ލިޔެކިޔުން ނެތި ޤަވާއިދާއި ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބަންގްލަދޭޝް މީހުންގެ ތެރެއިން 2499 މީހަކު އަނބުރާ ޤައުމަށް ފޮނުވާލައިފިކަމުގައި ފޮރިންގ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
ފޮރިން މިނިސްޓްރީން ވިދާޅުވެފައިވަނީ އަނބުރާ ޤައުމަށް ފޮނުވާލެވިފައި 2499 މީހުންނަކީ 21 އޭޕްރީލް 2020 އިން ފެށިގެން މިއަދުގެ ނިޔަލަށް ފޮނުވާލެވިފައިވާ މީހުންކަމަށެވެ.
އެގޮތުން މި މީހުން ފޮނުވާލާފައިވަނީ މިކަމަށް ޚާއްސަކޮށް ޤައުމީ އެއަރލައިން މޯލްޑިވިއަންއިން ބޭއްވި 11 ފްލައިޓެއްގައާއި، ބަންގްލަދޭޝްގެ ބިމާން އެއަރގެ ފްލައިޓެއްގެ އިތުރުން ބަންގްލަދޭޝްގެ އަސްކަރީ 2 މަތިންދާބޯޓަކާ އަދި ރާއްޖޭގައި ޤަވާޢިދާ އެއްގޮތަށް އުޅެމުންދާ ބަންގްލަދޭޝްގެ ބައެއް ރައްޔިތުން އަނބުރާ ޤައުމަށް ދިޔުމަށް ބޭނުންކުރި މޯލްޑިވިއަންގެ ރިޕަޓްރިއޭޝަން ފްލައިޓެއް މެދުވެރިކޮށްކަމަށެވެ.
ޤަވާޢިދާ ޚިލާފަށް އުޅެމުންދާ ގިނަ އަދަދެއްގެ ބިދޭސިން ރާއްޖޭގައި އުޅެމުންދާއިރު، ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ނިމިދިޔަ އަހަރުން ފެށިގެން ފޮރިން މިނިސްޓްރީއާ އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ދަނީ ޚާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން ޤަވާއިދާއި ޚިލާފަށް އުޅެމުންދާ ބިދޭސިން ޤާނޫނީ އިމުގެ ތެރެއަށް ވެއްދުމަށްޓަކައި ސަރުކާރުން ވަނީ ޕްރޮގްރާމްތަކެއް ހިންގާފައެވެ. މި ޕްރޮގްރާމްތަކުގައި އެތައްހާސް ބިދޭސީންނެއް ވަނީ ރަޖިސްޓްރީ ވެފައެވެ.




