"ކޮރޯނާ ވައިރަސް" ގެ ސަބަބުން ރާއްޖޭގެ އެންމެހާ ސިނާޢަތްތައް މުޅިން ހުއްޓި، ރާއްޖޭގެ އިޤްތިޞާދު ފުނޑުފުނޑުވެ، ދައުލަތް
ބަނގްރޫޓް ވުމާއި ދިމާއަށް މިޞްރާބު ޖަހާފައިވާކަމަށްބުނެ، ދަޢުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ކައުންސިލްތައް ވަގުތުން ވަގުތަށް އުވާލުމަށް ގޮވާލާ ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަދި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީ.އާރ.ޕީ)ގެ ލީޑަރު އަބްދުﷲ ޖާބިރު މަޖިލީހަށް ޤަރާރެއް ހުށަހަޅުއްވައިފިއެވެ.
މިޤަރާރުގައި ޖާބިރު ވިދާޅުވީ، "ކޮރޯނާ ވައިރަސް" ގެ ސަބަބުން ރާއްޖޭގެ އެންމެހާ ސިނާޢަތްތައް މުޅިން ހުއްޓި، ރާއްޖޭގެ އިޤްތިޞާދު ފުނޑުފުނޑުވެ، ދައުލަތް ބަނގްރޫޓް ވުމާއި ދިމާއަށް މިޞްރާބު ޖަހާފައިވާތީ، ރާއްޖޭގެ އިޤްތިޞާދަށް ލިބުނު ފޫބައްދަން ދަތި ގެއްލުންތަކުގެ މައްޗަށް ރިޢާޔަތްކޮށް، ސަރުކާރުން ކުރަންޖެހިފައިވާ ޚަރަދުތައް ކުޑަކުރުމުގެ ފިޔަވަޅުތައް މިހިނދުން މިހިނދަށް އަޅަން ޖެހިފައިވާކަމަށެވެ.
އެގޮތުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 8 ވަނަ ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމަށްޓަކައި އުފައްދާފައިވާ (ޤާނޫނު އަސާސީގެ ޖަދުވަލު 2 ގައިވާ) އެންމެހާ އިދާރާ ތައް ވަގުތުން ވަގުތައް އުވާލުމަށްޓަކައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 8 ވަނަ ބާބު އިޞްލާޙު ކުރުމަށް ޖާބިރުވަނީ ގޮވާލާފައެވެ.
ރާއްޖޭގައި އުފައްދާފައިވާ ސިޓީކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކާއި، ރަށުކައުންސިލް ތައް ވަގުތުން ވަގުތަށް އުވާލައި، ޤާނޫނު ނަންބަރު 7/2010 ޤާނޫނާއި، އަދި ޤާނޫނު ނަންބަރު 7/2010 (ދިވެހިރާއްޖޭގައި ބޭއްވުމަށް ޢިއްލާނު ކޮށްފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ޤާނޫނު) އާއި، އަދި 5/2020 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުން ކަށަވަރު ކުރުމުގެ ޚާއްޞަ ޤާނޫނު) ވަގުތުން ވަގުތަށް އުވާލުމަށްވެސް ޖާބިރުވަނީ ގޮވާލާފައެވެ.
އަދި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 8 ވަނަ ބާބުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޤާނޫނު ނަންބަރު 7/2010 ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަޒުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ ދަށުން ރާއްޖޭގައި އުފައްދާފައިވާ ސިޓީކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކާއި، ރަށުކައުންސިލް ތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރޭތޯ ބެލުމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ" ގެ ނަމުގައި އުފައްދާފައިވާ މުޢައްސަސާ އުވާލުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިހިނދުން މިހިނދަށް ފެއްޓުމަށް ރައްޔިތުންގެ މަޖިލީހަށާއި، ރައީސުލްޖުމްހޫރިއްޔާއަށް އިލްތިމާސް ކުރާކަމަށްވެސް ޖާބިރުގެ މިޤަރާރުގައި ވެއެވެ.




