަށައިގެންވާ މާޙައުލުގައި ހިނގާ އެއްވެސް ކަމަކަށް އަހަރެންގެ ފަރުވާލެއް ނެތެވެ. ސާހިލްވެސް ދިޔައީ މެދުކެނޑުމެއް ނެތި މެސެޖު ކުރަމުންނެވެ. ފެރީއިން ފައިބައިގެން އަހަރެން ކާރަށް އެރީވެސް ސާހިލްއާ ވާހަކަ ދައްކަމުންނެވެ. އެކި ވާހަކަ ދެކެވެމުންގޮސް އޭ.ޑީ.ކޭއާ ހަމައަށް ކާރު ދިޔައިރު ވާހަކައިގެ މިސްރާބު ބަދަލުވެފައިވަނީ ކުރީގައި ދެމީހުންނަށް ދިމާވި ކަންތައްތަކާ ދިމާއަށެވެ. އޭރު އަހަރެމެންގެ މެދުގައި ބަސްމޮށުމަކާ ނުލާ އުފެދުނު ނަން ނޭނގޭ ގުޅުމާ ދިމާއަށެވެ.

"ކީއްވެ ފަހުން އަހަރެން ނުފެންނަކަމަށް ހަދަންފެށީ؟" އޭރު ހިތުގައި ލީ ފާރުގަނޑު އަދިވެސް އެއްކޮށް ފަސޭހަނުވާތީ އަހަންނަށް ޝަކުވާކޮށްލެވުނެވެ. އެދުވަސްވަރު ވީ ތަދު އަހަންނަށް މިހާރުވެސް އިޙުސާސްކުރެވޭކަހަލައެވެ.

"އެއީ އޭރު ކަންތައް ދިމާވިގޮތުން." ސާހިލް ޖަވާބު ދިނެވެ. އެޖަވާބުން އަހަންނަކަށް ނުފުދުނެވެ. އެދުވަސްވަރު ހިނގާދިޔަ ކަންތައްތަކުގެ ވާހަކަތައް އަހަންނަށް އަޑު އިވިފައި ހުރީ ތުންތުން މަތިންނެވެ.

--------------------------------------------------------------------------------------------------------------------

އޭރު އަހަރެންގެ އުމުރުން ވާނީ ބާރަ އަހަރެވެ. ރަށުގައި މަންމައާއި ބައްޕަ އަދި ދެ ކޮއްކޮއާއެކު ދިރިއުޅެމުން ދިޔައީ އުފާވެރި ދިރިއުޅުމެކެވެ. އަންހެން ކޮއްކޮ އާރާ އަހަންނަށްވުރެ ކުޑައީ އެންމެ އަހަރެކެވެ. އާރާއާއި ފިރިހެން ކޮއްކޮ އިނާޝްގެ އުމުރުގައި ހުންނަނީ ބަރާބަރު ދެ އަހަރުގެ ފަރަގެކެވެ. ކުޑައިރުއްސުރެވެސް އަހަންނަކީ ލަދުރަކި، ކަންކަމުގައި އިސްނަގަން ފަސްޖެހޭ، ބަސްމަދު އަދި މަޑުމައިތިރި މިޒާޖެއްގެ ކުއްޖެކެވެ. އެކަމުގެ ސަބަބުން އަބަދުވެސް އަހަންނަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހެއެވެ.

ރޯދަމަހެކެވެ. އޭރު ރޯދަމަސް ދިމާވަނީ އަހަރުގެ ފަހު ކޮޅާއެވެ. އެދުވަސްވަރަށް ސްކޫލްތައް ބަންދުވެ ބޮޑު ޗުއްޓީ އޮންނަނީ ފެށިފައެވެ. އެހެންކަމުން މާލޭގައި ތިބޭ ގިނަ އަދަދެއްގެ އާއިލާތައްވެސް ރަށަށް އާދެއެވެ. އެފަހަރު ރޯދަމަހާ ދިމާކޮށް މަންމަ ވަރަށް ބޮޑަށް ބަލިވިއެވެ. ރަށުގައި ޞިއްޙީ ޚިދުމަތުގެ ފެންވަރު އެހާ ރަނގަޅު ނޫންކަމުން ބޮޑު ބައްޔެއް ޖެހިއްޖެނަމަ ގިނަ ބަޔަކު ދަނީ މާލެއަށެވެ. އެހެންކަމުން މަންމައާއި ބައްޕަވެސް އެފަހަރު ދިޔައީ މާލެ ދިއުމަށްޓަކައި ތައްޔާރުވަމުންނެވެ.

މަންމަމެން ފުރުމުގެ ކުރިން ބޮޑު ބޭބެއެއްގެ ގެއަށް އެންމެންނަށް ރޯދަ ވީއްލުމަކަށް ދަޢުވަތު ދިން ދުވަހެކެވެ. މަންމަގެ ބަލި ޙާލަތު ހުރިގޮތުން ދެވެން ނެތުމުން އެދުވަހު އެގެއަށް ދާންޖެހުނީ އަހަންނާއި އާރާއަށެވެ. މަންމަގެ ޢާއިލާއަކީ ރަށުގައި ވަރަށް މަޝްހޫރު އަދި ބޮޑު ޢާއިލާއެކެވެ. ބައްޕައަކީ އެހެން ރަށެއްގެ މީހެކެވެ. މަންމަ އަހަރެމެން ތަންތަނަށް ދާން ވަރަށް ހުއްދަ ނުދެއެވެ. ތަނަކަށް ދިޔަޔަސް ދެވެނީ މަންމައާއެކުގައެވެ. އެހެންކަމުން ޢާއިލާ މީހުންގެ ގޭގެއަށްވެސް ދެވެނީ ވަރަށް މަދު ފަހަރެއްގައެވެ. ބޮޑުބޭބެ ގޭގައި ދެބެއިންގެ ދެދަރި ތިންކުދިން ތިބެއެވެ. އެ އެންމެންނާ ގުޅުން ބަދަހި ނަމަވެސް ސިއްރުތައް ހިއްސާކޮށް ހަދާހާ ގާތެއް ނޫނެވެ. މާ މަދުން އެގެއަށް ދެވޭތީކަމަށްވެސް ވެދާނެއެވެ.

ރޯދަ ވީއްލާ ގަޑިއަށްވުރެ ތަންކޮޅެއް ކުރިން އަހަރެމެން އެގެއަށް ދިޔައީމެވެ. އެގެއަށް ދިޔަ އިރު އަދި ބައެއް ކަންކަން ނުނިމި ހުރުމުން އަހަރެމެންވެސް އެހީތެރިވެދިނުމަށްޓަކައި ބަދިގޭގައި އަތްގާތްކޮށްދޭން ފެށީމެވެ.

"ޝައުނާ ދޭބަލަ ތިއްތަމެންގެއިން ބޮޑު ތެއްޔެއް ހިފައިގެން އަންނަން." ބޮޑުބެ ދައްތަ ވާހަކަ ދެއްކީ އެމީހުންގެ ބޮޑު އަންހެން ދަރިފުޅާއެވެ. ޝައުނާ އަހަންނަށްވުރެ ދޮށީ އެއް އަހަރެވެ.

ޝައުނާ ދަމުން ދިޔައީ އަހަރެން ގޮވައިގެންނެވެ. ތިއްތައަކީ ބޮޑުބެ އަންހެނުންނާ އެއްބަނޑު މީހެކެވެ. އެކި ވާހަކައިގައި ތިބެގެން އަހަރެމެން އެގެއާ ހަމައަށް ދިޔައިރު އެގޭ ދޮރުމަތީގައި އެހެންނޫނީ ނުފެންނަ ފިރިހެން ކުއްޖަކު ހުއްޓާ އަހަރެންގެ ލޮލުގައި އަޅައިގަތެވެ. ވާހަކައިގައި ހުރެފައި އެއްލި ކަޅިއަކުން އޭނާ ފެނުމާއެކު އަހަންނަށް ބުނަން ނޭނގޭ ގޮތްތަކެއް ވާންފެށިއެވެ. އެއީ އިނގިރޭސި ވާހަކަތަކުގައި ސިފަކޮށްދީފައި ހުންނަކަހަލަ ދިގު، ކަޅު އަދި ރީތި ފިރިހެންކުއްޖެކެވެ. އަހަންނަށް ބަލާލެވުނުއިރު އޭނާވެސް ހުރީ ކަޅި ޖަހާ ނުލާ އަހަންނާ ދިމާއަށް ބަލާށެވެ. އޭނާއަށް ލިބިފައިވަނީ ސިއްރުވެރި ދެލޮލެވެ. އެއީ އަހަރެންގެ ހިތުގައި ވިކާލި އޭނާގެ ރީތި އަނެއް ސިފައެވެ. ހީވަނީ އެ ލޮލުގެ ތެރޭގައި ނޭނގޭ އެތައްކަމެއް ފޮރުވިފައިވާހެންނެވެ. އެބެލުމުން އަހަރެންގެ ހިތުގެ ވިންދު އަވަސްވިއެވެ. އަތް ފައިން އޮށްދާ ހިއްލާ ހަށިގަނޑުގައި މަޑު ތުރުތުރެއް އަޅަންފެށިއެވެ.

"ސާހިލްބޭ." ޝައުނާއަށް އެ ފިރިހެންކުއްޖާ ފެނުމުން ގޮވާލާފައި ހިނިތުންވެލިއެވެ. އެއަށްފަހު ގޭތެރެއަށް ވަންނަން ހިނގައިގަތެވެ. އަހަރެންވެސް އޭނާއާ ނަޒަރު ވަކިކޮށްލާފައި ޝައުނާ ފަހަތުން ހިނގައިގަތީމެވެ. ސާހިލްއާމެދު ވިސްނަމުން ގޮސް އެގޭ ދޮރުން ވަތް ވަގުތު އަހަރެން މީހަކާ މުޑި ނޭރީ ކިރިޔާއެވެ. އިސްއުފުލާ ބަލާލިއިރު އެއީ އެގޭ ބޮޑު ފިރިހެން ކުއްޖާ ވިވާންއެވެ. އަހަރެން ފެނުމުން އޭނާ ހިނިތުންވެލާފައި ނުކުމެގެން ދިޔައީއެވެ. އެމީހުންނަކީ ޝައުނާގެ މަންމަ ފަރާތުން ދެބެއިންގެ ދެދަރި މީހުންނެވެ. މަދުމަދުން ފެނި ދެނިވެ އުޅުނު ނަމަވެސް އެމީހުންނާ އަހަރެން ވާހަކަ ދައްކައެއް ނޫޅެމެވެ. އެއީ އަހަރެންގެ މިޒާޖެވެ. ކޮންމެ ކޮންމެ މީހަކާ ވާހަކަ ދެއްކުމަކީ އަހަންނަށް ވަރަށް އުނދަގޫ ކަމެކެވެ.

ތެލި ހިފައިގެން ބޮޑުބެގެއަށް ދިޔައިރު ސާހިލްއާއި ވިވާންވެސް އެގޭގައި ތިއްބެވެ. ދެވަނަ ފަހަރަށް ސާހިލް ފެނުމުންވެސް ކުރިން ކުރެވުނު އިޙްސާސްތައް އަހަންނަށް ކުރެވުނެވެ. އެވަގުތުވެސް އޭނާ ހުރީ ކަޅި ޖަހާ ނުލާ އަހަންނަށް ބަލާށެވެ. އޭނާ ބަލާ ގޮތުން އަހަރެން ލަދުގަންނަ ގޮތްވިޔެވެ. އެހެންކަމުން ވަގުތުން އިސްދަށަށް ޖެހީމެވެ.

ރޯދަ ވީއްލުމުގައި ބޮޑުބެ ދައްތަ ޢާއިލާގެ ބައެއް މީހުންނާއި އެމީހުންގެ ކުދިންވެސް ބައިވެރިވިއެވެ. އެވަގުތުވީ އުފާވެރި އަދި އެހާމެ މަޖާ ވަގުތުކޮޅަކަށެވެ. އަހަރެން އިނީ އެންމެން ދައްކާ ވާހަކަތައް އަޑު އަހާށެވެ. ދޭތެރެއަކުން ސާހިލްއަށް ބަލާލާއިރު އޭނާވެސް އިންނަނީ އަހަންނާ ދިމާއަށް ބަލާށެވެ. އޭނާ އެވަރަށް ބަލާތީ އަހަންނަށް ކާންވެސް އުނދަގޫވިއެވެ. ނަމަވެސް ކުއްލިއަކަށް ތެދުވެގެން ދާން އުޅެފިނަމަ އެންމެންގެ ސަމާލުކަން ހުއްޓޭނެތީ ކެތްކޮށްލައިގެން މަޑުމަޑުން އިނީއެވެ. ދެކެވުނު ވާހަކަތަކުން ސާހިލްއަކީވެސް ބޮޑުބެ ދައްތަގެ އެއްބަނޑު އެއްބަފާ މީހެއްގެ ކުއްޖެއްކަން އެނގުނެވެ. އެގޭ އެހެން ކުދިން އަހަރެން ދަންނަމެވެ. ނަމަވެސް ސާހިލްއަކީ ވަރަށް ކުޑައިރު މާލެއަށް ކިޔަވަން ގޮސްފައިވާ ކުއްޖެއްކަމުން އަހަންނަށް ނޭނގުނީއެވެ. އެ ހުރިހާކަމެއްވެސް އެނގުނީ އެރެއެވެ.

ތިން ދުވަސް ފަހުން މަންމަ އާއި ބައްޕަ އަދި އިނާޝް މާލެ ފުރިއެވެ. މަންމަމެން ދިޔުމުން ބޮޑުބެގޭގައި ތިބުމަށްޓަކައި އަހަންނާ އާރާ ބަލާ ބޮޑުބެ އައެވެ. އެއީ އަމިއްލަ ގެ ނޫން އެހެންތާކު އުޅެން އަހަރެމެން ދިޔަ ފުރަތަމަ ފަހަރެވެ. އެގެއަކީ އާންމުކޮށް އެގޭ ކުދިންގެ ދެފަރާތުގެ ޢާއިލާ ގިނަ ޢަދަދެއްގެ ކުދިން އެއްވެ މަޖާކުރާ ގެއެކެވެ. އޭރު ރޯދަމަހަކީ އަޅުކަމުގެ އިތުރުން އަހަރެމެން ވަރަށް ގިނައިން ކުޅިވަރު ކުޅެ އުޅޭ މަހެކެވެ. ބޮޑުބެ ދައްތަ ޢާއިލާ މީހުންގެ އެހެން ކުދިންނާއެކު ސާހިލްވެސް އެގެއަށް ވަރަށް ގިނައިން އާދެއެވެ. ނަމަވެސް އޭނާ އިސްވެ އަހަންނާ ވާހަކައެއް ނުދައްކައެވެ. ފެނުނީމައި ބަލަން ހުރުން ނޫން ކަމެއް އޭނާ ނުކުރެއެވެ. ބައެއް ފަހަރު އަހަރެން އެކަމާ އުފާވެއެވެ. އަނެއްބައި ފަހަރު އުނދަގޫވެއެވެ. ނަމަވެސް އޭގެން އެއްވެސް ކަމެއް އަހަރެން އެއްވެސް މީހަކާ ހިއްސާއެއް ނުކުރަމެވެ. އަބަދުވެސް ސާހިލް އަހަންނަށް ފެންނަ ހިސާބުގައި ހުންނަން ބޭނުންވެއެވެ. ފެނުމުން އެ ކުރެވޭ އިޙުސާސްތަކަށް ދޭނެ ނަމެއް އޭރު އަހަންނަކަށް ނޭނގެއެވެ. އެކަންކަން އެނގޭވަރަށްވުރެ އޭރު އަހަރެން މާ ކުޑައެވެ.

އާދައިގެ މަތިން އެއްރެއަކު ތަރާވީސް ނަމާދުކޮށް ނިންމާފައި އެރޭ ކުޅޭނެ ކުޅިވަރުތައް ރާވަމުން ދިޔައީމެވެ. ކުޅޭ ގަޑި ކައިރިވަމުންދިޔަ ވަރަކަށް އެންމެން ޖަމާވަމުން ދިޔައެވެ. ވިވާންމެންނާއެކު ސާހިލްވެސް އަޔެވެ. އެރޭ ފުރަތަމަ ކުޅެން ހަމަޖެހުނީ ޖޯޑު ބަހައިގެން ކުޅޭ ކުޅިވަރެކެވެ. މުޅިންވެސް ތިބީ ޝައުނާމެންގެ ދެފަރާތުގެ ޢާއިލާ ކުދިންނެވެ. އަމިއްލައަށް އެމީހަކު ބޭނުން މީހަކާއެކު ޓީމު ހެދުމަށް ބުނެވުނު ވަގުތު އައި ނައިގޮތެއް ނޭނގެ ކުއްލިއަކަށް ސާހިލް ދުވެފައި އައިސް އަހަރެންގެ އަތުގައި ހިފިއެވެ. ހީވީ އެހެން މީހަކު އަހަންނާއެކު ޓީމު ހަދައިފާނެތީ ކުރިކަމެއް ހެންނެވެ. ސާހިލް އަތުގައި ހިފި ވަގުތު ސިހިފައި އަހަންނަށް ސާހިލްއާ ދިމާއަށް ބަލާލެވުނެވެ. އޭރު އޭނާވެސް ހުރީ އަބަދުވެސް އޭނާ އަހަންނާ ދިމާއަށް ބަލާ ގޮތަށް ބަލަހައްޓައިގެންނެވެ. އެހާ ކައިރިން ސާހިލް ފެނުމުން އެ ރީތިކަމުގައި އަހަރެންވެސް ބެހިގެން ދިޔައެވެ. ޓީމް ހެދުމުގައި އެންމެން އަވަދިނެތި އުޅުނު ވަގުތު އަހަންނާ ސާހިލް ތިބީ މުޅިން އެހެން ދުނިޔެއެއްގައެވެ. އެތާ ހިނގަމުން ދިޔަ އެއްވެސް ކަމެއް އަހަރެމެންނަށް ރޭކާވެސް ނުލައެވެ. ސާހިލް އަހަރެންގެ އަތުގައި ހިފަހައްޓާލައިގެން ހުރި ހިސާބުން މަޑު ތުރުތުރެއް އުފެދެމުން ދިޔަކަމުގެ އިޙުސާސް އަހަންނަށް ކުރެވެމުންދިޔައެވެ. އެއީ އޭނާ ފެނުނަސް އަހަންނަށްވާ ގޮތެކެވެ. އޭރު ހިތްވެސް ނެގިނެގިފައި ޖެހެއެވެ. އެވަގުތު އަހަރެންގެ އެހުންނަ ލަދުރަކި މިޒާޖުވެސް ހަނދާންނެތުނުފަދައެވެ.

(ނުނިމޭ)

މިލިޔުން ކިޔާލުމުން
4
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ