ކޮންޓްރޯލެއް ނުވޭ! އިއްޔެ ޕޮޒިޓިވް ވީ މީހުންގެ އަދަދު 2 ލައްކައާއި ގާތަށް

ހަލުވިކަމާއިއެކު ދުނިޔޭގެ އެކި ގައުމުތަކުގައި ފެތުރެމުންދާ ކޮވިޑް-19 ކޮންޓްރޯލް ނުވެ ޕޮޒިޓިވްވާ އަދަދު އިތުރުވާން ފަށައިފިއެވެ.

އިއްޔެ އަކީ މިހާތަނަށް އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވީ ދުވަހެވެ. އެގޮތުން އިއްޔެ އެކަނިވެސް 194,190 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަމަށް ވަނީ ރިޕޯޓު ކޮށްފައެވެ.

އިއްޔެ 2 ލައްކައާއި ގާތްކުރާ އަދަދަކަށް މީހުން ޕޮޒިޓިވް ވެފައިވާއިރު އިއްޔެ ވަނީ 98,484 މީހުން ބަލިން ރަނގަޅުވެފައި ވާކަމަށް ރިޕޯޓު ކޮށްފައެވެ. އިއްޔެ މި ބަލި ޖެހިގެން މަރުވެފައިވާކަމަށް ރިޕޯޓު ކޮށްފައިވަނީ 4,893 މީހުންނެވެ.

މުޅި ދުނެޔެއިން ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު 10 މިލިއަނަށް އެރުމަށް ކައިރިވެފައިވާއިރު މިހާތަނަށް 9,910,068 މީހުން މި ބައްޔަށް ވަނީ ޕޮޒިޓިވް ވެފައެވެ. މިހާތަނަށް މުޅި ދުނިޔެއިން 5,360,798 މީހުން މި ބަލިން ރަނގަޅުވެފައި ވާކަމަށް ރިޕޯޓު ކޮށްފައިވާއިރު 496,991 މީހުން ވަނީ މި ބަލި ޖެހިގެން މަރުވެފައެވެ.

ދުނިޔެއިން އެންމެ ގިނަ މީހުން ޕޮޒިޓިވް ވެފައިވާ އެމެރިކާގައި މިހާތަނަށް 2,552,956 މީހުން މި ބައްޔަށް ޕޮޒިޓިވް ވެގެން ވަނީ ރިޕޯޓު ކޮށްފައެވެ. އެގައުމުގައި 1,068,703 މީހުން ބަލިން ރަނގަޅުވެފައި ވާއިރު މަރުވެފައި ވަނީ 127,640 މީހުންނެވެ. އެގައުމުގައި އެކްޓިވް ކޭސްގެ ގޮތުގައި މިވަގުތު ހުރީ 1,356,613 ކޭސް އެވެ. އިއްޔެ އެންމެ ގިނަ މީހުން ޕޮޒިޓިވް ވެފައި ވަނީވެސް އެގައުމުގައެވެ. އެގޮތުން އިއްޔެ އެމެރިކާއިން 47,341 މީހަކު ވަނީ ޕޮޒިޓިވް ވެފައިވާކަމަށް ރިޕޯޓު ކޮށްފައެވެ.

ދެން އެންމެ ގިނަ މީހުން ޕޮޒިޓިވް ވެފައިވާ ބްރެޒިލް އިންވެސް އިއްޔެ ވަނީ 46,907 މީހުން ޕޮޒިޓިވް ވެފައެވެ. އިއްޔެ އެންމެ ގިނަ މީހުން މަރުވެފައި ވަނީވެސް ބްރެޒިލް ގައެވެ. އެގޮތުން މި ބަލި ޖެހިގެން އިއްޔެ 1,055 މީހުން އެގައުމުން މަރުވެފައިވާއިރު ޖުމްލަ މިހާތަނަށް އެގައުމުން ވަނީ މިބަލި ޖެހިގެން 56,109 މީހުން މަރުވެފައެެވެ. އެގައުމުން ޖުމްލަ ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު 1,280,054 އަރާފައިވާއިރު އެގައުމުން ރަނގަޅުވެފައި ވަނީ 697,526 މީހުންނެވެ.

މިހާރު މިބަލި އެންމެ ގަދަޔަށް ފެތުރޭ ގައުމު ތަކުގެ ތެރޭގައި އިންޑިއާ އަދި ޕާކިސްތާނުވެސް ހިމެނެއެވެ. އެގޮތުން އިންޑީއާއިން މިހާތަނަށް 509,446 މީހުން މިބައްޔަށް ޕޮޒިޓިވް ވެފައިވާއިރު ޕާކިސްތާނުން ވަނީ 198,883 މީހުން މި ބައްޔަށް ޕޮޒިޓިވް ވެފައެވެ. އިންޑިއާއިން އިއްޔެ 18,276 މީހުން ޕޮޒިޓިވް ވެފައިވާއިރު ޕާކިސްތާނުން އިއްޔެ ވަނީ 2,775 މީހުން ޕޮޒިޓިވް ވެފައެވެ. އިންޑިއާއިން މިހާތަނަށް މި ބަލި ޖެހިގެން 15,689 މީހުން މަރވެފައި ވާއިރު އެގައުމުން ރަނގަޅު ވެފައިވަނީ 295,917 މީހުންނެވެ.

 

.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ