ޔޫތް މިނިސްޓްރީއަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ވޭތުވެދިޔަ ސަރުކާރުން ފަށާފައި ނުނިމިހުރި ދަނޑުތައް ކަމަށް މިނިސްޓަރ އޮފް ޔޫތް ސްޕޯޓްސް އެންޑް އެމްޕަވަރމެންޓް އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.
މަޙްލޫފް މިހެން ވިދާޅުވެފައިވަނީ، 19 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެވަޑައިގެންފައިވާ އެމްޑީޕީގެ މެމްބަރުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރ މަޙްލޫފް ވިދާޅުވީ، ވަޒީރުކަމާ ހަވާލުވެ ވަޑައިގަތުމަށްފަހު 100 ވަރަކަށް ރަށަށް ޒިޔާރަތްކުރައްވައި އެ ރަށްރަށުގެ ކައުންސިލާއި ޒުވާނުންނާ ބައްދަލުކޮށް ރަށަށް އެންމެ ބޭނުންވާ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.
އެގޮތަށް ކުރެވުނު މަސްވަރާތަކުގެ އަލީގައި މަޙްލޫފް ވިދާޅުވީ، އެންމެ ބޮޑު ގޮންޖެހުމެއް ކަމަށް ފާހަގަ ކުރެވުނީ ކުރީގެ ސަރުކާރުން ފަށާފައިވާ ދަނޑު ތަކުގެ މަސައްކަތްތަކާއި، މިނިސްޓްރީގެ ބެލުމުގެ ދަށުގައި ވީރާނާވެ، ހަލާކުވެފައި ހުރި ޒުވާނުންގެ މަރުކަޒުތައް ފަދަ ތަންތަން ކަމަށެވެ.
Minister @AhmedMahloof 19 vana rayithunge majlis ah hovi vadaigenfaivaa @MDPSecretariat membarunaa badal kurahvaa dhaairaa takuge tarhagee ah kuriyah oiy 3 aharah reyvifaivaa program thakaa anna aharuge budget aa beheygothun mashavaraakurahvaifi. pic.twitter.com/yZsZMtL19W
— Ministry of Youth,Sports and Community Empowerment (@MoYSCEmv) May 13, 2019
މީގެ އިތުރުން މި ބައްދަލުކުރެއްވުމުގައި، ދާއިރާތަކުގެ ތަރައްގީއަށް ކުރިއަށް އޮތް ތިން އަހަރަށް ރޭވިފައިވާ ޕްރޮގްރާމްތަކާ ގުޅޭ ގޮތުން އަދި އަންނަ އަހަރުގެ ބަޖެޓާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ.
ކުރީ ސަރުކާރުން ފަށާފައިވާ ފުޓްސަލް ދަނޑުތަކުގެ މައްސަލަ ސަރުކާރަށް ދަތިކަމަކަށް ވެފައިވާއިރު، އައު ސަރުކާރުން ވަނީ 2 ފުޓްބޯޅަ ދަނޑެއްގައި ޓަރފް އަޅަން އިއުލާންކޮށް، އިތުރު 11 ދަނޑެއްގައި ޓަރފް އަޅަން ވަރަށް އަވަހަށް އިއުލާން ކުރައްވާނެކަން ހާމަކުރައްވާފައެވެ.
މި ފަސް އަހަރުގެ ތެރޭގައި 100 ފުޓްބޯޅަ ދަނޑުގައި ޓާރފް އަޅައިގެން ތަރައްޤީ ކުރުމަކީ އަމާޒެއް ކަމަށް ޔޫތް މިނިސްޓަރު ވަނީ ވޭތުވެދިޔަ ހަފްތާގައި ވިދާޅުވެފައެވެ.