ލަލީގާ - ރެއަލްމެޑްރިޑް ތާވަލްގެ އެއްވަނައަށް

ސްޕެނިޝް ލަލީގާގައި ރޭ ރެއަލް ސޮސިޑޭޑްއަތުން މޮޅުވެ، ރެއަލްމެޑްރިޑް ތާވަލްގެ އެއްވަނައަށް އަރައިފިއެވެ.

ސޮސިޑޭޑް ދަނޑުގައި ކުޅުނު މިމެޗު ރެއަލްމެޑްރިޑުން ކާމިޔާބުކޮށްފައިވަނީ 1-2 ގެ ނަތީޖާއަކުންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މިމެޗުގެ ފުރަތަމަ ހާފު ނިމިގެންގޮސްފައިވަނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ. މެޗުގައި ފެނިގެންދިޔަ ފުރަތަމަ ލަނޑަކީ އޭރިއާ ތެރެއިން ވިނިޝިއަސްއަށްކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރި ލަނޑެކެވެ. މެޗުގެ 50 ވަނަ މިނަޓްގައި ފެނިގެންދިޔަ މިލަނޑު ކާމިޔާބުކޮށްދިނީ ސާޖިއޯ ރާމޯސްއެވެ.

އޭގެ 20 މިނަޓްފަހުން ބެންޒެމާވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ރެއަލްމެޑްރިޑަށް ލީޑު ފުޅާކޮށްދީފައެވެ. މިއީ މިސީޒަންގެ ލަލީގާގައި އޭނާ ކާމިޔާބުކުރި 17 ވަނަ ލަނޑެވެ. ބެންޒެމާ ރެއަލްމެޑްރިޑަށް މިހާތަނަށް 165 ލީގު ލަނޑު ކާމިޔާބުކޮށްދީފައިވާއިރު، ރެއަލްމެޑްރިޑްގެ ތާރީޚުގައި ލަލީގާގައި އެކްލަބަށް ހަތަރުވަނަށް އެންމެ ގިނަ ލަނޑު ކާމިޔާބުކޮށްދީފައިވަނީ ބެންޒެމާއެވެ.

ބެންޒެމާ ލަނޑު ޖެހުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން ބަދަލު ކުޅުންތެރިއެއްގެ ކުޅެން ނުކުތް އަދްނަން ޖަނުޒާޖް އޭރިއާ ބޭރުން ފޮނުވާލި ހޫނު ހަމަލާއިން ލަނޑެއް ކާމިޔާބުކޮށް ސޮސިޑޭޑްއަށް މެޗުގެ ނަތީޖާ ހަމަހަމަކުރެވުނުކަމަށް ހީކުރެވުނުނަމަވެސް، އޭރިއާ ތެރޭ ހުރި މެރީނޯ އޮފްސައިޑްކަމަށް ބަލައި އެލަނޑުވަނީ ކެންސަލްކޮށްފައެވެ. އޭރިއާ ތެރޭ ހުރި މެރީނޯ ބޯޅައާއި ނުކުޅުނު ނަމަވެސް ރެފްރީ ނިންމެވީ ރެއަލްމެޑްރިޑްގެ ކީޕަރު ކޯޓުއާއަށް އޭނާ ހުރަސްއަޅާފައިވާކަމަށެވެ.

ހިތްވަރާއެކު ކުޅެމުންދިޔަ ސޮސިޑޭޑްއިން ފަރަގުކުޑަކޮށްފައިވަނީ މެޗުގެ 83 ވަނަ މިނަޓްގައި މައިކަލް މެރިނޯ ކާމިޔާބުކޮށްދިން ލަނޑުންނެވެ.

ރޭގެ މޮޅާއެކު ރެއަލްމެޑްރިޑަށް ތާވަލްގެ އެއްވަނަ ލިބެނީ 30 މެޗުން ލިބުނު 65 ޕޮއިންޓާއެކުގައެވެ. ވާދަވެރި ބާސެލޯނާއަށްވެސް 30 މެޗުން ލިބިފައިވަނީ 65 ޕޮއިންޓެވެ. އެހެންނަމަވެސް ރެއަލްމެޑްރިޑަށް އެއްވަނަ ލިބެނީ މިދެޓީމު ބައްދަލުކުރި މެޗުގެ ނަތީޖާއިން ރެއަލްމެޑްރިޑަށް ކުރި ލިބިފައިވާތީއެވެ. ބާސެލޯނާ ދަނޑުގައި ކުޅުނު ފުރަތަމަ މެޗު ނިމުނީ 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރު ވެގެންނެވެ. އެހެންނަމަވެސް އަމިއްލަ ދަނޑުގައި ރެއަލްމެޑްރިޑުންވަނީ 2-0 ގެ ނަތީޖާއަކުން ބާސެލޯނާގެ މައްޗަށް ކުރި ހޯދާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ