އިނގިރޭސިވިލާތުގެ ރީޑިން ޓައުނުގައި ވަޅިން ހަމަލާދީ ތިންމީހުން މަރާލައި އިތުރު ތިންމީހުން ވަރަށް ބޮޑަށް ޒަހަމްކޮށްލައިފިއެވެ.
އިނގިރޭސި ވިލާތުގެ ފުލުހުންބުނީ އެ ޓައުނުގެ ޕާކެއްގައި ވަޅިން ހަމަލާދީ ތިން މީހުން މަރާލައިފައިވާ ކަމަށާއި މި ހަމަލާދިން މީހާ މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
މިހަމަލާދިން ކަމުގެ ކުށުގައި ފުލުހުން ހައްޔަރުކޮށްފައިވަނީ އުމުރުން 25 އަހަރުގެ ޒުވާނެކެވެ. ފުލުހުންނާއި ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ޒުވާނާގެ ނަމަކީ ހައިރީ ސާދުﷲ އެވެ. އިނގިރޭސި ވިލާތުގެ ފުލުހުންވަނީ މިއީ ޓެރަރިސްޓް ހަމަލާއެއްގެ ގޮތުގައި ކަނޑައަޅައިފައެވެ.
މަންޒަރުދުށް ފަރާތްތަކުން ބުނެފައިވަނީ، ވަޅިން ހަމަލާދިން މީހާ ހަމަލާދޭން ފަށައިފައިވަނީ ރީޑިން ޓައުނުގެ ޕާރކެއްގައި ގިނަ އަދަދެއްގެ ބަޔަކު އެއްވެ ތިއްބައި އެތަނައް އައިސް ކަމަށެވެ. އޭނާ ކުއްލިއަކަށް އެމީހުންގެ ކަރަށް ތޫނު އެއްޗަކުން ހަމަލާދޭން ފެށީ ކަމަށް މަންޒަރުދުއް މީހުން ބުނެއެވެ.
އެންމެ ފަހުގެ މައުލޫމާތު ލިބޭގޮތުގައި ވަޅިން ހަމަލާދިން މީހާއަކީ މީގެކުރިންވެސް ޓެރަރިސްޓުންނާއި ގުޅުން އޮތްކަމަށް ފެނި ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ މީހެކެވެ.