ސިޔާސީ 3 ޕާޓީއަކާމެދު ފިޔަވަޅުއަޅަން ނިންމައިފި

ސިޔާސީ ޕާޓީގެ ޤާނޫނާއި ޚިލާފުވެގެން ތިން ސިޔާސީ ޕާޓީއަކާމެދު ފިޔަވަޅު އެޅުއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވައިފިއެވެ.

އިލެކްޝަން ކޮމިޝަނުން މިއަދު ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވީ، ސިޔާސީ ޕާޓީގެ ޤާނޫނާއި ޚިލާފުވެގެން ތިން ސިޔާސީ ޕާޓީއަކާމެދު ފިޔަވަޅު އެޅުމަށް އެކޮމިޝަންއިން ނިންމައިފައިވާކަމަށެވެ. އެގޮތުން އެކޮމިޝަނުން ފިޔަވަޅު އެޅުމަށް ނިންމާފައިވަނީ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސްއާއި، ދިވެހި ރައްޔިތުންގެ ޕާޓީ އަދި މޯލްޑިވްސް ތާރޑްވޭ ޑިމޮކްރެޓްސް އެވެ.

އީސީއިން ވިދާޅުވި ގޮތުގައި، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސްއިންއެ ޕާޓީގެ އަސާސީ ގަވާއިދާ އެއްގޮތަށް ގައުމީ ބައްދަލުވުން ބާއްވާފައިނުވާތީ، ސިޔާސީ ޕާޓީގެ ޤާނޫނުގެ 49 ވަނަ މާއްދާގެ (ހ) ގެ 2 ގެ ދަށުން އެ ޕާޓީ -/50,000 ފަންސާސް ހާސް) ރުފިޔާއިން އެޕާޓީވަނީ ޖޫރިމަނާކުރެވިފައެވެ. އަދި މި ޖޫރިމަނާ، ސަރުކާރުން އިއުލާނުކޮށްފައިވާ ސިއްއީ ކުއްލި ނުރައްކަލުގެ ޙާލަތު އުވާލާ ދުވަހުން ފެށިގެން 1 މަސް ދުވަހުގެ ތެރޭގައި ދެއްކުމަށާއި އަދި ސަރުކާރުން އިއުލާނުކޮށްފައިވާ ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އުވާލުމުން ޕާޓީގެ ގައުމީ ބައްދަލުވުން ވީ އެންމެ އަވަހަކަށް ބޭއްވުމަށާއި އަދި ބައްދަލުވުން ބޭއްވުމަށް ދެވޭނެ އެންމެ ދިގު މުއްދަތަކީ ސިއްޙީ ކުއްލި ޙާލަތު އިއުލާނުކޮށްފައިވާ ޖުމުލަ ދުވަހުގެ މުއްދަތުކަމުގައި ވެސް ވަނީ ދަންނަވާފައެވެ.

އަދި ދިވެހި ރައްޔިތުންގެ ޕާޓީއިން ތަކުރާރުކޮށް ސިޔާސީ ޕާޓީގެ ޤާނޫނާއި އެ ޕާޓީގެ އަސާސީ ގަވާއިދާ ޚިލާފުވެ، އެ ޕާޓީ 2016 އަދި 2019 ގައި ކޮށްފައިވާ ޖޫރިމަނާތަކުގެ ފައިސާ ދައްކާފައިނުވާތީ، ދެ ފަހަރެއްގެ މަތިން މި ފައިސާ ކޮމިޝަނަށް ދެއްކުމަށް އެ ޕާޓީއަށް އެންގުނު ނަމަވެސް މިހާތަނައް އެ ފައިސާ ދައްކާފައި ނުވާތީއާއި، ސިޔާސީ ޕާޓީގެ ޤާނޫނާއި އެ ޕާޓީގެ އަސާސީ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް 2018 އަދި 2019 ވަނަ އެ ޕާޓީގެ އަހަރީ ރިޕޯޓާއި އޯޑިޓް ރިޕޯޓްވެސް ކޮމިޝަނަށް ހުށަހަޅާފައިނުވާތީއާއި، އަދި ޕާޓީގެ އަސާސީ ގަވާއިދުގެ 59 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން އެ ޕާޓީގެ ގައުމީ ޖަލްސާ ބާއްވާފައިނުވާތީ، މިކަންކަން އިސްލާޙު ކުރުމަށް އެ ޕާޓީއަށް އީސީއިންވަނީ އަންގާފައެވެ. އަދި ދިވެހި ރައްޔިތުންގެ ޕާޓީއަށް އެކި ފަހަރުމަތިން ނަސޭހަތާއި އިންޒާރު އަދި ފިޔަވަޅު އަޅާފައިވާތީ، އިތުރަށް އަޅަން ހުރި އެންމެ ފަހުގެ ފިޔަވަޅާބެހޭ ގޮތުން އެ ޕާޓީއާއެކު މަޝްވަރާކޮށް ބައްދަލުވުމެއް ބޭއްވުމަށް ކޮމިޝަނުން ނިންމާފައިވާކަމަށްވެސް އީސީގެ މިބަޔާނުގައި ވެއެވެ.

މީގެިއތުރުން މޯލްޑިވްސް ތާރޑްވޭ ޑިމޮކްރެޓްސް އިން ސިޔާސީ ޕާޓީގެ ޤާނޫނުގެ 27 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން އެ ޕާޓީގެ ގައުމީ ބައްދަލުވުން ބާއްވާފައިނުވާތީ، ސިޔާސީ ޕާޓީގެ ޤާނޫނުގެ 49 ވަނަ މާއްދާގެ (ހ) ގެ 2 ގެ ދަށުން އެ ޕާޓީ -/30,000 (ތިރީސް ހާސް) ރުފިޔާއިން ޖޫރިމަނާ ކުރުމަށް އީސީއިން ނިންމާފައިވާއިރު، މި ޖޫރިމަނާ، ސަރުކާރުން އިއުލާނުކޮށްފައިވާ ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އުވާލާ ދުވަހުން ފެށިގެން 1 މަސް ދުވަހުގެ ތެރޭގައި ދެއްކުމަށާއި އަދި ސަރުކާރުން އިއުލާނުކޮށްފައިވާ ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އުވާލުމުން ޕާޓީގެ ގައުމީ ބައްދަލުވުން ވީ އެންމެ އަވަހަކަށް ބޭއްވުމަށާއި އަދި ބައްދަލުވުން ބޭއްވުމަށް ދެވޭނެ އެންމެ ދިގު މުއްދަތަކީ ސިއްޙީ ކުއްލި ޙާލަތު އިއުލާނުކޮށްފައިވާ ޖުމުލަ ދުވަހުގެ މުއްދަތުކަމުގައި ވެސް ވަނީ ދަންނަވާފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ