ސްޕެއިން ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސްކަމަށް ވާދަނުކުރަން ކަސިޔަސް ނިންމައިފި

ސްޕެއިން ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސްކަމަށް ވާދަނުކުރަން ސްޕެއިންގެ ޤައުމީޓީމުގެ ކުރީގެ ކީޕަރު އިކާ ކަސިޔަސް ނިންމައިފިއެވެ.

ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސްކަމަށް ވާދަކުރަން ނިންމާ އެކަން ކަސިޔަސް އިޢުލާންކޮށްފައިވަނީ މިދިޔަ ފެބްރުއަރީމަހުއެވެ.

އެހެންނަމަވެސް ކަސިޔަސްގެ މިނިންމުން މިހާރު ބަދަލުކޮށްފައިވާއިރު، ރައީސްކަމަށް ކުރިމަތި ނުލާން ނިންމި އެންމެ ބޮޑު ސަބަބަކީ ހަމަހަމަ އިންސާފުވެރި އިންތިޚާބެއް ބޭއްވޭނެކަމަށް އޭނާ ޤަބޫލުނުކުރާތީއެވެ.

"އަހަރެން ބޭނުންވީ ހަމަހަމަ އިންސާފުވެރި، އެންމެންނަށް އަޑުއުފުލޭނެ އިންތިޚާބެއްކަމަށާއި، ނަމަވެސް ކަންތައް ދިމާވަނީ އެހެނެއް ނޫން." ރައީސްކަން ދޫކޮށްލިކަން ހާމަކޮށް ކަސިޔަސް ނެރުނު ބަޔާނުގައިވެއެވެ. އަދި އޭނާގެ މިނިންމުމުގައި ޤައުމުގެ މިހާރުގެ ޙާލަތުހުރިގޮތްވެސް ހިމެނޭކަމަށް އޭނާ ބުންޏެވެ.

ކަސިޔަސްގެ މިނިންމުމާއެކު ސްޕެއިނުގެ ފުޓްބޯޅަ އެސޯސިއޭޝަންގެ މިހާރުގެ ރައީސް ލުއިސް ރުބިއާލެސް އިތުރު ވާދަވެރިއަކާއި ނުލައި އަންނަ އޮގަސްޓް މަހު އަލުން އެމަޤާމަން އިންތިޙާބުވެގެންދާނެއެވެ.

ކަސިޔަސް ސްޕެއިނުގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސްކަމަށް ކުރިމަތިލާން ނިންމީ ލުއިސް ރުބިއާލެސް އެއެސޯސިއޭޝަން ހިންގަމުން އަންނަގޮތް ކަމުނުދާކަމަށްބުނެއެވެ. އެގޮތުން ސްޕެއިންގެ ލީގު ހިންގަމުން އަންނަ އެލްއެފްޕީގެ ރައީސް ހަވިއޭ ޓެބާސް އާއި ރުބިއާލެސްގެ ގުޅުން ގޯސްވެ އެ ގައުމުގެ ފުޓްބޯޅަ އަށް ގޯސް އަސަރުތަކެއް ކުރަމުން އަންނަކަންވެސް ކަސިއަސް ވަނީ މީޑިއާގެ ސަމާލުކަމަށް ގެނެސްފަ އެވެ.

ސްޕެއިނުގެ ފުޓްބޯޅައިގެ ރަސްމީ ވެބްސައިޓްތަކުގައި ނެގި ވޯޓެއްގައި ފެޑެރޭޝަނުގެ ރައީސްކަމަށް ކަސިއަސް ގެންނަން 94 ޕަސެންޓް ސަޕޯޓަރުން ތާއީދުކޮށްފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.

މިދިޔަ އަހަރުގެ މެއި މަހު އެއް ވަނަ ދުވަހު ޕޯޓޯގެ ފަރިތަކުރުންތަކުގެ ތެރެއިން ކަސިޔަސް އަށް ހާޓްއެޓޭކެއް ޖެހިގެން އޭނާ ވަގުތުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފައިވާއިރު، ކަސިޔަސް ކުޅުން ހުއްޓާލާނެ ކަމަށް މީޑިއާތަކުން ރިޕޯޓްކުރިއެވެ. އެހެންނަމަވެސް ފަސް ދުވަސް ވަންދެން ހޮސްޕިޓަލުގައި ބާއްވައި ފަރުވާދިނުމަށް ދޫކޮށްލި ކަސިޔަސް ބުނީ ގޮތެއް ނިންމާނީ ވަރަށް ބޮޑަށް ވިސްނުމަށް ފަހުގައި ކަމަށެވެ.

ރެއަލްމެޑްރިޑު ޔޫތު ޓީމުން ކެރިއަރު ފެށި ކަސިޔަސް 1999 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާ ހަމައަށް ހޭދަކޮށްފައިވާ ރެއަލްމެޑްރިޑުގެ ބޮޑު ޓީމުގައެވެ. ސްޕެއިން އާއެކު ކަސިޔަސްވަނީ އެއް ވޯލްޑްކަޕާއި ދެ ޔޫރޯ ކާމިޔާބުކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ