ކޮޕަޑެލްރޭ ފައިނަލްގައި ބާސެލޯނާގެ ސަޕޯޓަރުންގެ ފަރާތުން ފުރިހަމަ އެއްބާރުލުންދީ ޓީމަށް ސަޕޯޓުކުރުމަށް ބާސެލޯނާގެ ބޯޑުން އެދިއްޖެއެވެ.
މިމަހުގެ 25 ވަނަ ދުވަހު ކުޅުމަށްހަމަޖެހިފައިވާ މިމެޗުގައި ބާސެލޯނާ ނުކުންނާނީ ވެލެންސިއާއާއި ދެކޮޅުށެވެ.
މިދިޔަ ހަފްތާގައި ލިވަޕޫލް އަތުން ބަލިވެ ޗެމްޕިއަންސް ލީގުން ބާސެލޯނާ ކެޓިފަހުން ސަޕޯޓަރުންދަނީ ބާސެލޯނާއަށް ވަރަށް ފާޑުކިޔަމުންނެވެ.
އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުން 3-0 ގެ ނަތީޖާއަކުން ލިވަޕޫލް ބަލިކޮށް ހިތްހަމަޖެހިލައިގެން އޮތް ބާސެލޯނާއަށް މާޔޫސްކަން ގެނުވީ އެންފީލްޑްގައި ކުޅެވުނު ސެމީގެ ދެވަނަ ލެގުގައެވެ. އެންފީލްޑްގައި ލަދުވެތި ގޮތަކަށް ލިވަޕޫލްއިން ބާސެލޯނާ ބަލިކޮށް މުބާރާތުވަނީ ކަޓުވާލާފައެވެ. އެމެޗުގައި ބާސެލޯނާގެ މައްޗަށް ލިވަޕޫލް ކުރި ހޯދީ 4-0 ގެ ނަތީޖާއަކުންނެވެ. ލިވަޕޫލް ޗެމްޕިއަންސް ލީގު ފައިނަލަށް ދިޔައީ އެގްރިގޭޓް 4-3 ކުން ބާސެލޯނާގެ މައްޗަށް ކުރި ލިބިގެންނެވެ.
އެންފީލްޑްގައި ބާސެލޯނާއަށް ލިބުނު މިނާކާމިޔާބީއަށްފަހު ކްލަބްގެ ޑައިރެކްޓަރުންނަށް ގިނަ އަދަދެއްގެ ފާޑުކިއުން ރައްދުވެފައިވާއިރު ކޯޗު ވަލްވާޑޭ ބަދަލުކުރުމަށްވެސް ބައެއް ސަޕޯޓަރުން ގޮވާލަމުންދެއެވެ.

މިސީޒަންގެ ޗެމްޕިއަންސް ލީގޫ ބާސެލޯނާއަށް ކާމިޔާބުނުކުރެވުނު ނަމަވެސް ބާސެލޯނާއިން ވަނީ ލަލީގާ ކާމިޔާބުކޮށްފައެވެ. އަދި ކޮޕަޑެލްރޭ ފައިނަލްގައި ވެލެންސިއާ ބަލިކޮށް މިސީޒަންގައި ދެތަށު ނެގުމުގެ ފުރުޞަތު ބާސެލޯނާއަށް އެބައޮތެވެ.
ބާސެލޯނާ ބޯޑުން ސަޕޯޓަރުންގެ އަރިހުން ޓީމަށް ސަޕޯޓު ކުރުމަށްއެދުމާއެކު ކްލަބްގެ ފުޓްސަލް ޓީމަށާއި ހޭންޑްބޯލް ޓީމަށް ހޯދި ކާމިޔާބީއަށްވަނީ މަރުޙަބާ ކިޔާފައެވެ. އަދި ހޮނިހިރު ދުވަހުގެ ރޭ ޗެމްޕިއަންސް ލީގު ފައިނަލްގައި ލިއޮންއާއި ދެކޮޅަށް ނިކުންނަ ބާސެލޯނާގެ އަންހެން ޓީމަށް ބޯޑުގެ ފުރިހަމަ އެއްބާރުލުން އެބައޮތްކަމަށް ވަނީ ބުނެފައެވެ.