ސްޕެނިޝް ލަލީގާ ރޭ އެސްޕަނިޔޯލްއާއި ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ދެ ޕޮއިންޓްގެ ލީޑަކާއެކު ރެއަލްމެޑްރިޑް ތާވަލްގެ އެއްވަނައަށް ޖެހިލައިފިއެވެ.
އުނދަގޫ މޮޅަކާއެކު ރެއަލްމެޑްރިޑް ތާވަލްގެ އެއްވަނައަށް ޖެހިލީ 31 މެޗުން ލިބުނު 71 ޕޮއިންޓާއެކުއެވެ. ދެވަނާގައި އޮތް ވާދަވެރި ބާސެލޯނާއަށް ލިބިފައިވަނީ 31 މެޗުން 69 ޕޮއިންޓެވެ.
0-1 ގެ ނަތީޖާއަކުން ރެއަލްމެޑްރިޑް މޮޅުވި މިމެޗުގައި ރެއަލްއިންވަނީ ލަނޑު ޖަހާނެ ގިނަ ފުރުޞަތުތަކެއް އުފައްދާފައެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ފެނިގެން ގޮސްފައިވަނީ މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައެވެ. ބްރެޒިލްގެ ތަރި ކަސެމީރޯ ކާމިޔާބުކޮށްދިން މިލަނޑަކީ ކަރިމް ބެންޒެމާ ފުންނާބުން ދިން ހިތްގައިމު ޕާހަކުން އޭރިއާ ތެރެއިން ގޯލްގެ ކުރިމަތިން ކާމިޔާބުކޮށްދިން ލަނޑެކެވެ.

މިލަނޑުގެ ކުރިންވެސް ކަސެމީރޯވަނީ ނުރައްކާތެރި ހަމަލާއެކު އެސްޕަނިޔޯލްގެ ގޯލާއި އަމާޒުކޮށް ފޮނުވާލާފައެވެ. އަމިއްލަ ހާފުގައި ހުރެފައި މަތި މަތިން ކަސެމީރޯ ފޮނުވާލި މިހަމަލާ އެސްޕަނިޔޯލްގެ ކީޕަރު ޑިއޭގޯ ލޮޕޭޒްވަނީ ދިފާޢުކޮށްފައެވެ.
އެސްޕަނިޔޯލްގެ ފަރާތުންވެސް ނުރައްކާތެރި ކުޅުމެއް ފެނިގެން ދިޔަ މިމެޗުގައި ރެއަލްމެޑްރިޑްގެ ކީޕަރު ކޯޓުއާވަނީ އެސްޕަނިޔޯލްއިން އުފެއްދި ނުރައްކާތެރި ފަސް ހަމަލާއެއް ދިފާޢުކޮށްފައެވެ.
ރެއަލްމެޑްރިޑް ދެން ވާދަކުރަންޖެހޭނީ ގެޓާފޭއާއެވެ. ބުރާސްފަތި ދުވަހުގެ ރޭ ކުޅުމަށް ހަމަޖެހިފައިވާ އެމެޗު ފަށާނީ އެރޭ 01:00 ގައެވެ. އޭގެ ކުރިން ވާދަވެރިވެރި ބާސެލޯނާއާއި އެތުލެޓިކޯ ބައްދަލުކުރާ ފޯރިގަދަ މެޗެއް ކުޅުމަށްވަނީ ހަމަޖެހިފައެވެ. މާދަމާ ރޭ 01:00 ގައި ކުޅޭ މިމެޗަކީ ލީގަށް ވާދަކުރުމަށް ބާސެލޯނާއަށް ވަރަށް މުހިންމު މެޗެކެވެ.



