ސާޖިއޯ ރާމޯސް

ރާމޯސްގެ ހިތްގައިމު ގޯލާއެކު ރެއަލްއިން އަނެއްކާވެސް ބާސާ ފަހަތަށް ޖައްސާލައިފި

ސްޕެނިޝް ލަލީގާގައި ރޭ މަލޯކާއާއި ދެކޮޅަށް ކުޅުނު މެޗުގައި ހިލޭ ޖެހުމަކުން ސާޖިއޯ ރާމޯސް ކާމިޔާބުކޮށްދިން ހިތްގައިމު ގޯލާއެކު ވާދަވެރި ބާސެލޯނާ ފަހަތަށް ޖައްސާލުމަށްފަހު ރެއަލްމެޑްރިޑް އަނެއްކާވެސް ތާވަލްގެ އެއްވަނައަށް އަރައިފިއެވެ.

ރޭ ކުޅުނު މެޗު ރެއަލްމެޑްރިޑުން ކާމިޔާބުކޮށްފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ ވިނިޝިއަސް ޖޫނިއާއެވެ. 19 ވަނަ މިނަޓްގައި ފެނިގެންދިޔަ މިލަނޑަކީ ކީޕަރު މަތިން ވައްޓާލި ޗިޕެކެވެ. ދެވަނަ ހާފުގައި ކެޕްޓަން ރާމޯސް ރެއަލްއަށް ލީޑު ފުޅާކޮށްދިންއިރު، މިއީ 12 ޔާޑު ދުރުން ފޮނުވާލި ހިތްގައި ހިލޭ ޖެހުމަކުން ކާމިޔާބުކުރި ލަނޑެކެވެ. ރާމޯސްގެ މިލަނޑަކީ މިސީޒަންގައި އޭނާ ކާމިޔާބުކުރި 10 ވަނަ ލަނޑެވެ.

މީގެއިތުރުންވެސް ލަނޑު ޖަހާނެ ގިނަ ފުރުޞަތުތަކެއް ރެއަލްމެޑްރިޑަށް ލިބިގެންގޮސްފައިވާއިރު، 25 ޔާޑު ދުރުން އެޑެން ހަޒާޑު ފޮނުވާލި ހަމަލާއާއި މަލޯކާގެ ކީޕަރު ރެއިނާ ދިފާޢުކުރި ބެންޒެމާގެ ޙަމަލާ ފާހަގަކޮށްލެއެވެ.

ރޭގެ ބައްޔާއެކު މަލޯކާއިންވަނީ ރެލިގޭޝަން ޒޯންއަށް ވެއްޓިފައެވެ. 31 މެޗުން ލިބުނު 26 ޕޮއިންޓާއެކު މަލޯކާއޮތީ ފުލުން ތިންވަނާގައެވެ.

މީގެ އިތުރުން ރޭގެ މެޗުގެ ދެވަނަ ހާފުގައި މަލޯކާއިން އުމުރުން 15 އަހަރު ލުކާ ރޮމޭރޯވަނީ ކުޅެން ނެރެފައެވެ. އެއާއެކު ސްޕެނިޝް ލަލީގާގެ މިހާތަނަށް ކުޅުނު އެންމެ ހަގު ކުޅުންތެރިޔާއަށް އޭނާވަނީ ވެގެން ގޮސްފައެވެ. މެކްސިކޯގެ ޑްރެންގޯ ސިޓީއަށް އުފަން ރޮމޭރޯ ނިސްބަތްވަނީ އާޖެންޓީނާއަށާއި މެކްސިކޯއަށެވެ. ބާސެލޯނާގެ ތަރި ލިއޮނަލް މެސީއާއި ކުޅުމުގައި އެއްގޮތްކަމެއް ހުންނަ ރޮމޭރޯއަށް ވަނަކަމަށް ކިޔަނީ ‘މެކްސިކަން މެސީ’ އެވެ.

ރޭގެ މޮޅާއެކު ރެއަލްމެޑްރިޑަށް ތާވަލްގެ އެއްވަނަ ލިބެނީ 31 މެޗުން ލިބުނު 68 ޕޮއިންޓާއެކުގައެވެ. ވާދަވެރި ބާސެލޯނާއަށްވެސް 31 މެޗުން ލިބިފައިވަނީ 68 ޕޮއިންޓެވެ. އެހެންނަމަވެސް ރެއަލްމެޑްރިޑަށް އެއްވަނަ ލިބެނީ މިދެޓީމު ބައްދަލުކުރި މެޗުގެ ނަތީޖާއިން ރެއަލްމެޑްރިޑަށް ކުރި ލިބިފައިވާތީއެވެ. ބާސެލޯނާ ދަނޑުގައި ކުޅުނު ފުރަތަމަ މެޗު ނިމުނީ 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރު ވެގެންނެވެ. އެހެންނަމަވެސް އަމިއްލަ ދަނޑުގައި ރެއަލްމެޑްރިޑުންވަނީ 2-0 ގެ ނަތީޖާއަކުން ބާސެލޯނާގެ މައްޗަށް ކުރި ހޯދާފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ