މެސީ އަދި ފާޓީގެ ލަނޑުން ބާސެލޯނާ ފަސް ޕޮއިންޓްގެ ލީޑަކަށް

ސްޕެނިޝް ލަލީގާގައި ރޭ ލަގްނޭސްއާއި ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ ފަސް ޕޮއިންޓްގެ ލީޑަކަށް ޖެހިލައިިފިއެވެ.

ކޭމްޕްނޯގައި ކުޅެވުނު މިމެޗު ބާސެލޯނާއިން ކާމިޔާބުކޮށްފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ.

ރޭގެ މެޗުގައި ބާސެލޯނާއަށް ލަނޑުތައް ކާމިޔާބުކޮށްދީފައިވަނީ ޒުވާން އަންސޫ ފާޓީ އާއި ކެޕްޓަން ލިއޮނަލްމެސީއެވެ.

ހުރިހާ ގޮތަކުންވެސް ބަސެލޯނާއިން ކޮންޓްރޯލް ކުރަމުންދިޔަ މިމެޗުގެ ފުރަތަމަ ލަނޑު ފެނިގެންގޮސްފައިވަނީ މެޗުގެ 42 ވަނަ މިނަޓްގައެވެ. އަންސޫ ފާޓީ ޖަހައިދިން މިލަނޑަކީ އޭނާ ލަލީގާގައި ޖެހި ފަސް ވަނަ ލަނޑެވެ. ބާސެލޯނާގެ ލީޑު މެސީ ފުޅާކޮށްދީފައިވަނީ ލިބުނު ޕެނަލްޓީއަކުން 69 ވަނަ މިނަޓްގައެވެ. މިއީ މެސީގެ ކެރިއަރުގައި އޭނާ ކާމިޔާބުކުރި 699 ވަނަ ލަނޑެވެ.

ރުބެން ޕެރޭޒް، މެސީއަށް ކުރި ފައުލަކާއި ގުޅިގެން ލިބުނު މިޕެނަލްޓީ މެސީ ކާމިޔާބުކޮށްފައިވަނީ ކީޕަރަށް އޮޅުވާލުމަށްފަހު ޑައިބްކުރި ފަރާތްނޫން އަނެއް ފަރާތަށް ބޯޅަ ފޮނުވާލައިގެންނެވެ.

މެސީ ބާސެލޯނާއަށް މިހާތަނަށް ކުޅުނު 720 މެޗުން 629 ލަނޑު ކާމިޔާބުކޮށްދީފައިވާއިރު، އާޖެންޓީނާއަށް މިހާތަނަށް އޭނާ ކުޅެދިން 138 މެޗުން 70 ލަނޑު ކާމިޔާބުކޮށްދީފައިވެއެވެ.

މިމޮޅާއެކު ތާވަލްގެ އެއްވަނާގައި އޮތް ބާސެލޯނާވަނީ 5 ޕޮއިންޓްގެ ލީޑަކަށް ޖެހިލާފައެވެ. ބާސެލޯނާއަށް 29 މެޗުން ލިބިފައިވަނީ 64 ޕޮއިންޓެވެ. ވާދަވެރި ރެއަލްމެޑްރިޑް ދެވަނާގައި އޮތީ 59 ޕޮއިންޓާ އެކުގައެވެ. ރެއަލްމެޑްރިޑް އެއްމެޗު މަދުން ކުޅެފައިވާއިރު، ބުރާސްފަތި ދުވަހުގެ ރޭ ވެލެންސިއާ ބައްދަލުކުރާ މެޗުން މޮޅުވެ މިފަރަގު ކުޑަކުރުމުގެ ފުރުޞަތު ރެއަލްމެޑްރިޑަށް އެބައޮތެވެ.

އެސްޓާޑިއޯ އަލްފްރެޑޯ ޑިސްޓެފަނޯގައި ކުޅުމަށް ހަމަޖެހިފައިވާ މިމެޗު ފަށާނީ ބުރާސްފަތަި ދުވަހުގެ ރޭ 01:00 ގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ