ޖަރުމަނު ބުންޑެސްލީގާއަށް ކުޅެމުން އަންނަ ޕޮލެންޑްގެ ތަރި ރޮބާޓް ލެވެންޑޯސްކީ އެލީގުގައި ރެކޯޑެއް ހަދައިފިއެވެ.
ލެވެންޑޯސްކީ ރެކޯޑް ހަދާފައިވަނީ ރޭ 3-1 ގެ ނަތީޖާއަކުން ފްރެއިބާގް އަތުން މޮޅުވި މެޗުގައެވެ. ބަޔާންއިން ޖެހި ތިން ލަނޑުގެ ތެރެއިން 2 ލަނޑު ލެވެންޑޯސްކީ ކާމިޔާބުކޮށްދީފައިވާއިރު، މިދެލަނޑާއެކު ޖަރުމަނު ލީގުގައި އެއް ސީޒަނެއްގައި އެންމެ ގިނަ ލަނޑު ޖެހި، ޖަރުމަނަށް ނިސްބަތްނުވާ ކުޅުންތެރިޔާއަށް އޭނާވަނީ ވެގެން ގޮސްފައެވެ.
މިރެކޯޑު ކުރިން ހަދާފައިވަނީ މިހާރު އާސެނަލްއަށް ކުޅެމުން އަންނަ އޮބަމަޔާންއެވެ. އޭނާ ޖަރުމަނުގެ ބޮރޯސިއާ ޑޯޓުމުންޑުގައި ހޭދަކުރި 2016/17 ވަނަ ސީޒަންގައި 31 ބުންޑެސްލީގާ ގޯލް އެކްލަބަށް ކާމިޔާބުކޮށްދީފައިވެއެވެ.
ރޭ ލެވެންޑޯސްކީގެ ފަރާތުން ފެނިގެންދިޔަ ދެ ލަނޑާއެކު އޭނާ މިސީޒަންގެ ބުންޑެސްލީގާގައި ކާމިޔާބުކޮށްދިން ލަނޑުގެ އަދަދު 33 ކަށްވަނީ އަރާފައެވެ. އޭނާ މިއަދު ހަމަކޮށްފައިމިވަނީ 30 ލީގު މެޗު ކުޅެގެންނެވެ. އަދި މިސީޒަންގައި އޭނާ ބަޔާންއަށް މިހާތަނަށް ކުޅެދިން 41 މެޗުން 48 ލަނޑު ކާމިޔާބުކޮށްފައިވެއެވެ. އެންމެފަހުން ކުޅުނު 10 މެޗުގެ ތެރެއިން 9 މެޗުގައި ލެވެންޑޯސްކީވަނީ އެކްލަބަށް ލަނޑު ކާމިޔާބުކޮށްދީފައެވެ.
ބަޔާންގެ އަނެއް ލަނޑު ޖޯޝުއާ ކިމިޗް ކާމިޔާބުކޮށްދީފައިވާއިރު، ފްރެއިބާގުން ހަމައެކަނި ލަނޑު ކާމިޔާބުކޮށްދީފައިވަނީ ލޫކަސް ހޯލާއެވެ.
ރޭގެ މެޗުގެ ކުރިން ކުޅުނު މެޗުން މޮޅުވެ، ބަޔާން އިން ވަނީ މިސީޒަންގެ ބުންޑެސްލީގާ ކަށަވަރުކޮށްފައެވެ. މިއީ ބަޔާންއިން ލީގު ވިދިވިދިގެން ކާމިޔާބުކުރި 8 ވަނަ ފަހަރެވެ.
ރޭގެ މޮޅަކީ ބަޔާންއިން ވިދިވިދިގެން ހޯދި 15 ވަނަ މޮޅެވެ. މެޗަށްފަހު ވާހަކަ ދައްކަމުން ބަޔާންގެ ކޯޗު ހަންސީ ފްލިކް ބުނީ، އަމިއްލަ ނަފްސަށްކުރެވޭ އިތުބާރަކީ ކަމެއް ކާމިޔާބުކުރުމަށް ވަރަށް މުހިންމު އެއްޗެއްކަމަށާއި، އެގޮތުގައި ކުރިއަށްއޮތް އަހަރުތަކުގައި ބަޔާންއަށް ގިނަ ކާމިޔާބީތަކެއް ލިބޭނެކަމަށް އުންމީދުކުރާކަމަށެވެ. އަދިވެސް ކުރަން ވަރަށް މަސައްކަތް އެބައޮތްކަމަށާއި އެގޮތުން ޖަރުމަނު ލީގު ފައިނަލާއި ޗެމްޕިއަންސްލީގުވެސް އަދި ބާކީ އެބައޮތްކަމަށް ކޯޗު ބުންޏެވެ. އަދި ބަޔާންއާއެކު ޗެމްޕިއަންސް ލީގުގައި ދެވޭ އެންމެ ދުރަކަށް ދެވޭތޯ މަސައްކަތްކުރާނެކަމަށްވެސް ކޯޗު ބުންޏެވެ.



