މުހިންމު މޮޅަކާއެކު ބާސެލޯނާ އަލުން އެއްވަނައަށް

ސްޕެނިޝް ލަލީގާގައި ރޭ އެތުލެޓިކް ކްލަބާއި ދެކޮޅަށް ކުޅުނު މެޗުން ހަނި ގޮތަކަށް ބާސެލޯނާ ތާވަލްގެ އެއްވަނައަށް އަރައިފިއެވެ.

ކޭމްޕްނޯގައި ކުޅެވުނު މިމެޗު ބާސެލޯނާއިން ކާމިޔާބުކޮށްފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ. މިމޮޅާއެކު ބާސެލޯނާ އަލުން ތާވަލްގެ އެއްވަނައަށް އަރާފައިވަނީ ވާދަވެރި ރެއަލްމެޑްރިޑަށްވުރެ އެއް މެޗު އިތުރަށް ކުޅެގެންނެވެ. 31 މެޗުން ބާސެލޯނާއަށް 68 ޕޮއިންޓް ލިބިފައިވާއިރު، ދެވަނާގައި ރެއަލްމެޑްރިޑް އޮތީ 30 މެޗުން ލިބުނު 65 ޕޮއިންޓާއެކުގައެވެ.

ދެޓީމުގެ ފަރާތުންވެސް މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ލަނޑު ޖަހާނެ ގިނަ ފުރުޞަތުތަކެއް ދެޓީމަށްވެސް ލިބިގެން ގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ. މެޗުގެ ފެނިގެންދިޔަ ހަމައެކަނި ލަނޑު 71 ވަނަ މިނަޓްގައި ކާމިޔާބުކުރީ އިވާން ރަކިޓިޗްއެވެ. މިއީ ލަލީގާގައި ރަކިޓިޗް ކާމިޔާބުކުރި 50 ވަނަ ލަނޑެވެ. އެހެންނަމަވެސް މިސީޒަންގެ ފުރަތަމަ ލަނޑެވެ.

ކުރީ މެޗުން އެއްވަރުވެ ތާވަލްގެ އެއްވަނަ ގެއްލިފައިވުމާއެކު، ރޭގެ މެޗަށް ބާސެލޯނާ ނުކުމެފައިވަނީ މުޅިން އާ ހިތްވަރަކާއެކު މެޗުން މޮޅުވުމުގެ އަޒުމުގައެވެ. އެގޮތުން މެޗު ފެށުނިއްސުރެ، ލަނޑެއްކާމިޔާބުކުރެވޭތޯ އެކްލަބުންވަނީ މަސައްކަތް ކޮށްފައެވެ. ފުލުފުލުގައި ހަމަލާތައް އުފައްދަމުން ދިޔަ ބާސެލޯނާއަށް އުފާވެރިކަން ލިބުނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 19 މިނަޓަށްވެފައި ވަނިކޮށް، އޭރިއާ ތެރެއިން ލިބުނު ބޯޅަ ބާރު ސްޕީޑްގައި ގޯލްގެ ތެރެއަށް ފޮނުވާލައިގެން ރަކިޓިޗް ކާމިޔާބުކޮށްދިން ލަނޑުންނެވެ.

މިމޮޅާއެކު ބާސެލޯނާއަށް ތާވަލުގެ ކުރި ލިބުނު ނަމަވެސް، މިރޭ މަލޯކާއާއި ދެކޮޅަށް ކުޅޭ މެޗުން މޮޅުވެ ބާސެލޯނާ ފަހަތަށް ޖައްސާލުމުގެ ފުރުޞަތު ވާދަވެރި ރެއަލްމެޑްރިޑަށް އެބައޮތެވެ. އެސްޓާޑިއޯ އަލްފްރެޑޯ ޑި ސްޓެފަނޯގައި ކުޅުމަށް ހަމަޖެހިފައިވާ މިމެޗު ފަށާނީ މިރޭ 01:00 ގައެވެ. މިމެޗުން ރެއަލްމެޑްރިޑް މޮޅުވެއްޖެނަމަ ބާސެލޯނާއާއި ޕޮއިންޓްގެ ގޮތުން އެއްވަރުވާއިރު، ރެއަލްމެޑްރިޑަށް ތާވަލްގެ އެއްވަނަ ލިބެނީ މިދެޓީމު ބައްދަލުކުރި މެޗުން ރެއަލްމެޑްރިޑަށް ކުރި ލިބިފައިވާތީއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ