އިންޑިއާގެ ސިފައިން ހައްޔަރުކޮށްފައިވާކަމަށް ދެކެވޭ ވާހަކަތައް ޗައިނާއިން ދޮގުކޮށްފި

ޗައިނާ އާއި އިންޑިއާގެ ބޯޑަރުގައި ދެގައުމުގެ ސިފައިންގެ މެދުގައި މިދިޔަ ހޯމަ ދުވަހު ހިނގި ކުރިމަތިލުމުގައި އިންޑިއާގެ އެއްވެސް ދިފައިންގެ މީހަކު ޗައިނާގެ ބެލުމުގެ ދަށަށް ގެނެސްފައި ނުވާނެ ކަމަށް އެގައުމުން ބުނެފިއެވެ.

ޗައިނާގެ ފޮރިން މިނިސްޓުރީގެ ފަރާތުން މިއަދު ބުނެފައިވަނީ ދެގައުމު ގުޅޭ ބޯޑަރުގައި ހިނގި ހަމަނުޖެހުމުގައި އިންޑިއާ ސިފައިންގެ އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށެވެ. ޗައިނާއިން މިގޮތަށް ބުނެފައި މިވަނީ އިންޑިއާ ސިފައިންގެ 10 މީހަކު ޗައިނާއިން މިނިވަން ކޮށްފައިވާ ކަމަށްބުނެ އިންޑިއާގެ ނޫސްތަކުން އިއްޔެ ރިޕޯޓުކޮށްފައި ވަނިކޮށެވެ.

އިންޑިއާގެ ނޫސްތަކުން އިއްޔެ ރިޕޯޓުކޮށްފައިވާ ގޮތުގައި ޗައިނާއިން ދޫކޮށްލި އިންޑިއާގެ 10 ސިފައިންގެ ތެރޭގައި ލޫޓިނެޓް ކާނަލް އަކާއި އަދި ތިން މޭޖަރ އިން ހިމެނެއެވެ. މީގެއިތުރުން މި ފަރާތްތައް ދޫކޮށްލައިފައިވަނީ ދެ ގައުމުގެ އަސްކަރިއްޔާގެ މޭޖާ-ޖެނެރަލުން އިއްޔެ ބޭއްވުނު ވާހަކަތަކަށް ފަހުގައެވެ.

މިމައްސަލައިގައި އިންޑިއާ ސަރުކާރުން ބުނެފައިވަނީ، އެގައުމުގެ އެއްވެސް ސިފައިންގެ މީހަކު ގެއްލިފައި ނުވާކަމަށެވެ.

ދެގައުމުގުޅޭ ބޯޑަރު ސަރަހައްދުގައި ހިނގި ހަމަނުޖެހުންތަކުގައި އެއްވެސް ގައުމަކުން ބަޑި ބޭނުން ކޮށްފައެއް ނުވެއެވެ. ދެގައުމުންވެސް އެއްގައުމު އަނެއްގައުމުގެ ސިފައިންނަށް ހަމަލާދީފައިވަނީ، ގަލުންނާ، ދަގަނޑު ހޮޅިފަދަ ތަކެތިންނެވެ. ކުރިމަތިލުން ހިނގި ސަރަހައްދަކީ 1996 ވަނަ އަހަރު ދެގައުމުން އެއްބަސްވެފައިވާ އެއްބަސްވުމުގެ ދަށުން ބަޑި ގެންގުޅުން މަނާ ސަރަހައްދެކެވެ.

ހޯމަ ދުވަހު ހިނގި މި ކުރިމަތި ލުމުގައި އިންޑިއާ ސިފައިންގެ 20 މީހުން މަރުވެފައިވާއިރު ޗައިނާއަށް ލިބުނު ގެއްލުންތަކުގެ މައުލޫމާތު ޗައިނާއިން ހާމަކޮށްފައެއް ނުވެއެވެ. އިންޑިއާގެ ނޫސްތަކުން ތުހުމަތުކުރާ ގޮތުގައި ޗައިނާގެ ސިފައިންގެ ތެރެއިން 20 ވުރެ ގިނަ ސިފައިންވަނީ މަރުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ