ރާއްޖޭގެ ޓޫރިޒަމްގެ ވޭތުވެ ދިޔަ 13 އަހަރުގެ ރެކޯޑަކާއެކު، މިދިޔަ މަހު ރާއްޖޭގެ ޓޫރިޒަމަށް 36.3 ޕަސެންޓުގެ ކުރިއެރުމެއް ލިބިއްޖެއެވެ.
ޓޫރިޒަމް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މިދިޔަ އެޕްރީލް މަހު ރާއްޖެ އަށް ޓޫރިސްޓުން އައި އަދަދު ބޮޑުތަން އިތުރުވެފައިވާ ކަމަށާ، މިއީ ސުނާމީއަށް ފަހު އެންމެ ބޮޑު ކުރިއެރުން ލިބުނު މަސް ކަމަށެވެ.
"މިއީ މި ސާސްކަފްގައި ވެސް އެންމެ ބޮޑު ކުރިއެރުން ލިބުނު މަސް. މި ކުރިއެރުން ލިބިފައި މި ވަނީ މުޅި އިންޑަސްޓްރީ އާއި ސަރުކާރުން ގުޅިގެން ކުރި މަސައްކަތުން. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގަތުމާއެކު ރާއްޖެއަށް އައި ހަމަޖެހުމުގެ ނަތީޖާ،" އަލީ ވިދާޅުވި އެވެ.
މިދިޔަ މަހުގެ ތަފާސް ހިސާބުގެ ހުލާސާ:
- މިދިޔަ މަހުދިވެހިރާއްޖެއަށް 190،713 ފަތުރުވެރިންޒިޔާރަތްކުރި.
- މިދިޔަ އަހަރުގެ އެޕްރީލް މަހު އައިސްފައިވަނީ 163،000 ފަތުރުވެރިން.
- މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 646،092 ފަތުރުވެރިން ޒިިޔާރަތްކުރި.
- ޗައިނާ ފަތުރުވެރިންގެ އަދަދު 7 އިންސައްތަ އިތުރުވެފަ، މިއަހަރުގެ މިހާތަނަށް އެގައުމުން 95272 ފަތުރުވެރިން ނިޔާރަތްކުރި.
- އިޓަލީވިލާތުން އައި ފަތުރުވެރިންގެ އަދަދު 36 ޕަސެންޓް ވަނީ އިތުރުވެފައި.
- ޖަރުމަނީއިން އައި ފަތުރުވެރިންގެ އަދަދު 8.5 ޕަސެންޓް އަދި އިނގިރޭސިވިލާތާއި އިންޑިއާއިން އައި ފަތުރުވެރިންގެ އަދަދު ވަނީ 7.6 ޕަސެންޓް އިތުރުވެފައި.