މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ފުލުހުންގެ އިންޓެލިޖެންސާއި ކ.ހިންމަފުށި ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހިންމަފުއްޓަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު ދެ މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 65 އަހަރުގެ ދިވެހި ފިރިހެނަކާއި 28 އަހަރުގެ ބަންގުލަދޭޝް ފިރިހެނެކެވެ. އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ ހުޅުމާލެއިން ފުރައިގެން ހިންމަފުއްޓަށް އަންނަ ދޯންނަކުން މަސްތުވާތަކެތި ގެންނަކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ޖޫން 23 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައެވެ.
އެ ދޯނި ކަނޑުމަތިން ހުއްޓުވައި، ތުހުމަތުކުރެވޭ ދެ މީހުން ފުލުހުންގެ ބެލުމުގެދަށަށް ގެނެސް ބަލައިފާސްކުރިއިރު އެމީހުންގެ އަތުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ޖޫސްޕެޓީ ދެ ކޮތަޅު ފެނިފައިވެއެވެެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ދެ މީހުންގެ ބަންދާއިމެދު ގޮތެއްނިންމުމަށް ކ.ހުރާ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާތަނެއްގައި ބަންދުގައި ބެހެއްޓުމަށް 13 ދުވަހު މުއްދަތު ދީފައިވެއެވެ.
މި މައްސަލަ ކ.ހިންމަފުށި ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.



