ދެވަނަ (03)

(ދެވަނަ އަދަދާއި ގުޅޭ)

(މިއީ ޙަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ.)

"މި ދެމީހުންގެ ރަޙުމަތްތެރިކަމުގެ ގުޅުން ވަރުގަދަ ކަމުގެ ހެއްކަކީ އެއްކުއްޖަކު ކަމުދިޔައީމަވެސް އެތިބެނީ އެކަކު އަނެކަކަށް ދޫކޮށްލައިގެން ވިއްޔަ. މި ގުޅުމަށް ހަމަ މިސާލު ޖަހާލެވޭނެ." ދެކެވެމުން ދިޔަ ވާހަކައެއްގެ ތެރެއިން މަޖަލަކަށް ކަމަށް ހަދާފައި އިމާދު ބުނެލި ބަސްތައް، ރުވާފައި ދޫކޮށްލި ތީރުތަކެއް ފަދައިން ސީދާ އައިސް ހެރުނީ އަހަރެންގެ ހިތަށެވެ. ވަގުތުން ހަޅޭލަވައިގަންނަން ބޭނުންވިއެވެ. އަހަރެން މީ އެމީހުން ކުޅެން ބޭނުންކުރާ ކުޅޭ އެއްޗެއް ހެއްޔެވެ؟ ގޮތެއް ނިންމުމުގެ ކުރިން އަހަރެން ދެކޭ ގޮތް ނުވަތަ އަހަންނަށް ކަމުދަނީ ކާކުތޯ ބެލުން މުހިންމެއް ނޫން ހެއްޔެވެ؟

ޖެހިގެން އައި ހަފްތާގައި މަންމަމެން ރަށަށް އައުމުން އަހަރެމެން ގެއަށް ބަދަލުވީމެވެ. އެހެންކަމުން ސާހިލް ފެނުމުގެ ފުރުސަތު އެއްކޮށްހެން ގެއްލުނެވެ. އެކަމާ އަހަރެން ހުރީ ވަރަށް ދެރަވެފައެވެ.

ގޭ ސިޓިންގ ރޫމްގައި ތަޅަން އެޅުމުގެ މަސައްކަތް ކުރެވުނު ދުވަސްކޮޅެކެވެ. އޭރުވެސް ބޮޑު ޗުއްޓީ ނުނިމެއެވެ. މަސައްކަތްކުރުމަށްޓަކައި އަންނަނީ މަންމަ ޢާއިލާގެ ބޭބެއިންތަކެކެވެ. އެގޮތަށް ހެނދުނުއްސުރެ މަސައްކަތް ކުރެވެމުން ދިޔަ ދުވަހެކެވެ. ކޮޓަރީގައި އޮވެފައި އަހަރެން ނުކުތީ ފެން ފޮދެއް ބޮއިލަން ކާގެއަށް ދިއުމަށްޓަކައެވެ. ދޮރުން ނުކުމެ ބޭރު ބަލާލި ވަގުތު އަހަރެން ދިޔައީ ސިއްސައިގެންނެވެ. ސާހިލް ހުރީ ބޭބެމެންނާއެކު މަސައްކަތް ކުރާށެވެ. އޭނާ އަދި ދުވަހަކުވެސް އަހަރެމެން ގެއަކަށް ނާދެއެވެ. އަހަރެން ފެނުމާއެކު ސާހިލް ކުރަން ހުރި މަސައްކަތް ހުއްޓާލާފައި އަހަންނާ ދިމާއަށް ބަލަން ފެށިއެވެ. ނަމަވެސް އެހެން މީހުން ތިބުމުން އަހަރެން ބެލީ އަވަހަށް އެތަނުން ދެވޭތޯއެވެ.

އޭގެ ފަހުން ޗުއްޓީ ނިމުނުއިރުވެސް ސާހިލް ނުފެނެއެވެ. ސާހިލް ރަށަށް އަންނަނީ ކޮންމެ އަހަރަކު ބޮޑު ޗުއްޓީގައެވެ. ދޭތެރެއަކުން މަގުމަތިން ފެނުނު ނަމަވެސް އޭނާ އަހަންނާ ވާހަކަ ދައްކާކަކަށް މަސައްކަތެއް ނުކުރެއެވެ. އެކަމާ އަހަރެންގެ ހިތަށް ވަރަށް ތަދުވެއެވެ. ނަމަވެސް ގުޅުމެއް ކުރިއަށް ގެންދެވޭނީ ދެފަރާތްވެސް ހިއްސާވެގެންނެވެ. އެހެންކަމުން އަހަރެންވެސް ބެލީ އަޅާ ނުލާ ހުރެވޭތޯއެވެ.

---------------------------------------------------------------------------------------------------------------------

ޚިޔާލުތަކުން ނުކުމެވުނީ ފޯނަށް މެސެޖެއް އައި އަޑަށެވެ. އޭރު ހުރީ ޑިޔުޓީ ނިމޭ ގަޑި ޖެހިފައެވެ. އެހެންކަމުން ދެން ބެލީ އަވަހަށް ގެއަށް ދެވޭތޯއެވެ. އޭރުވެސް ސާހިލް މެދު ނުކެނޑި މެސެޖު ކުރަމުން ދިޔައެވެ.

ދުވަސްކޮޅަކު ވާހަކަ ދެއްކުމަށްފަހު ސާހިލް އަހަންނަށް ލޯބި ހުށަހެޅިއެވެ. އަހަރެން އިތުރު ވިސްނުމަކަށް ނުގޮސް ވަގުތުން އެގުޅުމަށް އާނބަސް ބުނީމެވެ. ސަބަބަކީ އެއީ އަހަރެންގެ ފުރަތަމަ ލޯތްބެވެ. ހިތުގައި ސާހިލްއަށް ދެވިފައިވަނީ ވަރަށް ޚާއްސަ ޖާގައެކެވެ. އޭނާ ފެނުމުން އެ ހުންނަ ދަމާ ބާރު އެހެން ފިރިހެން ކުއްޖަކު ފެނިގެން އަހަންނަކަށް އަދި ދުވަހަކުވެސް އިޙުސާސެއް ނުކުރެވެއެވެ.

ދުވަސްތައް މާޒީއާ އެކުވަމުން ދިޔަ ވަރަކަށް އަހަރެމެންގެ ގުޅުންވެސް ދިޔައީ ކުރިލާ ހެދެމުންނެވެ. އޭރު ކިޔެވުމަށްޓަކައި ސާހިލް އިންޑިޔާގައި ހުރުމުން ގުޅުން ކުރިޔަށް ދިޔައީ ފޯނުންނެވެ. ބައެއް ފަހަރު ގުޅައިގެންނެވެ. އަނެއްބައި ފަހަރު މެސެޖުންނެވެ. ސާހިލްގެ ފަރާތުން އަހަރެން ގަޔާ ނުވާ އެއްވެސް ސިފައެއް ނުފެނެއެވެ. އޭނާއަކީ ކޮންމެހެން ދުރުދުރުން ވާހަކަ ދައްކާ މީހެއް ނޫނެވެ. ބުނަން ބޭނުންވާ އެއްޗެއް ފަސް ޖެހުމެއް ނެތި ދުލުން ހާމަކުރެއެވެ. ކުރެވޭ އިޙުސާސްތައްވެސް އެއްވެސް ފޮރުވުމަކާ ނުލާ ބުނެއެވެ. އަހަންނަކީ ސާހިލްގެ ޙަޔާތުގައި ކިހާ މުހިންމު މީހެއްކަން އޭނާގެ ދުލުން ބޭރުވާ ކޮންމެ ލަފްޒަކުން ދިޔައީ ބުނެދެމުންނެވެ. މީހަކަށް އަހަރެން އެހާ ޚާއްސަ ވެދާނެއޭ ދުވަހަކުވެސް ހިތަކަށް ނާރައެވެ. އޭރު އިޙުސާސްކުރެވެމުން ދިޔައީ އަހަންނަކީ މި ދުނިޔޭގައި ހުރި އެންމެ ނަސީބު ގަދަ އަންހެންކުއްޖާގެ ގޮތުގައެވެ.

އާދައިގެ މަތިން އަހަރެން ޑިޔުޓީ ނިންމާފައި ގޮސް އަރާމުކޮށްލަން ޖައްސާލީމެވެ. ނިދޭތޯ އޮއްވާ ފޯނު ރިންގުވާ އަޑު އިވެން ފެށިއެވެ. ބަލާލިއިރު ގުޅަނީ ޒައިދެވެ. އެއީ ކުރިއްސުރެ އަހަރެންގެ ވަރަށް ގާތް ރައްޓެއްސެކެވެ. ޒައިދުވެސް ހުންނަނީ އިންޑިޔާގައި ސާހިލްމެންނާ އެއް ގެއެއްގައި ކިޔަވާށެވެ. ޒައިދުގެ ދައްތައެއް ސާހިލްގެ ބޭބެއަކާ އިނދެގެން އުޅެއެވެ. އެއީ އަބަދުވެސް އަހަންނަށް ވަރަށް ރަނގަޅު ރަޙްމަތްތެރިއެކެވެ.

"ހަލޯ." ފޯނު ނަގާ ކަންފަތުގައި ޖަހާލަމުން އަހަރެން ބުނީމެވެ.

"ސާރާއާ ސާހިލްއާ ހަމަ ސީރިއަސް ގުޅުމެއްގަތަ ތިއުޅެނީ؟" އަހަރެންގެ އަޑު ޖެހުމާއެކު ޒައިދު އަހާލިއެވެ. ހީވަނީ އޭނާ އެގުޅީ ހަމަ އެވާހަކަ ދެއްކުމުގެ ނިޔަތުގައިހެންނެވެ.

"އާނ. ކިހިނެއްވީ؟" ޒައިދު އެ ސުވާލު ކުރި މަގުސަދު އޮޅުން ފިލުވަން އަހަރެން ބޭނުންވިއެވެ.

"ރަނގަޅު. މަޖާކޮށްލާ." ހިނިގަނޑެއް ޖަހާލަމުން ޒައިދު ބުންޏެވެ.

"އޭނ؟ ކީކޭ؟" ޒައިދު ބުނި އެއްޗެއްގެ މާނަ ދޭހަ ނުވާތީ އަހަރެން އަނެއްކާވެސް ސުވާލުކުރީމެވެ.

"މިބުނީ ސީރިއަސް ނުވާށޭ. މަޖާކޮށްލާށޭ." ޒައިދުގެ ޖަވާބު އައީ އަހަރެން އެންމެ ބޭނުންވާ ގޮތަކަށް ނޫނެވެ.

"ނޫން. މިއީ މަޖަލަކަށް ކުރާ ކަމެއް ނޫން. އަހަރެމެން ދެމީހުންވެސް އެކަކު އަނެކަކު ދެކެ ވަރަށް ލޯބިވޭ." ޒައިދަށް އޮޅުމެއް އަރާފައިވާހެން ހީވާތީ އަހަރެން އޮޅުން ފިލުވައި ދިނީމެވެ. އެހެން ބުނުމާއެކު ޒައިދު އަނެއްކާވެސް ޖަހާލީ ހިނިގަނޑެކެވެ.

އަހަންނަކީ މަޖަލަކަށް މީހުންގެ ޙަޔާތާ ކުޅޭނެ މީހެއް ނޫންކަން ޒައިދަށް ވަރަށް ރަނގަޅަށް އެނގޭނެއެވެ. ނަމަވެސް އޭނާ އެހެން އެބުނީ ކީއްވެކަމެއް ނޭނގެއެވެ. އަހަރެންވެސް އިތުރަށް އޮޅުން ފިލުވާކަށް ނޫޅެމެވެ. ސަބަބަކީ ޒައިދު ދޭ ޚަބަރަކުން ލިބިފައި މިވާ އުފާވެރިކަން ގެއްލިގެންދާކަށް އަހަރެން ބޭނުމެއް ނޫނެވެ. ހަމަގައިމުވެސް އެހާ އަވަހަށް އެ އިޙުސާސް ގެއްލިގެންދާކަށް ނޭދެމެވެ. އަދި ދުވަހަކުވެސް މިހާ އުފާވެރި ދުވަސްތަކެއް އަހަރެންގެ ޙަޔާތުގައި ނާދެއެވެ. އެހެންކަމުން މިއީ ވަގުތީ ކަމަކަށް ވާކަށް އެއްގޮތަކަށްވެސް ބޭނުމެއް ނޫނެވެ.

ސާހިލްއާ އަހަރެންގެ ގުޅުމަށް ތިން މަސް ފުރެން ކައިރިވެފައި ހުއްޓާ އޭނާ މާލެ އަންނަން އުޅޭ ކަމުގެ އުފާވެރި ޚަބަރު ދިނެވެ. އެ ވާހަކަ ސާހިލް ބުނި ވަގުތު އަހަންނަށް ހީވީ ޢީދެއް އަންނަން އުޅޭ ހެންނެވެ. ބައްދަލުވާން އުޅޭތީ ސާހިލްގެ އަޑުގައިވެސް ތަފާތު ޖޯޝެއް އެކުލެވިފައިވާކަން އަހަންނަށް ފާހަގަކުރެވުނެވެ. ބައްދަލުކުރަން ދާނެ ތަންތަނާ، ކާން ދާނެ ރެސްޓޯރެންޓްތަކުގެ އިތުރުން، ކާނެ އެއްޗެއްސަށް ދާންދެން އަހަރެމެން ހިއްސާކުރީމެވެ. ވަގުތުތައް އެކީގައި ހޭދަކޮށްލުމަށްޓަކައި ދެމީހުންވެސް ތިބީ ކެތް މަދުވެފައެވެ.

ސާހިލް މާލެ އަންނަން ފުރަން އޮތް ދުވަހުގެ ކުރީ ރޭ ވަރަށް ދަން ވަންދެން ފޯނުން ވާހަކަ ދައްކަން އަހަރެމެން ތިބީމެވެ. މާލެ އައިސް ބޭނުންކުރާނެ ނަންބަރާއި، ފްލައިޓް ޖައްސާނެ ގަޑިވެސް ސާހިލް ބުންޏެވެ. އެރޭ ފޯނު ބޭއްވީ އަނެއް ދުވަހު ބައްދަލުވާނެ ކަމުގެ ފޮނި އުއްމީދުގައެވެ.

ޖެހިގެން އައި ދުވަހު އެހެންނޫނީ ނުހޭލެވޭހާ އަވަހަށް އަހަންނަށް ހޭލެވުނެވެ. އެހެން ދުވަސް ދުވަހަށްވުރެ އެ ދުވަހު ހިތުގެ ތެޅުން އަވަސްކަމުގައި އަހަންނަށް އިޙްސާސްކުރެވެމުން ދިޔައެވެ. ސާހިލްގެ ފްލައިޓް ޖައްސާނެކަމަށް ބުނެފައި އޮތީ މެންދުރު އެކެއް ޖަހާއިރުއެވެ. އޭނާ ގެއަށް ގޮސް ހަމަޖެހިލާފައި ގުޅާނެކަން އަހަންނަށް އެނގެއެވެ. އެހެންކަމުން އާދައިގެ މަތިން އަހަރެންވެސް ޑިޔުޓީއަށް ގޮސް މަސައްކަތުގައު މަސްއޫލުވީމެވެ. އެދުވަހު އަހަރެންގެ ތުންފަތުން ހިނިތުންވުން ފިލައިގެން ނުދެއެވެ. ފެންނަ ކޮންމެ މީހަކާ ދިމާއަށް ބެލެނީ ހިނިތުންވެފައި ހުރެއެވެ. ވާނީވެސް އެހެންތާއެވެ. އަހަރެން އުޅުނީ ހުވަފެނީ ޢާލަމެއްގައެވެ.

ޑިޔުޓީގައި ހުރި އިރު އެހެން ދުވަސް ދުވަހަށްވުރެ ގަޑީގެ ކަށި ހިނގާލެއް ލަސްހެން އަހަންނަށް ހީވިއެވެ. އިރުކޮޅަކާ ގަޑިއަށް ބަލާލެވެއެވެ. މެންދުރު އެކެއް ޖަހާނެ އިރެއްގެ އިންތިޒާރުގައި ވަގުތުތައް ގުނާލަ ގުނާލަ ހުރީމެވެ. ނަމަވެސް ދޭއް ޖެހިއިރުވެސް ސާހިލްގެ ޚަބަރެއް ނުވިއެވެ. އެއް ގަޑިއިރު ތެރޭގައި ސާހިލްއަށް ގެއަށް ނުދެވޭންވީ ސަބަބެއް ނެތެވެ. އެހެންކަމުން ވީ ކީއްތޯ ބަލާލުމަށްޓަކައި އަހަރެން ގުޅާލީމެވެ. ހިތަށް ކެތް ނުވެގެންނެވެ. ނަމަވެސް އެކޮޅުން ބުނީ ފޯނު ނިއްވާލާފައި އޮތްކަމުގައެވެ. އެހެންކަމުން އަދިވެސް ހަމައަކަށް ނޭޅެނީއޭ ހިތާ ތަންކޮޅެއް ފަހުން ގުޅުމަށް ނިންމީމެވެ.

ޑިޔުޓީ ނިންމާފައި އަހަރެންނަށް ގެއަށް ދެވުނީ އިރުއޮއްސި ހަޔެއް ޖަހަން އުޅެނިކޮށެވެ. އޭރުވެސް ސާހިލްގެ ޚަބަރެއް ނުވެއެވެ. ފޯނުގެ ސްކްރީން ނޫން އެހެން ދިމާއަކަށް އަހަންނަކަށް ނުބެލެއެވެ. ގެއަށް ގޮސްވެސް ހަތަރު ފަހަރު ގުޅީމެވެ. އޭރު ފޯނު ރިންގުވެޔެވެ. ނަމަވެސް ޖަވާބެއް ނުދެއެވެ. އެހާ ހިސާބުން ނުބައި ޚިޔާލުތައް އައިސް އަހަރެން ވަށާލިއެވެ. އަނެއްކާ ސާހިލްއަށް ކަމެއްވީބާއެވެ؟ އެކްސިޑެންޓެއް ވީ ހެއްޔެވެ؟ ނޫނީ މީހަކު ފޯނު ވަގަށް ނެގީ ކަންނޭނގެއެވެ. އެހެންވިޔަސް އަންގާލެވޭނެ ކޮންމެވެސް ގޮތެއް އޮންނާނެއެވެ. އަހަރެން ހާސްވާނެ ވަރު އޭނާއަށް އޮޅިފައެއް ނޯންނާނެއެވެ.

ހިތް ނުތަނަވަސްވާވަރުން އަހަރެން ހުރީ ރޮވެން ކައިރިވެފައެވެ. ކާ ހިތެއް ނުވިއެވެ. ތަނެއްގައި އޮށޯވެވެސް ނުއޮވެވުނެވެ. އިށީންދެ އިނުންވެސް ވީ ބޮޑު ބުރަޔަކަށެވެ. އެހެންކަމުން ފޯނު އަތަށް ލައިގެން ކޮޓަރިތެރޭގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުރީމެވެ. ކޮންތާކުތޯ ހުރީ އަހާފައި މެސެޖެއްވެސް ކުރީމެވެ. ނަމަވެސް ޖަވާބެއް ނާދެއެވެ. އަހަރެން ބޭނުންނަމަ ނާއިލްބެއަށް ގުޅާފައިވެސް އެހުނީހެވެ. އޭރު ނާއިލްބެވެސް އުޅެނީ މާލޭގައެވެ. ނަމަވެސް އެގޮތް އަހަންނަކަށް ކަމަކު ނުދިޔައެވެ.

އެފަދަ ޙާލެއްގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓާ ކުއްލިއަކަށް މީހަކު ކޮޓަރި ދޮރު ހުޅުވާލި އަޑަށް ސިއްސައިގެން ގޮސްފައި ބަލާލެވުނެވެ. އޭރު ދޮރުމަތީގައި ހުރީ ޝައުނާގެ ކޮއްކޮ ޝާއިންއެވެ. އޭނާ ހުންނަނީ އަހަރެމެން ގޭގައި ކިޔަވާށެވެ. އަހަންނާ ސާހިލްގެ ގުޅުން އެނގޭ މަދު މީހުންގެ ތެރޭގައި އޭނާވެސް ހިމެނެއެވެ. އެއީ އަހަރެން ދެކެ ވަރަށް ލޯބިވާ ކުއްޖެކެވެ.

"ދޮންތަ ތިހުރީ ކިހިނެއްވެފަ؟" މޫނުމަތީގައި ހުރި ނުތަނަވަސްކަން ފޮރުވަން މަސައްކަތްކުރި ނަމަވެސް އެކަން އަހަންނަކަށް ކާމިޔާބެއް ނުވިއެވެ.

"މިއުޅެނީ ސާހިލް ފޯނު ނުނަގައިގެން. މެސެޖަކަށްވެސް ރައްދެއް ނުދޭ. ހިތަށް މިއަރަނީ އަނެއްކާ ކަމެއް ވީބާއޭ؟" އަނެއްކާވެސް ފޯނުގެ ސްކްރީނަށް ބަލާލާފައި އަހަރެން ބުނީމެވެ.

"އޭނަ އައިސް އެބައުޅޭ. ދެން ދޮންތަ ނުވާނެ އޭނައަށް ގުޅައިގެން." ވަރަށް ހިތްހަމަ ނުޖެހިފައި ޝާއިން ބުނެލިއެވެ. އަދި އިތުރު އެއްޗެއް ނުބުނެ ބާރަށް ދޮރު ޖަހާފައި ނުކުމެގެން ދިޔައެވެ. އެ ޢަމަލުން ޝާއިން ހިތްހަމަ ނުޖެހިފައި ހުރި ވަރު އަހަންނަށް އަންދާޒާކޮށްލެވުނެވެ. އެކަމަކު އެހެން އެ ބުނީ ކީއްވެ ހެއްޔެވެ؟ އަހަރެން ސާހިލް ދެކެ ލޯބިވާވަރު ޝާއިންއަށް ހަމަ ރަނގަޅަށް އެނގޭނެއެވެ. އޭނާގެ ވާހަކަ ހުރި ގޮތުން އަހަރެންގެ ނުތަނަވަސްކަން އިތުރުވުން ނޫން ކަމެއް ނުވިއެވެ. ސާހިލްއާ އަހަންނާ ދެމެދުގައި އެއްވެސް މައްސަލައެއް ނުޖެހެއެވެ. ރޭގައިވެސް ވާހަކަ ދެއްކީ ނުލާހިކު ލޯބިންނެވެ. ބައްދަލުވާން އުޅޭތީ އުފާވެފައި ހުރި ވަރު ސާފުކޮށް އޭނާ ބުނެދިނެވެ. ދެން ކުއްލިއަކަށް މިވީ ކިހިނެއްބާއެވެ؟

(ނުނިމޭ)

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ