ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވައިދެއްވާ ހުރިހާ މުދައްރިސުންނަށް ނަފްސާނީ ފުރަތަމަ އެހީ ނުވަތަ ސައިކޮލޮޖިކަލް ފަސްޓް އެއިޑްގެ ތަމްރީން ދިނުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.
މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި، ޔުނިސެފް އަދި ދިވެހި ރެޑްކްރެސެންޓް ގުޅިގެން ފެށި މި ޕްރޮގްރާމް ކުރިއަށް ގެންދަނީ އެކި މަރުހަލާތަކަކަށް ބަހާލައިގެންނެވެ. އެގޮތުން މިހާތަނަށް 407 މުދައްރިސުންނަށް ސައިކޮލޮޖިކަލް ފަސްޓް އެއިޑް ތަމްރީން ވަނީ ދެވިފައެވެ.
މި ޕްރޮގްރާމަކީ ކޮވިޑް-19އާއި ގުޅިގެން އެކިގޮތްގޮތުން ސްކޫލްތަކުގެ ދަރިވަރުންނަށް ދިމާވާ ނަފްސާނީ އުނދަގޫތަކަށް ވީހާވެސް އަވަހަށް އަދި ފުރިހަމައަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ބޭނުމުގައި ފެށި ޕްރޮގްރާމެކެވެ. ސްކޫތައް އަލުން ހުޅުވުމުން ދަރިވަރުން އެންމެ ފުރަތަމަ ބައްދަލުވެ ވާހަކަ ދައްކާނޭ ބަޔަކަށް ވެގެންދާނީ ޓީޗަރުންނަށް ވެފައި، ޓީޗަރުންނަކީ ދަރިވަރުންނަށް މިކަމާ ގުޅިގެން ދިމާވާ ހާސްކަމަށް ވީހާވެސް އަވަހަކަށް އެހީތެރިކަން ފޯރުކޮށްދެވޭނޭ ފަދަ ގާބިލް ބަޔަކަށް ހެދުންވެސް މި ޕްރޮގްރާމްގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެއެވެ.
މި ޕްރޮގްރާމްގެ ފުރަތަމަ މަރުހަލާގައި މުދައްރިސުން ތަމްރީން ކުރުމަށްފަހު، ސްކޫލްތަކުގައި މަސައްކަތް ކުރައްވާ ކައުންސެލަރުންނަށް އިތުރު ތަމްރީން ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ. ކައުންސިލަރުން އިތުރަށް ތަމްރީން ކުރަނީ ސައިކޮލޮޖިކަލް ފަސްޓް އެއިޑް ދިނުމަށްފަހު އިތުރަށް އެހީތެރިކަން ބޭނުންވާ ދަރިވަރުން ފާހަގަކޮށް އެދަރިވަރުންނަށް އެންމެ ފުރިހަމައަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ބޭނުމުގައެވެ.
ސްކޫލްތައް ހުޅުވިގެންދާއިރު ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ގިނަ ފިޔަވަޅު ތަކެއް އެޅިގެންދާނެއެވެ. އެގޮތުން މި ޕްރޮގްރާމް ހިމެނެނީ ދަރިވަރުންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރު ކުރުމަށް ކުރެވޭ މަސައްކަތުގެ ތެރޭގައެވެ. މި ތަމްރީންގައި ކިޔަވައިދޭ ބައިތަކުގެ ތެރޭގައި ނަފްސާނީ އެހީތެރިކަން ބޭނުންވާ ދަރިވަރުން ފާހަގަ ކުރުމާއި، އެފަދަ ދަރިވަރުންނާމެދު އަޅާލުމުގައި އަމަލުކުރަންވީ ގޮތާއި، އެފަދަ ދަރިވަރުންނަށް އެހީތެރި ވެވޭނެ ގޮތްތަކާއި މީގެ އިތުރުން ފަސްޓް އެއިޑް ދިނުމުގައި ތިމާ އަމިއްލައަށް ވިސްނަންޖެހޭ ކަންކަން ހިމެނެއެވެ.
މި ޕްރޮގްރާމްގައި ކިޔަވައިދެއްވަނީ ދިވެހި ރެޑްކްރެސެންޓްގެ ތަމްރީންދެއްވާ ބޭފުޅުންނެވެ.




