އައްޑޫ ސިޓީ ގަމާއި ކޮޅުނބާ ދެމެދު ކުރަމުންދިޔަ ވައިގެ ދަތުރުތައް ލަސްނުކޮށް ފަށަންޖެހޭ ކަމުގައި ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މަޢުމޫން ވިދާޅުވެއްޖެއެވެ.
ޣައްސާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އިޤްތިޞާދު ހީނަރުވަމުންދާ މިވަގުތު ވިޔަފާރިތަކަށާއި، ރައްޔިތުންނަށް ފުރުޞަތުތައް ހޯދައިދޭންޖެހޭ ކަމަށެވެ.
އެގޮތުން ޣައްސާން ވިދާޅުވެފައިވަނީ އައްޑޫ ސިޓީ ގަމާއި ކޮޅުނބާ މެދެދު ހަފްތާއަކު ތިން ދުވަހު ކުރަމުންދިޔަ ވައިފގެ ދަތުރު ތަކަކީ އެ ސިޓީގެ އާންމު ދިރިއުޅުމަށާއި، ފަތުރުވެރިކަމަށް އަދި ވިޔަފާރިއަށް ބޮޑެތި ކުރިއެރުންތަކަކާއި ލުއިފަސޭހަކަން ގެނުވި މުޙިންމު ތަރައްޤީއެއްކަމަށެވެ.
"މިދަތުރުތައް އެހެންބަޔަކު ކުރުމަށް އުޒުރުވެރިވާނަމަ، ޤައުމީ އުދުހުމެއްގެ ގޮތުގައި މޯލްޑިވިއަން އިން ނަމަވެސް ލަސްނުކޮށް ފަށަންޖެހޭ" ޣައްސާން ވިދާޅުވެފައިވެއެވެ.
ޣައްސާން އިތުރަށް ވިދާޅުވެފައިވަނީ ކެނަރީފް ބަންދުވުމާއެކު އައްޑޫ ސިޓީގެ ފަތުރުވެރިކަން ހީނަރުވިޔަ ނުދިނުމަށްވެސް އިތުރު އަވަސް ފިޔަވަޅުތަކެއް އެޅުން މުޙިންމު ކަމަށެވެ.
ކޮވިޑް-19 އާއި ގުޅިގެން ފަތުރުވެރިކަމުގެ ސިނާޢަތު ހުއްޓި ރާއްޖޭގެ އިޤްޠިޞޯދަށް ވަނީ ވަރަށް ބޮޑަށް އަސަރު ކޮށްފައެވެ.




