ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެންގުމާއި ޚިލާފަށް އާންމު ތަންތަނުގައި އެއްވުން ނުބޭއްވުމަށް ފުލުހުން އިލްތިމާސްކުރައްވައިފިއެވެ.
ފުލުހުން މިއަދު ވިދާޅުވެފައިވަނީ ޢާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ މި ހާލަތުގައި، ރައްޔިތުންގެ ރައްކާތެރިކަން އިސްކޮށް، އެޗްޕީއޭގެ އެންގުންތަކާ އެއްގޮތަށް ޢަމަލުތައް ބެހެއްޓެވުމަށް އިލްތިމާސްކުރާކަމަށެވެ.
ފުލުހުން މިހެން ވިދާޅުވެފައިވާއިރު، އަންނަ ހޯމަ ދުވަހުގެ ހެނދުނު 08:30 ރައްޔިތުންގެ މަޖިލިސް ކުރިމަތީ މުޒާހަރަ ކުރުމަށް ސިޔާސީ ހަރަކާތްތައް ހިންގާ "ނަވާނަވައި" އިން ވަނީ ނިންމައި އެކަން އިޢުލާނު ކޮށްފައެވެ.
ފުލުހުން ވިދޅުވެފައިވަނީ ދިވެހިރާއްޖޭގައި ޢާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކޮށްފައިވާ މި ދަނޑިވަޅުގައި، ފުރަބަންދުގެ ހާލަތަށް ލުއި ދިނުމުގެ ދެވަނަ މަރުހަލާގައިވެސް، ޢާންމު ތަންތަނުގައި އެއްވެ އުޅެވޭނީ އެއްފަހަރާ 3 މީހުންނަށްވުރެ ގިނަ ނުވާގޮތަށްކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަންގަވާފައިވާކަމަށާއި މި އެންގެ ޚިލާފަށް، ބައެއް ފަރާތްތަކުން އެއްވުން ބޭއްވުމަށް ރާވަމުންދާކަމުގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވާކަމަށެވެ.
އެހެން ކަމުން ސިއްޙަތުގެ ކުއްލި ނުރައްކަލުގެ މި ހާލަތުގައި، އެޗްޕީއޭގެ އެންގުންތަކާ ޚިލާފަށް އެއްނުވުމަށާއި، އެންމެހައި ލޮބުވެތި ރައްޔިތުންގެ ރައްކާތެރިކަން ކުރިއަށް ނެރެ، ހުރިހާ ބޭފުޅުންވެސް އެޗްޕީއޭ އިން ނެރެފައިވާ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުތައް ބެހެއްޓެވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވަނީ އިލްތިމާސްކުރައްވާފައެވެ.
ސިޔާސީ، އިޖުތިމާއީ އަދި އިގްތިސޯދީ ގޮތުން ރައްޔިތުން ބާރުވެރި ކުރުމަށް މަސައްކަތްކުރާ ވާތު ފިޔައިގެ ސިޔާސީ ހަރަކާތެއް ކަމަށްވާ ނަވާނަވައި އިން ވިދާޅުވެފައިވަނީ ރައްޔިތުންގެ ރުފިޔާއިން ބޮޑު މުސާރަ ނަގައިގެން ރައްޔިތުން އެންމެ ހާލުގައި ޖެހުނު ދުވަހު އެއްވެސް މަސައްކަތެއް ނުކޮށް ސިޔާސީ ސަކަރާތް ޖެހުމުގަ ރެއާއި ދުވާލު އުޅޭތަން ބަލަން ނުތިބެވޭނެކަމަށެވެ.
"އާއިލާތައް މަގުމަތިވެ 2 މަސް ވީއިރު އާމްދަނީނެތި ހާލުގައި ތިބި މަސައްކަތްތެރިންނަށް އެހީތެރިކަމެއް ނުދީ ތިބޭ ބައެއް ޖަވާބުދާރީ ކުރުވާނީ އަހަރެމެން އާންމު ރައްޔިތުން." ނަވާނަވައި އިން ވިދާޅުވެފައިވެއެވެ.




