މިހާރު އެންމެ ގަދަޔަށް މީސްމީޑިއާގައި ދެކެވެމުންދާ އެއް ވާހަކައަކީ، ފިޓްނަސް އިންސްޓްރަކްޓަރު ނުވަތަ މީސްމީޑިއާ ސެލެބްރިޓީ ފާޒިލް އިސްމާއިލް (ފިޓް ފާޒިލް) އޭނާގެ އިންސްޓްގްރާމް ފޭނުންނަށް ދޭން ހުޅުވާލި އަގުބޮޑެތި ހަދިޔާތަކަށް ހޮވުނު ނަސީބުވެރިޔާގެ ވާހަކަތަކަށް ނޫނީ ނުވާނެއެވެ.
ފާޒިލްގެ ގިވްއަވޭ ލިބުނު އައިޝަތު ޝަރުމީލާ އަކީ ކާކުކަން ނޭންގިގެން ގިނަ ބައެއްގެ ފާޑުކިޔުން ފާޒިލަށް އަމާޒުވުމުން ޝަރުމީލާ އާއި ހަދިޔާތައް ހަވާލުކުރާ މަންޒަރު ފެންނަ ވީޑިއޯއެއް މިރޭ ފާޒިލް އާއްމުކޮށްފިއެވެ.
ފާޒިލް އާންމުކުރި ވީޑިއޯ އިން ފެންނަ ގޮތުގައި ޝަރުމީލާ އަކީ މޫނުބުރުގާ އަޅައިގެން އުޅޭ އަންހެނެކެވެ. އެހެންކަމުން އަދިވެސް ޝަރުމީލާގެ މޫނު ފެންނަ ގޮތެއް ނުވެއެވެ. އަދި ދެ މީހުން ވާހަކަ ދައްކާ ވީޑިއޯއެއް ވެސް އިން ނަމަވެސް އޭގައި އަޑެއް ނެތެވެ. މިއީވެސް ޝަރުމީލާ ކަމާއިމެދު ސުވާލު އުފޭދޭ ކަމެއް ކަމަށް ގިނަ މީހުން މިހާރުވެސް ބުނަމުންދެއެވެ.
ފާޒިލް ބުނާ ގޮތުގައި ޝަރުމީލާގެ ފޮޓޯތައް އޭނާ ހިއްސާ ނުކުރީ އޭނާގެ ޕްރައިވަސީއަށް އުނިކަމެއް އަތުވެދާނެތީ ކަމަށާއި އެކަމަކު ސޯޝަލް މީޑިއާގައި ރެއިން ފެށިގެން ހިނގާދިޔަ ކަންކަމާއެކު ޝަރުމީލާ ވަނީ އާންމުންނަށް ފެނިލަން އެއްބަސްވެފައި ކަމަށް ވެސް ފާޒިލް ބުންޏެވެ.
އަދި އެންމެންވެސް ޝަރުމީލާގެ ޕްރައިވަސީއަށް އިހުތިރާމު ކުރުމަށް ފާޒިލް ވަނީ އެދިފައެވެ.
ފާޒިލް މިރޭ ހިއްސާކުރި ވީޑިއޯގައި ގިވް އަވޭގައި ދިނުމަށް ހަމަޖެހިފައިވާ ހަދިޔާތަށްވެސް އެމީހުން ތިބި ތަނުގައި ފެންނަން ހުއްޓެވެ.
ފާޒިލްގެ ހަދިޔާތައް ލިބުނު ޝަރުމީލާ އަކީ ކާކުކަން ނޭނގިގެން މީސް މީޑިއާގައި ގިނަ ބަޔަކު ގެންދިޔައީ ޝަކުވާ ކުރަމުންނެވެ.
މީސްމީޑިއާގައި މި “ގިވް އަވޭ” ހޯދުމަށް މަސައްކަތްކުރި ފަރާތްތަކުން ބުނަމުންދަނީ ފާޒިލްގެ މި “ގިވް އަވޭ”ގެ ނަސީބުވެރިފަރާތަކީ ފޭކެއް ކަމަށާއި، މިއީ އޮޅުވާލުމެއް ކަމަށެވެ. މިކަމާ ގިނަ ބަޔަކު ނުރުހުން ފާޅުކުރާއިރު، އިންސްޓްގްރާމް އިން ފާޒިލް އަންފޮލޯ ކުރާމީހުންވެސް މަދެއްނޫނެވެ. އަދި ގިނަބަޔަކުދަނީ ފިޓްފާޒިލް އަންފޮލޯ ކުރުމަށް މީސްމީޑިއާގައި ކެންޕެއިންވެސް ކުރަމުންނެވެ.
މީހަކު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ފާޒިލްގެ “ގިވް އަވޭ”ގެ ނަސީބުވެރިޔާ ޝަރުމީލާގެ އެކައުންޓަކީ ފޭކް އަދި ފާޒިލް އަމިއްލައަކަށް އުފައްދައިގެން އުޅޭ އެކައުންޓެއް ކަމަށެވެ.
މީގެއިތުރުން ބައެއް ފަރާތްތަކުން ބުނެފައިވަނީ “ޝަރުމީލާ” އެއައިޑީ ދަންނަންތޯ އެހެން މީހުން ކައިރީ އެހުމުން ވެސް އޭނާ ދަންނަ އެކަކުވެސް ނެތް ކަމަށާއި ފާޒިލް އެންމެ ނަސީބުވެރިއެއް ހޮވާތީ ވެސް ޝައްކު އުފެދުނު ކަމަށެވެ.
“އެންމެ ކުޑަމިނުން ފިޓްފާޒިލްވެސް ޝަރުމީލާގެ އެކައުންޓް ފޮލޯކޮށްފައެއް ނެތް” މީހަކު ޓްވިޓާގައި ބުނެފައިވެއެވެ.
އެހެންނަމަވެސް މިރޭ ޝަރުމީލާ ފެނިއްޖެއެވެ. އެކަމަކު އިންސްޓާގްރާމް ގައި ހުރި ޝަރުމީލާ އަކަށް ނުވިއެވެ. މޫނު ބުރުގާ އަޅައިގެން ހުރި މި ޝަރުމީލާ މިރެއާއި ހަމައަށް އޭނާގެ އިންސްޓަގްރާމް ޕްރޮފައިލްގައި އިން ފޮޓޯ އިން ފެންނަނީ އެމަންޒަރު ނޫނެވެ. އިންސްޓާގްރާމް ޕޮރޮފައިލްގައި ހުރީ ޝަރުމީލާގެ ފޮޓޯއަކަށްވެސް ނުވެދާނެއެވެ. އެކަމަކު ސުވާލު އުފެދޭ ކަމަކީ މޫނުބުރުގާ އަޅައިގެންހުރި ދީންވެރި، އަންހެނެއްގެ ގޮތުގައި މިރޭ ޝަރުމީލާ ފެނުނު އިރު އެފަދަ ފޮޓޯއެއް އޭނާ އިންސްޓަގްރާމް ޕްރޮފައިލްއަށް ލާފާނެ ބޭއެވެ؟ އައުރަނިވާ ނުކުރާ ކަނދުރާ ފެންނަ އަންހެނެއްގެ ފޮޓޯ އޭނާގެ ޕްރޮފައިލްގައި ހުރެދާނެ ބާއެ؟ މިއީ ހައްތަހާވެސް އުފެދޭ ސުވާލުތަކެވެ.
ދެން އުފެދޭ އަނެއް ސުވާލަކީ މޫނުބުރުގާ އަޅައިގެންހުރި ދީންވެރި، އަންހެނަކު ބުމަ ހަދާފާނެ ހެއްޔެވެ؟ މިއީވެސް ޝަރުމީލާ ފެނުނު ފަހުން ގިނަ ބެއެއްގެ މެދުގައި އުފެދިގެންދިޔަ ސުވާލު ތަކެކެވެ.
ބައެއް މީހުން ބުނާގޮތުގައި މިއީވެސް އޮޅުވާލުމެކެވެ. މޫނުބުރުގާ އަޅައިގެން ވީޑިއޯ އިން ފެންނީ ކާކުތޯ ހޯދަން ވެސް މަސައްކަތް ކުރަމުންދާ މީހުން މަދެއްނޫނެވެ. ވީޑިއޯ ގައި މޫނުބުރުގާ އަޅައިގެން އިންކަމަށް ތުހުމަތުކޮށް ބައެއް މީހުންގެ ފޮޓޯތައްވެސް މީސް މީޑިއާގައި މިހާރު ދައުރު ކުރަން ފަށައިފިއެވެ.
ކޮންމެއަކަސް ފިޓްފާޒިލްގެ ގިވް އަވޭ އާއިއެކު އޭނާ ރަނގަޅަށްވެސް ހޫނު ފެނަށް ވެއްޓިއްޖެއެވެ. މުޅި މީސްމީޑިއާގައި މިހާރު އެއް އަޑަކަށް ކިޔަމުންދާ ލަވަޔަކީ ފިޓްފާޒިލް އާއި ޝަރުމީލާގެ ވާހަކަ ކަމާއިމެދު ދެބަސްވާނެ ދިވެއްސަކު ނޫޅޭނެކަން ގައިމެވެ.



