ލިވަޕޫލުން ލީގު ޔަޤީންކުރަން ބޭނުންވަނީ އެންމެ 2 ޕޮއިންޓް

އިންގްލިޝް ޕޮރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން ފަޞޭޙަކަމާއެކު ކްރިސްޓަލް ޕެލެސް ބަލިކޮށް ލީގު ޔަޤީންކުރުމާއި ގާތަށް ލިވަޕޫލް ޖެހިލައިފިއެވެ.

ރޭގެ މޮޅާއެކު ލިވަޕޫލަށް 31 މެޗުން ޖުމްލަ 86 ޕޮއިންޓް ލިބިފައިވާއިރު، ލީގު ޔަޤީންކުރަން އެކްލަބު ދެން ބޭނުންވާނީ އެންމެ 2 ޕޮއިންޓެވެ. ދެވަނާގައި އޮތް ސިޓީއަށް 30 މެޗުން ލިބިފައިވަނީ 63 ޕޮއިންޓެވެ. އަދި މިރޭ ޗެލްސީއާއި ދެކޮޅަށް ސިޓީ ނުކުންނަ މެޗުން ސިޓީއަށް މޮޅުނުވެވުނަސް މިހާރު ލިބިފައިވާ ޕޮއިންޓާއެކު ލިވަޕޫލަށް މިސީޒަންގެ ޕްރިމިއާ ލީގު ޔަޤީންވާނެއެވެ.

އެންފީލްޑްގައި ރޭ ކުޅުނު މެޗުު ލިވަޕޫލުން ކާމިޔާބުކޮށްފައިވަނީ 4-0 ގެ ނަތީޖާއަކުންނެވެ. ލިވަޕޫލްގެ ފުރިހަމަ ކޮންޓްރޯލްގައި އޮތް މިމެޗުގެ ފުރަތަމަ ހާފުގައި ދެލަނޑު ފެނިގެންގޮސްފައިވާއިރު، އެދެލަނޑު ކާމިޔާބުކޮށްދިނީ އެލެކްޒެންޑާ އާނޯލްޑް އާއި މުޙައްމަދު ސަލާޙްއެވެ. މެޗުގެ 23 ވަނަ މިނަޓްގައި ފެނިގެން ދިޔަ ލަނޑު އެލެކްޒެންޑާ އާނޯލްޑް ކާމިޔާބުކޮށްދީފައިވަނީ ހިތްގައިމު ހިލޭ ޖެހުމަކުންނެވެ. އަދި ސަލާޙްގެ ލަނޑަކީ ފަބިނޯގެ ވަރަށް ރީތި ޕާހަކުން މެޗުގެ 44 ވަނަ މިނަޓްގައި ކާމިޔާބުކުރި ލަނޑެކެވެ.

އަދި ލިވަޕޫލްގެ އަނެއް ދެލަނޑު ދެވަނަ ހާފުގައި ކާމިޔާބުކޮށްދިނީ ފަބިނޯއާއި މާނޭއެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ލިވަޕޫލްގެ ކޯޗު ކްލޮޕް ބުނީ، އޭނާގެ ޓީމު މިމެޗު ކުޅެފައިވަނީ ކުޅެވޭނެ އެންމެ ފުރިހަމައަށްކަމަށާއި، ތައްޓަށް އިތުރު އިންތިޒާރެއް ކުރަން ބޭނުން ނުވާކަން ކުޅުންތެރިން ލިވަޕޫލްގެ ސަޕޯރޓަރުންނަށް ސާބިތުކޮށްދީފިކަމަށެވެ.

ރޭގެ މޮޅަކީ އަމިއްލަ ދަނޑު، އެންފީލްޑްގައި ލިވަޕޫލުން މޮޅުވި 20 ވަނަ މޮޅެވެ. އެއާއެކު ޔޫރަޕްގެ ގަދަ ފަސް ލީގުގެތެރެއިން މިސީޒަންގައި އަމިއްލަ ދަނޑުގައި 20 މޮޅު ހޯދި ފުރަތަމަ ޓީމަކަށްވެސް ލިވަޕޫލްވަނީ ވެގެން ގޮސްފައެވެ.

70 ގެ އަހަރުތަކުގެ ތެރޭގައި ގަދަ ބާރެއްގެ ގޮތުގައި އޮތް ލިވަޕޫލުން އެންމެ ފަހުން ޕްރިމިއާ ލީގު ކާމިޔާބުކޮށްފައިވަނީ މީގެ 30 އަހަރު ކުރިން 1990 ގައެވެ. ލިވަޕޫލް ސަޕޯޓަރުން ކުރަމުންއައި މިދިގު އިންތިޒާރަށް ނިމުމެއް އަންނަ މިހާރުވަނީ ވަރަށް ގާތްވެފައެވެ. އެއީ އަންނަ ބުރާސްފަތި ދުވަހުގެ ރޭ ސިޓީއާއި ދެކޮޅަށް ކުޅޭ މެޗަށްވެސް ވެދާނެއެވެ. އަންނަ މަހުގެ 2 ވަނަ ދުވަހުގެ ރޭ ކުޅުމަށް ހަމަޖެހިފައިވާ އެ މެޗު ފަށާނީ އެރޭ 01:00 ގައެވެ. ނޫންނަމަ މިރޭ ވަރުގަދަ ސިޓީ ހުއްޓުވައި ޗެލްސީގެ އެހީއާއެކުވެސް ލިވަޕޫލަށް ލީގު އަވަހަށް ޔަޤީންވެދާނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ