ޕްރިމިއާ ލީގު އެނބުރި އައިރު ސިޓީއިން ފަޞޭހަކަމާއެކު އާސެނަލް ބަލިކޮށްފި

ކޮވިޑް-19 އާއި ގުޅިގެން މެދުކަނޑާލާފައިވާ އިންގްލިޝް ޕްރިމިއާ ލީގު ރޭ ފައްޓާފައިވާއިރު، މެންޗެސްޓާރ ސިޓީއިން ފަޞޭހަކަމާއެކު ވާދަވެރި އާސެނަލް ބަލިކޮށްފިއެވެ.

އެތިހާދު ސްޓޭޑިއަމްގައި ކުޅުނު މިމެޗު ސިޓީއިން ކާމިޔާބުކޮށްފައިވަނީ 3-0 ގެ ނަތީޖާއަކުންނެވެ.

މެޗު ފެށިނީއްސުރެ ސިޓީގެ ފަރާތުން ނުރައްކާތެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ލަނޑު ޖަހާނެ ގިނަ ފުރުޞަތުތަކެއް ސިޓީއަށް ލިބިގެންގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މެޗުގެ ވަރަށް ކުރީކޮޅު އޭރިއާގެ ރޮނގުމަތިން ކަހަލަ ގޮތަކަށް ސިޓީގެ ޑިބްރޫނޭ ފޮނުވާލި ހިލޭ ޖެހުމެއް އާސެނަލްގެ ކީޕަރު ލެނޯ ދިފާޢުކޮށްފައިވެއެވެ. އަދި މެޗު ފެށުނުތާ ބައިގަޑިއިރެއްހާ ފަހުން އޭރިއާތެރެއަށް ވަދެ ސިޓީގެ ރަހީމް ސްޓާލިން އަރިމަތިން ފޮނުވާލި ހޫނު ހަމަލާއެއްވެސް ލެނީ ދިފާޢުކޮށްފައިވެއެވެ.

މީގެއިތުރުން އޭރިއާ ތެރެއިން މަޙްރޭޒް އާއި ސިލްވާ ފޮނުވާލި ނުރައްކާތެރި ދެހަމަލާވެސް ދިފާޢުކުރީ ކީޕަރު ލެނޯއެވެ.

ސިޓީގެ ފުރަތަމަ ފެނިގެން ގޮސްފައިވަނީ މެޗުގެ ފުރަތަމަ ހާފުގެ އިތުރުވަގުތުގައެވެ. ޑިފެންޑަރު ޑޭވިޑް ލުއިޒް ހެދުނު ގޯހެއްގެ ފައިދާ ނަގައި ސިޓީއަށް މިލަނޑު ކާމިޔާބުކޮށްދިނީ ރަހީމް ސްޓާލިންނެވެ. ލުއިޒް ފައިގައި ޖެހި ކޮންޓްރޯލް ނުވެގެން ފަހަތަށް ދިޔަ ބޯޅަ ސްޓާލިން ގޯލްގެ ތެރެއަށް ފޮނުވާލާފައިވަނީ ވަރަށް އިތުބާރާއެކުގައެވެ.

ސިޓީގެ ދެވަނަ ލަނޑަކީ ލުއިޒްއަށް ހެދުނު ގޯހަކަށް ކާމިޔާބުކުރި ލަނޑެކެވެ. މެޗުގެ 50 ވަނަ މިނަޓްގައި ފެނިގެންދިޔަ މިލަނޑު ޑިބްރޫނޭ ކާމިޔާބުކޮށްފައިވަނީ އޭރިއާތެރެއިން މަޙްރޭޒްއަށް ލުއިޒްކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީގައެވެ. ކީޕަރަށް އޮޅުވާލުމަށް ޑިބްރޫނޭ ގޯލްގެ ތެރެއަށް ބޯޅަ ފޮނުވާލީ ކީޕަރު ޑައިބްކުރިފަރާތް ނޫން އަނެއް ފަރާތަށެވެ. ލުއިޒްގެ ފައުލާއި ގުޅިގެން އޭނާއަށް ރަތް ކާޑުދައްކާ ދަނޑު ފޮނުވާލިއެވެ. ލުއިޒް މެޗުގެ ފުރަތަމަ ހާފުގައި ކުޅެން ނުކުމެފައިވަނީ ބަދަލުކުޅުންތެރިއެއްގެ ގޮތުގައެވެ.

ލުއިޒްގެ ރަތްކާޑާއެކު ދެލަނޑު ލީޑުގައި އޮތް ސީޓިގެ ހަމަލާތަށް އިތުރަށްވީ ވަރުގައެވެ. ސިޓީގެ ތިންވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގައި ފެނިގެން ގޮސްފައިވަނީ ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ފިލް ފޯޑެންގެ ފަރާތުންނެވެ. އާސެނަލްގެ ޑިފެންޑަރުން ކަޓުވާލުމަށްފަހު އޭރިއާތެރެއަށް ވަދެ އަގުއެރޯ ފޮނުވާލި ހަމަލާ ގޯލްގެ އަރިމަތީ ދަނޑީގައި ޖެހި ބޭރަށް ނުކުތުމާއެކު ފޯޑެންވަނީ އެބޯޅަ ގޯލްގެތެރެއަށް ފޮނުވާލާފައެވެ.

ރޭގެ މޮޅާއެކު ސިޓީއިންވަނީ އާސެނަލްއާއި ދެކޮޅަށް އެންމެފަހުން ކުޅުނު 7 މެޗުންވެސް އެކްލަބު ބަލިކޮށްފައެވެ. 29 މެޗުން ލިބުނު 60 ޕޮއިންޓާއެކު ސިޓީ އޮތީ ތާވަލްގެ ދެވަނާގައެވެ. ބޮޑު ފަރަގާއެކު އެއްވަނާގައި އޮތް ލިވަޕޫލް29 މެޗުން 82 ޕޮއިންޓް ހޯދާފައިވެއެވެ.

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ