ރާއްޖޭގެ ބޯޑަރު އަންނަ ޖުލައި މަހުގެ 15 ވަނަ ދުވަހު ހުޅުވާލާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިއުލާން ކޮށްފައިވާއިރު ރާއްޖޭގެ އެއާޕޯޓު އޮތީ ފަތުރުވެރިކަމަށް ހުޅުވާލަން ތައްޔާރަށް ކަމަށް ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ފަރާތުން ދަރުބާރުގޭގައި މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ، އެއާޕޯޓާއި ގުޅުންހުރި ހުރިހާ ފަރާތްތަކާއެކު މިދިޔަ ދުވަސްތަކުގައި ދިއައީ މަސައްކަތް ކުރަމުން ކަމަށާއި އެއާޕޯޓު އޮތީ ފަތުރުވެރިކަމަށް ހުޅުވާލަން މިހާރު ތައްޔާރަށް ކަމަށެވެ.
"އެއާޕޯޓުގެ ތައްޔާރީ ތަކަށް ބަލާއިރު އެއާޕޯޓާއި ގުޅުންހުރި ހުރިހާ ސުޓޭކްހޯލްޑާރސް ތަކަކާއެއްކޮށް އަޅުގަނޑުމެން މިދިޔަ ދުވަސްތަކުގައި މިދިއައީ މަސައްކަތް ކުރަމުން، އަޅުގަނޑަށް ދައްނަވާލަން ކެރިދާނެ ރާއްޖޭގެ އެއާޕޯޓު އޮތީ ފަތުރުވެރިކަމަށް ހުޅުވާލަން ތައްޔާރަށޭ، މިގޮތުން ކޮންމެ 20 މިނެއްޓަކުން ފުލައިޓް ޖައްސައި ފުލައިޓް ކުލިއަރެންސް ނިމޭވަރަށް ނިއުނޯމަލްގައި މަސައްކަތް ކުރެވޭނެ ކަމުގެ ޔަގީންކަން އެމްއޭސީއެލްގެ ފަރާތުން ވަނީ ދެއްވައިފައި" އަލީ ވަހީދު ވިދާޅުވިއެވެ.
މީގެއިތުރުން ފަތުރުވެރިކަން ހުޅުވާލަނީ ކުރިއެކޭވެސް އެއްގޮތަށް އޮންއަރައިވަލް ވިސާ ލިބޭނެ ގޮތައް ކަމަށާއި ނަމަވެސް، ރާއްޖޭގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ރާއްޖެ އަންނަ ފަތުރުވެރިންގެތެރެއިން އަލާމާތްތައް ހުރިކަމަށް ބެލެވޭ ފަތުރުވެރިން ޕީސީއާރު ޓެސްޓު ކުރާނެ ކަމަށެވެ. އަދި މީގެއިތުރުން ރޭންޑަމް ޓެސްޓުތައްވެސް ކުރާނެ ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.
އަންނަމަހުގެ 15 ވަނަ ދުވަހު ރާއްޖެއަށް ފަތުރުވެރިން އައްނަން ފަށާނެކަން ހާމަކުރައްވަމުން އަލީ ވަހީދު ވިދާޅުވީ، އެ ދުވަހަށް މިހާރު ވެސް ތިން ފްލައިޓް ސްލޮޓް ބުކްކޮށްފައިވާ ކަމަށެވެ. އަދި ފުރަތަމަ ފްލައިޓް އެ ދުވަހުގެ ހެނދުނު އަންނާނެ ކަމަށް މިނިސްޓަރު ލަފާކުރެއްވި އެވެ.




