ކުރީގެ ރައީސް ޔާމީންއަށް ކޮށްފައިވާ ޙުކުމަށް ސިޔާސީ ނުފޫޒު ވެދެފައި އޮތް މިންވަރު އިތުރަށް ސާފުވެއްޖެކަމުގައި ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މަޢުމޫން ވިދާޅުވެއްޖެއެވެ.
ޣައްސާން މިހެން ވިދާޅުވެފައި މިވަނީ ޕީޖީ ޝަމީމް އަށް ކުރެވެމުންދާ ތުހުމަތުތަކާއި ގުޅިގެންނެވެ. އެގޮތުން ޕީޖީ ޝަމީމްވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ތުހުމަތު ކުރެވޭ ބައެއް ފަރާތްތަކަށް ވަކީލްކަން ކޮށްދީފައިކަމަށާއި އަދި އެސްއޯއެފް ޚަރަދުގައި ޝަމީމް ޔޫކޭއަށް ދިޔަކަމަށް ވަނީ އަޑުފެތުރިފައެވެ. މީގެ އިތުރުން އެމަނިކުފާނުގެ ގެ އިމާރާތް ކުރެއްވުމުގައިވެސް އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ބެނުންކޮށްފައިވާކަމަށް ވަނީ ތުހުމަތުކޮށްފައެވެ.
ނަމަވެސް ޕީޖީ ޝަމީމް ވަނީ މި ތުހުމަތުތައް ދޮގުކުރައްވާފައެވެ. އެގޮތުން ވަގުތު އޮންލައިންއަށް ޝަމީމް ވިދާޅުވެފައިވަނީ އެބޭފުޅާއަށް އެމްއެމްޕީއަރުސީގެ އެއްވެސް ފައިސާއެއް ލިބިފައިނުވާކަމަށެވެ.
މިފަދަ ބޮޑެތި ތުހުމަތު ތަކެއް ޕީޖީއަށް ކުރެވެމުންދާއިރު، އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގެ މައްސަލައިގައި އެބޭފުޅާ ދަޢުލަތުގެ އެންމެ އިސް ވަކީލެއްގެ ގޮތުން މަސައްކަތް ކުރެއްވުމަކީ މަސްލަހަތު ފުށޫ އަރާ ކަމެއް ކަމަށް ބުނެ އަމިއްލަ ފަރާތަކުން އިއްޔެ ވަނީ ބާ ކައުންސިލަށް މައްސަލަވެސް ހުށައަޅާފައެވެ.
މީގެ އިތުރުން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މައްޗަށް އުފުލާފައިވާ ދަޢުވާތައް ކްރިމިނަލް ކޯޓުން ބާޠިލް ކުރުމާއި ގުޅިގެން އިދިކޮޅުން ވިދާޅުވެފައިވަނީ ރައީސް ޔާމީންގެ މައްޗަށް އުފުލައިގެން އުޅޭ ދަޢުވާއަކީ ޞައްޙަ ދަޢުވާއެއް ނޫންކަން ކޯޓެއްގެ ތެރެއިން ޔަޤީންވެފައިވާކަމަށެވެ. އެހެން ކަމުން އެމްއެމްޕީއާރުސީގެ މައްސަލައަކީ މިހާރު ވުޖޫދުގައި ނެތް މައްސަލައެއްކަމަށް އިދިކޮޅުން ވަނީ ވިދާޅުވެފައެވެ.




