ކުޅުދުއްފުށި ހޮނިހިރު ބާޒާރު - ފޮޓޯ: ފެށުން

ކުޅުދުއްފުށީގައި ޤަވައިދާ ހިލާފަށް ބިދޭސީން ގެންގުޅޭ ގެތަކުގެ ވެރި ފަރާތްތައްވެސް ޖޫރިމަނާ ކުރަނީ

ކުޅުދުއްފުށީގައި ޤަވައިދާ ހިލާފަށް ބިދޭސީން ގެންގުޅޭ ގެތަކުގެ ވެރި ފަރާތްތައް ޖޫރިމަނާ ކުރާނެކަމުގައި ކުޅުދުއްފުށީ ކައުންސިލުން ވިދާޅުވެއްޖެއެވެ.

އެކައުންސިލުން އިއްޔެ އާންމުކޮށްފައިވާ އިޢުލާނެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ރަޖިސްޓްރީއެއް ސަރުކާރުން ބެލެހެއްޓުމަށްޓަކައި، ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އެރަށެއްގެ ރަށު ކައުންސިލް ނުވަތަ ސިޓީ ކައުންސިލްގައި "ބިދޭސީން ރަޖިސްޓްރީ ކުރާ ދަފްތަރެއް" އޮންނަންވާނެ ކަމުގައި ވަޒީފާ އަދާކުރުމަށް ދިވެހިރާއްޖެއަށް ބިދޭސީން ގެނައުމުގެ ޤަވައިދުގައި ބަޔާން ކޮށްފައިވާކަމަށެވެ.

އެހެންކަމުން ކުޅުދުއްފުށީގައި ވަޒީފާ އަދާކުރާ ފާރާތްތަކާއި އެފަރާތުގެ އާއިލާ އެއްވެސް މެމްބަރެއް ކުޅުދުއްފުށީގައި ދިރިއުޅޭނަމަ އެފަރާތްތައް ދަފްތަރު ކުރުމަށް އެކައުންސިލުން މީގެ ކުރިން ވެސް އަންގާފައިވާނެކަމަށާއި، ނަމަވެސް ކުޅުދުއްފުށީގައި ލިޔެކިޔުމަކާއި ނުލައި ދިރިއުޅޭ ބިދޭސީން ހޯދުމަށް ކުރިއަށް ގެންދާ އޮޕަރޭޝަން ތަކުގައި އެރަށުގައި ދަފްތަރު ނުކުރާ ގިނަ އަދަދެއްގެ ބިދޭސީ މަސައްކަތްތެރިން، ދިރި އުޅެމުންދާ ކަން ވަނީ ފާހަގަ ކުރެވިފައިވާކަމުހައި ކުޅުދުއްފުށީ ކައުންސިލުން ވަނީ ވިދާޅުވެފައެވެ.

ކުޅުދުއްފުށީ ކައުންސިލުން އިތުރަށް ވިދާޅުވެފައިވަނީ އެކައުންސިލްގައި ދަފްތަރު ކުރެވިފައި ނުވާ ބިދޭސީ މަސައްކަތްތެރިން 02 ޖުލައި 2020 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00ގެ ނިޔަލަށް ދަފްތަރުކުރަންވާނެކަމަށެވެ.

މީގެ އިތުރުން ކުޅުދުއްފުށީ ކައުންސިލްގެ އެންގުމާއި ހިލާފަށް އެރަށުގައި ބިދޭސީ މަސައްކަތްތެރިން ގެންގުޅޭ ވިޔަފާރިތަކާއި، ކުންފުނި، އަމިއްލަ ފަރާތްތައް އަދި ބިދޭސީ މަސައްކަތް ތެރިން ދަފްތަރު ކުރުމަކާ ނުލައި ޤަވައިދާ ހިލާފަށް ގެންގުޅޭ ގެތަކުގެ ވެރި ފަރާތްތަކާ މެދުވެސް ފިޔަވަޅު އަޅާނެކަމަށެވެ. އެގޮތުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 143 ގެ ދަށުން ކައުންސިލުން ކުރާ އަމުރަށް ނުކިޔަމަންތެރިވާ ފަރާތްތަކާއި މެދު އަދަބެއްގެ ގޮތުގައި މައްސަލައިގެ ކުޑަ ބޮޑުމިނަށް ބަލައި 500 (ފައްސަތޭކަ) ރުފިޔައާއި 5000 (ފަސްހާސް) ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާ ކުރާނެ ކަމުގައި އެކައުންސިލުން ވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ