ސެވިއްޔާއިން ވަރުގަދަ ބާސެލޯނާ ހިފަހައްޓައިފި

ސެވިއްޔާއިން ވަރުގަދަ ބާސެލޯނާ ހިފަހައްޓައިފިއެވެ.

ސްޕެނިޝް ލަލީގާގައި ރޭ ސެވިއްޔާ އަދި ބާސެލޯނާ ބައްދަލުކުރި މެޗު ނިމިގެންގޮސްފައިވަނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި 0-0 ގެ ނަތީޖާއަކުން އެއްވަރު ވެގެންނެވެ.

ކަކުލުގެ އޮޕަރޭޝަނަށް ފަހު ބާސެލޯނާއާއި ގުޅުނު ލުއިޒް ސުއަރޭޒް ރޭގެ މެޗު އެއްކޮށް ކުޅެފައިވެއެވެ. ގްރިޒްމަން ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުމެފައިވާއިރު، މެޗުގެ 77 ވަނަ މިނަޓްގައި އޭނާ ކުޅެން އެރީ ވިޑާލްގެ ބަދަލުގައެވެ.

މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑު ޖަހާނެ ރަނގަޅު ފުރުޞަތެއް ނުލިބިއެވެ. އެހެންނަމަވެސް ބާސެލޯނާގެ ކެޕްޓަން މެސީ ފޮނުވާލު ދެ ހިލޭޖެހުން ފާހަގަކޮށްލެވެއެވެ. އެއް ހިލޭ ޖެހުން ސެވިއްޔާގެ ޑިފެންޑަރު ކައުންޑޭ ބޮލުން ދިފާޢުކުރިއިރު، އަނެއް ހިލޭ ޖެހުން ދިފާޢު ކުރީ ސެވިއްޔާގެ ކީޕަރެވެ.

ދެވަނަ ހާފުގައި ސެއްވިއްޔާއިން ބާސެލޯނާއަށް ނުރައްކާ ކުރަން ފެށިއެވެ. އެގޮތުން ސެވިއްޔާއިންވަނީ ލަނޑުޖަހާނެ ދެތިން ފުރުޞަތެއް ތަނަވަސްކޮށްފައެވެ. ބާސެލޯނާގެ ގޯލް އަރިމަތިން ގޯލް އޭރިއާ ރޮނގުމަތިން ކަހަލަ ގޮތަކަށް ސެވިއްޔާގެ ފޯވާޑު ލޫކަސް އޮކަމްޕޯސް ފޮނުވާލި ބާރު ހަމަލާ ދިފާޢުކުރީ ބާސެލޯނާގެ ކީޕަރ ސްޓެގެންއެވެ. އަދި އޭގެ ކުޑަ ވަގުތުކޮޅެއްފަހުން އޭރިއާ ތެރެއިން މުނީރް ފޮނުވާލި ބާރު ހަމަލާވެސް ސްޓެގެންވަނީ ދިފާޢުކޮށްފައެވެ.

ބާސެލޯނާއަށް ލަނޑު ޖަހާނެ އެންމެ ރަނގަޅު ފުރުޞަތެއް ލިބިގެންދިޔައީ ސުއަރޭޒްއަށެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވާ ކުޑަ މިނަޓް ކޮޅަކަށްވެފައި ހުއްޓާ ބާސެލޯނާގެ އަލްބާ ހުރަސްކޮށްދިން މިބޯޅަ އޭރިއާތެރޭ ހުހަށްހުރި ސުއަރޭޒް ފޮނުވާލީ ގޯލްގެ މަތިންނެވެ.

ރޭގެ މެޗުން އެއްވަރުވުމާއި ގުޅިގެން ބާސެލޯނާއަށް ދެޕޮއިންޓް ގެއްލި ވާދަވެރި ރެއަލްމެޑްރިޑަށް ބާސެލޯނާއާއި ޕޮއިންޓްގެ ގޮތުން ހަމަހަމަކުރަންވަނީ ފުރުޞަތު ލިބިފައެވެ. 30 މެޗުން ލިބުނު 65 ޕޮއިންޓާއެކު ތާވަލްގެ އެއްވަނާގައި އޮތީ ބާސެލޯނާއެވެ. އެހެންނަމަވެސް އާދިއްތަ ދުވަހުގެ ރޭ ރެއަލްސޮސިޑޭޑް އަތުން ރެއަލްމެޑްރިޑް މޮޅުވެގެން 30 މެޗުން 65 ޕޮއިންޓް ހޯދުމުގެ ފުރުޞަތު އެބައޮތެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ