ޗައިނާގައި ކެނެޑާގެ ދެރައްޔިތަކު ހައްޔަރުކުރިތާ 18 މަސްދުވަސް ފަހުން އެ ދެމީހުންގެ މައްޗަށް ޖާސޫސް ކުރިކަމުގެ ދައުވާ ޗައިނާއިން ކޮށްފިއެވެ.
މައިކަލް ކޮވްރިގް އަދި މައިކަލް ސުޕަވަރ ޗައިނާއިން ހައްޔަރުކޮށްފައިވަނީ، 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ. މައިކަލް ކޮވްރިގް އަކީ ކުރީގެ ޑިޕުލޮމެޓިކެކެވެ. އަދި މައިކަލް ސުޕަވަރ އަކީ ވިޔަފާރި ވެރިއެކެވެ.
ޗައިނާއިން ކެނެޑާގެ ދެރައްޔިތުން ހައްޔަރުކޮށްފައިވަނީ، އެމެރިކާގެ އެދުމަށް ކެނެޑާއިން ވާވޭގެ ޗީފް ފައިނޭންޝަލް އޮފިސަރު އަދި ކުންފުނީގެ ބާނީގެ އަންހެން ދަރިފުޅު މެންގް ވަންޒޫ ހައްޔަރުކުރިތާ މާގިނަ ދުވަސްތަކެއް ނުވަނީހެވެ. ކެނެޑާއިން ތުހުމަތުކުރަނީ ޗައިނާއިން އެގައުމުގެ ދެރައްޔިތުން ހައްޔަރުކޮށްފައިވަނީ މިކަމާއި ގުޅިގެން ކަމަށެވެ.
ނަމަވެސް ޗައިނާއިން މި ތުހުމަތުތައް ދޮގުކުރެއެވެ. މިމައްސަލައާއި ގުޅިގެން ޗައިނާއިން ބުނެފައިވަނީ، ކެނެޑާގެ ދެރައްޔިތަކު ހައްޔަރުކޮށްފައިވަނީ ޗައިނާގެ ދައުލަތުގެ ސިއްރުތައް ހޯދައި އެހެން ފަރާތްތަކަށް ފޯރުކޮށްދިން ކަމުގެ ކުށުގައި ކަމަށެވެ.
ޗައިނާގެ ކޯޓު ސިސްޓަމަކީ އެގައުމުގައި ވެރިކަންކުރާ ކޮމިއުނިސްޓު ޕާޓީގެ ފުރިހަމަ ބާރުގެދަށުގައި އޮންނަ ތަނެއްގެ ގޮތުގައި ބައިނަލްއަގްވާމީ މީޑިއާތަކުން ރިޕޯޓް ކުރެއެވެ. އަދި ސަރުކާރުގެ ފަރާތުން ދައުވާކުރާ މައްސަލަތައް 100 އިންސައްތައާއި ގާތްކުރާ މިންވަރައް މިހާތަނަށް ކޯޓުތަކުގައި ސާބިތުވެފައިވާ ކަމަށްވެސް މި މީޑިއާތަކުން ރިޕޯޓް ކުރެއެވެ.




