ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި އެންމެ ފުރަތަމަ ނައިބު ރައީސްކަން ކުރެއްވި ޑރ. މުހައްމަދު ޖަމީލް އަހުމަދު އިދިކޮޅު ކޯލިޝަނުގެ އެޑްވައިޒަރުގެ މަގާމަށް ހަމަޖައްސައިފިއެވެ.
ޑރ. ޖަމީލަށް އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރުގެ މަގާމު އެރުވީ، މިރޭ އެމަނިކުފާނު ޕީޕީއެމްއަށް ސޮއިކުރެއްވުމާއި ގުޅިގެން ބޭއްވި ރަސްމިއްޔާތެއްގައެވެ. އަދި ޑރ. ޖަމީލު އިދިކޮޅު ކޯލިޝަނުގެ އެޑްވައިޒަރުގެ މަގާމަށް ހަވާލުވެވަޑައިގެންފައިވާކަން ހިއްސާކުރެއްވީ ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި ޕީއެންސީގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ އެވެ.
މިރޭ ޑރ. މުއިއްޒުގެ ގެކޮޅު މ. ދިމްޔާތުގައި ބޭއްވި ރަސްމިއްޔާތެއްގައި ޖަމީލް މިރޭ ޕީޕީއެމަށް ސޮއިކުރަށްވާފައި ވަނީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ މެންބަރެއްގެ ގޮތުގައި ހުންނެވުމަށްފަހުގައެވެ.
ޑރ. ޖަމީލުގެ އިތުރުން ރާއްޖޭގެ ކުރީގެ ރައީސް ޑޮކްޓަރ މުހައްމަދު ވަހީދު ހަސަން މަނިކު އަކީވެސް މިހާރު އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރެކެވެ. ޑރ. ވަހީދަށް އެޑްވައިޒަރުކަން އަރުވާފައިވަނީ މީގެ ތިން ވަރަކަށް ދުވަސް ކުރިންނެވެ.
ޕީޕީއެމާއި ގުޅިވަޑައިގެން ވާހަކަފުޅު ދައްކަވަމުން ޖަމީލް ވިދާޅުވީ ރާއްޖޭގެ ރައީސްކަން ކުރެއްވި ބޭފުޅަކު ޖަލުގައި ހުންނެވުމަކީ ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ. އަދި ރާއްޖޭގެ ތަރައްގީގައި މުހިންމު ދައުރެއް އަދާކުރެއްވި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫންނެވެ.
ޑރ. ޖަމީލަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފުރަތަމަ ނާއިބު ރައީސް އެވެ. ނަމަވެސް އެ މަނިކުފާނުގެ އިތުބާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ވަނީ މަގާމު ގެއްލުވާލައިފަ އެވެ. ފަހުން އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ގެނައުމަށް ވެސް ޖަމީލު މަސައްކަތް ކުރެއްވި އެވެ. ނަމަވެސް ފަހަކަށް އައިސް ޖަމީލު ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި މި ސަރުކާރަށް އަންނަނީ ފާޑުވިދާޅުވަމުންނެވެ.




