ބާސާ އަތުން ބޯނަސް ހޯދަން ހުށަހެޅި މައްސަލާގައި ނޭމާއަށް ފައިސާ ދައްކަން ޖެހިއްޖެ

ސްޕެއިންގެ ބާސެލޯނާ އަތުން ބޯނަސް ފައިސާ ހޯދަން ބްރެޒިލްގެ ތަރި ނޭމާ ހުށަހެޅި މައްސަލާގައި، އޭނާއަތުން ކްލަބަށް ފައިސާ ދައްކަން ޖެހިއްޖެއެވެ.

ނޭމާގެ މިދަޢުވާ ބާސެލޯނާއަށް ކާމިޔާބުވެފައިވާކަން އެކްލަބުން ހާމަކޮށްފައިވާއިރު، ބަސެލޯނާއިން ނެރެފައިވާ ބަޔާނެއްގައި ބުނީ ބާސެލޯނާގެ ސޯޝަލް ކޯޓު 15 އިން ނޭމާ ބޯނަސް ހޯދުމަށް ހުށަހެޅި މައްސަލައިގެ ޙުކުމް މިއަދު އިއްވާފައިވާކަަށާއި، އެޙުކުމަގައިވާ ގޮތުން ނޭމާގެ މުޅި މައްސަލަ އެއްކޮށް ބާޠިލްކޮށްފައިވާއިރު، 6.7 މިލިއަން ޔޫރޯ ބާސެލޯނާއަށް ދެއްކުމަށް ނޭމާއަށް ޙުކުމްކޮށްފައިވާކަމަށެވެ.

ބޯނަސްގެ ގޮތުގައި ނޭމާއަށް ލިބެންޖެހޭ ފައިސާ އޭނާ ޕީއެސްޖީއަށް ބަދަލުވުމުގެ ސަބަބުން ބާސެލޯނާއިން ދީފައިނުވާކަމަށް ނޭމާ ތުޙުމަތު ކުރާއިރު، ބޯނަސްގެ ގޮތުގައި 43.6 މިލިއަން ޔޫރޯ ހޯދުމަށްއެދި ބާސެލޯނާއާއި ދެކޮޅަށް ނޭމާ މައްސަލަ ހުށަހަޅާފައިވަނީ މިދިޔަ އަހަރުގެ ފަހުކޮޅުއެވެ.

މިދިޔަ ހޫނު މޫސުމުގައި ނޭމާ ގެންނަން ބާސެލޯނާއިން ވަރަށް މަސައްކަތްކޮށްފައިވާއިރު، ބާސެލޯނާގެ އެއްވެސް ހުށަހެޅުމެއް ޕީއެސްޖީއިންވަނީ ޤަބޫލުނުކޮށްފައެވެ. ނޭމާގެ އަގެއްކަމަށް މިދިޔަ ހޫނު މޫސުމުގައި ޕީއެސްޖީގެ ސްޕޯޓިން ޑިރެކްޓަރ ލިއަނާޑޯ ބުނެފައިވަނީ 222 މިލިއަން ޔޫރޯކަމަށެވެ.

ބާސެލޯނާއާއެކު ހުއްޓުމެއްނެތި ކާމިޔާބީތައް ހޯދަމުންއައި ނޭމާ އެތަށް ބަޔަކު ސިއްސުވާލުމަށްފަހު ބާސެލޯނާ ދޫކޮށް ޕިއެސްޖީއަށް ބަދަލުވީ 2017 އޮގަސްޓްމަހުއެވެ. ނޭމާ ޕީއެސްޖީއަށް ބަދަލުވީ ރެކޯޑު އަގެއްކަމަށްވާ 222 މިލިއަން ޔޫރޯއަށެވެ.

ކުރިއަށް އޮތް ޓްރާންސްފާގައި ނޭމާ ގެނައުމަށް ބާސެލޯނާއިން މަސައްކަތްކުރަމުންދާކަމަށް ރިޕޯރޓްތައް ބުނާއިރު، ނޭމާއަކީ އެކްލަބުގެ އޮޕްޝަނެއްކަމަށް ބާސެލޯނާއިން މީގެކުރިންވަނީ ބުނެފިއެވެ.

އަނެއްކޮޅުން ނޭމާއަށް ކޯޗުކޮށްދޭން ބޭނުންވާކަން ބާސެލޯނާގެ މިހާރުގެ ކޯޗު ކީކޭ ސެޓިއެންވެސްވަނީ ދާދި ފަހުން ހާމަކޮށްފައެވެ.

މިލިޔުން ކިޔާލުމުން
21
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ