(މިއީ ޙަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ.)
ސާހިލް ދިއުމުން އަހަރެން އެކަމާމެދު ވަރަށް ވިސްނީމެވެ. އެގޮތަށް އަހަންނަށް ނަންބަރު ދިނުމުގެ ބޭނުމަކީ ކޮބައިބާއެވެ؟ ހުރިހާ ކަމެއް ހަނދާން ނައްތާލާފައި އަހަރެން ގުޅަންވީހެއްޔެވެ؟ ސާހިލް ޙަޤީޤީ ލޯބިވަނީ އެހެން ކުއްޖެއްދެކެކަން ރަނގަޅަށް އެނގޭއިރުވެސް އަހަރެން ކުރިއަށް ފިޔަވަޅު އަޅަންވީހެއްޔެވެ؟
އެތައް ގޮތަކަށް ވިސްނުމަށްފަހު އެންމެ ފަހުން އޭގެ އަނެއް ދުވަހު އަހަރެން އެ ނަންބަރަށް ގުޅީމެވެ. ހަމަ ގުޅުމާއެކު ސާހިލް ފޯނު ނެގިއެވެ.
"ޙާލު ކިހިނެއްތަ؟ ވަރަށް ހަނދާންވޭ." ތިން މަސް ފަހުން އެ އަޑު ޖެހުމާއެކު ހީވީ އަހަރެންގެ ހިތް ވިރިގެން ފޭބިހެންނެވެ. މުޅި ގައިން ހީބިހި ނަގައިގެން ދިޔައެވެ.
" ޙާލު ރަނގަޅު. ސާހިލް ކިހިނެއް؟" ހިތުގައި ކިތަންމެ ގިނަ ޝަކުވާއެއް ހުރި ނަމަވެސް އެވަގުތު އެކަން ހަނދާން ނެތުނެވެ.
"އަހަރެންވެސް ރަނގަޅު. ބޮޑު ދައްތަގެ ޓެސްޓްތަކުގެ ނަތީޖާ ކިހިނެއްތަ؟" އެއްޗެއް ނުބުނެ ކުޑަ ވަގުތުކޮޅެއް ދިޔަ ފަހުން ސާހިލް އަހާލިއެވެ. އެވަގުތު ޑިޔުޓީގައި އިނުމުން އެ ރިޕޯރޓް ހޯދާލުމަށްފަހު އޭގައިވާ އެއްޗެހި ކުރުގޮތަކަށް އަހަރެން ކިޔައިދިނީމެވެ. ދެން އަނެއްކާވެސް ވާހަކަ ދެއްކީ ސާހިލްއެވެ. އަހަރެންގެ ދިރިއުޅުމާބެހޭގޮތުން އެކިއެކި ސުވާލު އޭނާ ކުރިއެވެ. އަދިވެސް އުޅެނީ ވިލިނގިލީގައިތޯއާއި، ވަޒީފާއަށް ވަނީ ކޮންއިރަކުތޯއެވެ. އަދި ޑިޔުޓީ ނިމޭ އިރަކާއި، ގެއަށް ދަނީ ކިހިނެއްތޯއެވެ. ޑިޔުޓީ ނިމޭ ގަޑިއާއި ދަނީ ޓެކްސީގައި ކަމުގައި ބުނުމުން، އަހަރެން ކައިރީ ބަލާ ދާންވީތޯ އަހާލުމެއްވެސް ނެތި ނިމޭ ގަޑިއަށް ބަލާ އަންނާނެކަމުގައި ސާހިލް ބުންޏެވެ. ހީވަނީ އަހަރެން ބޭނުންވާ ގޮތެއް އެހުން އޭނާއަށް އެއްވެސް ވަރަކަށް މުހިންމު ނޫން ހެންނެވެ. އަހަރެންވެސް ކޮންމެހެން ދެކޮޅެއް ނުހަދަމެވެ. އެ ސޫރަ ދެކިލާ ހިތްވެފައި ހުރިވަރުންނެވެ. އަދި ކައިރިން އެ އަޑު އަހާލާހިތުންނެވެ.
ޑިޔުޓީ ނިންމާފައި ނުކުތްއިރު އޭޑީކޭ ދޮރުމަތީގައި ޕްރައިވެޓް ކާރެއްގައި ސާހިލް އަހަރެން ބަލާ އައިސް އިނެވެ. އެ މަންޒަރު ފެނުމުން ކައިރީގައި ތިބި ރައްޓެހި ކުދިން ދިމާވެސް ކުރިއެވެ. އެވަގުތު އަހަންނަށް ކުރެވުނީ ވަރަށް އުފާވެރި އިޙުސާސެކެވެ. އަމިއްލަ ނަފްސަށް ފަޚުރުވެރިވެސް ވެވުނެވެ. އެއީ އަދި މިހާތަނަށް އަހަންނަށްޓަކައި އެއްވެސް މީހަކު ކޮށްފައިވާ ކަމެއް ނޫނެވެ. ކުރިން އަހަރެމެން ދެމީހުންގެ މެދުގައި ކޮންމެ ގޮތަކަށް ކަންތައްތައް ވެފައި އޮތް ނަމަވެސް ސާހިލްއަށް އަހަރެން މުހިންމު ނޫން ނަމަ އެގޮތަށް ބަލާ ނާންނާނެ ކަމުގައި އެވަގުތު ހިތް ބުނެލިއެވެ. އެހެންކަމުން ވަރަށް އުފަލުން ގޮސް ކާރަށް އެރީމެވެ. ފެރީ ޓާރމިނަލާ ހަމައަށް ދެވެންދެންވެސް އަހަރެމެން ދެއްކީ އާންމު ދިރިއުޅުމުގެ ވާހަކަ ތަކެވެ. އެގޮތަށް ދެކެވުނު ވާހަކަޔަކުން އެއީ ވިވާންގެ ކާރެއްކަން އެނގުނެވެ. އެކި ވާހަކަ ދެކެވުނު ނަމަވެސް ކުރިން ކަންތައް ވީ ގޮތާ ބެހޭގޮތުން އަހަރެން އެއްވެސް ސުވާލެއް ނުކުރަމެވެ. ސާހިލްވެސް ކުރީގެ ވާހަކަތައް ނުދައްކާތީ އަހަރެންވެސް ކޮންމެހެން އެވާހަކަ ދެއްކުން މުހިންމު ކަމެއް ކަމުގައި ނުދެކެމެވެ. އަހަންނަށް މުހިންމުވީ އެދުވަހުގެ އެވަގުތުކޮޅެވެ. ކޮންމެހެން ކުރީގެ ކަންތައްތައް ހަނދާންކޮށްފައި ހިތަށް ތަދުކުރާކަށް ބޭނުމެއް ނޫނެވެ. މާޒީގައި ކޮންމެ ގޮތަކަށް ކަންތައް ހިނގާފައި އޮތް ނަމަވެސް މިވަގުތު ސާހިލް އެއިނީ އަހަރެންގެ އެންމެ ކައިރީގައެވެ. އެއީ އަހަރެން އަބަދުވެސް ދެކެން ބޭނުންވި ވަގުތުކޮޅެކެވެ.
އެދުވަހަށް ފަހު އަހަރެމެން ދެމީހުންގެ ގުޅުން ބަދަހިވާން ފެށިއެވެ. އެއީ ކޮންމެހެން ދެމީހުން އެކަކު އަނެކެއްގެ ފަރާތުން މާ ބޮޑު ކަންތައްތަކެއް ބޭނުންވެގެން ފެށުނު ކަމެއް ނޫނެވެ. އެ ގުޅުމަށް ދޭނެ ނަމެއްވެސް އޭރު އަހަންނަކަށް ނޭނގެއެވެ. ސާހިލް އަހަރެން އޮފީހަށް ލާން ދިއުމާއި ބަލާ ދިއުން އާންމު ވިއެވެ. އެކަން އޮފީސް ރައްޓެހި ކުދިންނަށްވެސް އެނގެއެވެ. މަޑުމަޑުން ސާހިލްއާ އެމީހުންގެ ގުޅުންވެސް ދިޔައީ ބަދަހިވަމުންނެވެ. އޭރު ސާހިލް އުޅުނީ ވަޒީފާއެއް ހޯދުމުގެ މަރުޙަލާގައެވެ. އެހެންކަމުން ވަގުތުގެ ދަތިކަމެއް ނޯވެއެވެ. އަނެއްކާވެސް އަހަންނަކީ މި ދުނިޔޭގައި ހުރި އެންމެ ނަސީބު ގަދަ އަންހެން ކުއްޖާއޭ ހީވާން ފެށިއެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. ސާހިލް ހުންނަނީ އަހަރެންގެ ދުލުން ކަމެއް ނުބުނެފައެވެ. އަހަރެން ދުއްވާލަން ދާން ބުނެފިނަމަ ކޮންމެވެސް މީހެއްގެ އަތުން ސައިކަލެއް ހޯދައިގެން ނަމަވެސް އާދެއެވެ. އޭނާގެ ރައްޓެހިންނާއި، ބޭބެ މެންނާއެކު ދުއްވާލަން ދާއިރުވެސް އަހަރެން ގެންދެއެވެ. އެ އެންމެންނަށްވެސް އަހަންނަކީ ކާކުކަން އެނގެއެވެ. އެހެންކަމުން ވަގުތުތައް ހޭދަކުރަމުން ދިޔައީ އުފަލާއި ހިތްހަމަޖެހުމުގައެވެ. ފަހުން ވާނެ ގޮތަކާމެދު ދެމީހުންކުރެ އެކަކުވެސް ނުވިސްނަމެވެ.
އޭގެ ދެ މަސް ފަހެވެ. ސާހިލްއާއެކު އަހަރެން އިނީ ހެދި ގޮނޑުދޮށުގައެވެ. އަތުގައި ހުރި ޕޮޕްކޯން ގޮށިން ފަހަރަކު އެތިކޮޅެއް ކަމުން މޫދަށް ނަޒަރު ހުއްޓާލައިގެން އިންދާ ކުއްލިއަކަށް ހިތުގައި އުފެދުނު ސުވާލެއް އަހަރެން ސާހިލްއާ ކޮށްލާ ހިތްވިޔެވެ.
"އެއްވެސް އިރެއްގަ އަހަރެން ދެކެ ލޯބިވިންތަ؟" އެ ސުވާލުން ސާހިލް ވަރަށް ފުން ނަޒަރަކުން އަހަންނާ ދިމާއަށް ބަލާލިއެވެ.
"އޭރުވެސް ލޯބިވިން. މިހާރުވެސް ލޯބިވޭ. އެކަމަކު........ އަހަރެމެން ދެމީހުންނަކަށް އެއްކޮށެއް ނޫޅެވޭނެ." ހަތަރުކަޅި ހަމަކޮށްލައިގެން އިނދެ ސާހިލް ޖަވާބު ދިނެވެ. އެ ޖަވާބުގައި އެއްވެސް އޮޅުވާލުމެއް، ދޮގެއް ނެތެވެ.
އެ ޖަވާބު އަހާފައި އަހަންނަށް ހިތިގޮތަކަށް ހިނިތުންވެލެވުނެވެ. އަދި އެވަގުތު ލޮލަށް ކަރުނަ ޖަމާވާން ފެށިއެވެ. ނަމަވެސް އެއީ އުފާވެރިކަމުގެ ކަރުނަކަމެއް ނުވަތަ ހިތާމައިގެ ކަރުނަކަމެއް ބުނާކަށް ނޭނގެއެވެ. އެވަގުތު ސާހިލްވެސް ހިނިތުންވެލާފައި އަހަރެންގެ ބޮލުގައި ފިރުމާލިއެވެ.
"ލޯބިވިޔަސް ތިއީ އަހަރެންގެ ފުރަތަމަ ހޮވުމެއް ނޫން. ތިއީ ދެވަނަ ހޮވުން." އެއްވެސް އަސަރެއް ނެތް ގޮތަކަށް ސާހިލް ބުންޏެވެ.
ސާހިލް އެހެން އެ ބުނީ ކީއްވެކަން އަހަންނަށް އެނގެއެވެ. ނަމަވެސް އަހަރެން އިތުރު ތަފްސީލަކަށް ނޭދެމެވެ. ލޯތްބަކީ ވާ އެއްޗެއް ނޫނެވެ. ވެވޭ އެއްޗެކެވެ. އެއީ އަހަރެން އަބަދުވެސް ޤަބޫލުކުރާ ކަމެކެވެ. ސާހިލްގެ ދުލުން އެ ހުރިހާ ވާހަކައެއް ސާފު ސީދާ ބަހުން ބުނާއިރުވެސް މޮޔައެއްފަދައިން އަހަރެން އޭނާއާއެކު އެތާ އިނުމަކީވެސް އެކަން ދޭހަކޮށްދޭ އަލިގަދަ ހެއްކެކެވެ. އާނއެކެވެ. އަހަރެންގެ ހިތުގެ އެންމެ ފުންމިނުން އެ އިންސާނާދެކެ ލޯބިވެއެވެ. އަހަންނަކީ އޭނާގެ ޙަޔާތުގައި އެންމެ މުހިންމު މީހާ ނޫންކަން އެނގޭއިރުވެސް އެގޮތަށް އޭނާ ކައިރީގައި އިނދެވޭތީވެސް އަހަރެން ޝުކުރުވެރިވަމެވެ. އެހާވެސް ބޮޑަށް އަހަރެން ހުރީ އެ ލޯތްބަށް ފެން ބޮވައިގަނެފައެވެ.
އެދުވަސްވަރު އަހަންނަށް އެހެން އޮފީހަކުން ރަނގަޅު ވަޒީފާއެއް ލިބުނެވެ. އެހެންކަމުން ކުރިއަށްވުރެ ގިނައިން އޮފީހުގައި ވަގުތު ހޭދަކުރަން ޖެހުނެވެ. ނަމަވެސް ސާހިލްއާ އަހަރެންގެ އޮތް ގޮތް ނޭނގޭ ގުޅުން އޭރުވެސް ދިޔައީ ކުރިއަށެވެ. ކުރިން ބައްދަލުކުރި ވަރަށް ބައްދަލު ނުކުރެވުނު ނަމަވެސް ފޯނުން ގުޅުން ދެމިއޮތެވެ.
އޭގެ ދެމަސްފަހެވެ. އެއްދުވަހަކު އޭޑީކޭގައި އެއްކޮށް މަސައްކަތްކުރި ކުއްޖަކު އަހަންނަށް ގުޅިއެވެ. އަދި ވަރަށް އެހެން ކަހަލަ ސުވާލެއް ކުރިއެވެ.
"އޭ! ސާރާއާ ސާހިލްއާ ފޭސްބުކްގަ މިހާރު ފްރެންޑްސްއެއް ނޫން ދޯ؟ އަނެއްކާ މައްސަލައެއް ޖެހުނީތަ؟" ރަޙްމަތްތެރިޔާ ދިނީ އަހަންނަށް އަދި އައު ޚަބަރެކެވެ. ފެނިދެނިވެ، ފޭސްބުކްއިން ސާހިލްއަށް ފްރެންޑް ރިކުއެސްޓް ފޮނުވައިގެން އެދެމީހުން އެކުވެރިވީ އަހަރެންގެ ފަރާތުންނެވެ. އެކަމަކު އޭނާ ސާހިލްގެ ލިސްޓްގައި އިނދެފައި އަހަރެން ނީންނާންވީ ކީއްވެ ހެއްޔެވެ؟
ރަޙްމަތްތެރިޔާ ފޯނު ބޭއްވުމުން އަހަރެން ވަގުތުން ފޭސްބުކަށް ވަދެ ބަލާލީމެވެ. އެއީ ތެދެކެވެ. ސާހިލްގެ ރަޙުމަތްތެރިންގެ ލިސްޓަކު އަހަންނެއް ނެތެވެ. އެކަން އެނގުނު ވަގުތު ހިތުގައި އެތައް ސުވާލުތަކެއް އުތުރި އަރައިގަތެވެ. ކުއްލިއަކަށް ސާހިލް އަހަރެން އޭނާގެ ލިސްޓުން އުނިކޮށްލީ ކީއްވެބާއެވެ؟ އެއްވެސް މައްސަލައެއްވެސް ޖެހުނީކީ ނޫނެވެ. އެ ސުވާލުގެ ޖަވާބު ހޯދަން ބޭނުންވާތީ އަހަރެން ވަގުތުން ސާހިލްއަށް ގުޅީމެވެ.
"ސާހިލް ކީއްވެ ފޭސްބުކުން އަހަރެން އަންފްރެންޑް ކޮށްފަ އެއިނީ؟" ބޭކާރު ވާހަކަތަކެއް ނުދައްކާ އަހަރެން ސީދާ މަޢުލޫއަށް ދިޔައީމެވެ.
"ފޭސްބުކްގަ ހުންނާނީ އަހަރެންގެ ޢާއިލާ މީހުންނާ ވަރަށް ގާތް ރައްޓެހިން އެކަނި." އެއްވެސް ފިކުރެއް، ޚިޔާލެއް ނެތި ސާހިލް ޖަވާބު ދިނެވެ. އެވަގުތު އަހަންނަށް ބުނާނެ އެއްޗެއްވެސް ނޭނގުނެވެ. ހީވީ މީހަކު މޫނު މަތީގައި ހޫނު އެތިފަހަރެއް ވީއްލައިލިހެންނެވެ. ފުން ނިންޖެއްގައި އޮވެފައި ހޭލެވުނުފަދަ އިޙުސާސެއް އެވަގުތު އަހަންނަށް ކުރެވުނެވެ.
"އޯހް! އޯކޭ!" ޖަވާބުގައި އަހަންނަށް ބުނެވުނީ އެވަރަށެވެ. ދެން އަވަހަށް ފޯނު ބޭއްވީމެވެ. އެއްވެސް ޙާލެއްގައި އަހަންނަށް އެވަގުތު ކުރެވެމުން ދިޔަ އިޙުސާސް ސާހިލްއަށް އަންގާކަށް ބޭނުމެއް ނުވިއެވެ.
އެކަމުގައި އިތުރަށް އަހަރެން ކުރާނެ ސުވާލެއް ނޫނީ ޝަކުވާއެއްވެސް ވަކި ނެތެވެ. އަހަންނަކީ ސާހިލްގެ ދެވަނަ ހޮވުންކަން އޭނާ ވަނީ މާ ކުރިންވެސް ބުނެފައެވެ. އެކަން އެނގިއެނގި ހުރެވެސް އެގުޅުން ދެމެހެއްޓީ އަހަރެން ބޭނުންވެގެންނެވެ. ނަމަވެސް ސާހިލްއަށް އަހަންނަކީ އޭނާގެ ގާތް މީހަކަށްވެސް ނުވީތާއެވެ. އަހަރެންގެ ފަރާތުން އޭނާއާ ދިމާވި މީހުންވެސް ފޭސްބުކްގައި އޭނާގެ ރައްޓެހިންގެ ލިސްޓްގައި އެބަތިއްބެވެ. އެހެނަސް އަހަރެން އޭނާގެ ރައްޓެހިންގެ ގިންތިއަށްވެސް ނުފެތުނެވެ.
އެވަގުތު ކޮޓަރީގައި އެކަނި އޮވެވުނުކަން އެއީ އަހަރެންގެ ނަސީބެވެ. އަޑު ވީއްލާ ރޮއި ގަނެވުނީ ބޭއިޚްތިޔާރުގައެވެ. ހުއްޓާލަން ބޭނުންވި ނަމަވެސް އަހަންނަށް އެކަމެއް ނުކުރެވުނެވެ. އަޑު ގަދަވާން ފެށުމުން ކައިރީގައި އޮތް ބާލީސް ނަގާ އަނގަމަތީގައި އަޅާ ބާރު ކޮށްލީމެވެ. ހިތުގައި އެވަގުތު އަޅަމުން ދިޔަ ވޭން ދެނެވޮޑިގެންވާނީ ހަމައެކަނި އަހަރެންގެ ވެރި އިލާހެވެ. މިއޮށްހާ ދުވަހު މިކުރެވުނީ ބޭކާރު ކަމެއްކަން އެވަގުތު އިޙުސާސްކުރެވުނެވެ. ސާހިލްގެ ކުރިމަތީގައި އަހަންނަކީ އެއްވެސް ޤަދަރެއް ހުރި މީހަކަށް ނުވިއެވެ. އޭނާ ބޭނުން ވުމުން ކޮންމެ ފަހަރަކު އައިސް އަހަރެންގެ ހިތާ ކުޅެލާފައި ބޭނުންވުމުން ދަނީއެވެ. އެހެން އެ ހެދީ އެންމެ ފަހަރަކު ނޫނެވެ. ތިން ފަހަރުއެވެ. އޭނާ ބޭނުންވާ ކޮންމެ ވަގުތަކު އަހަރެން އޭނާގެ ފަހަތުން ދާނެކަން މާކުރިންވެސް އޭނާއަށް އެނގެއެވެ. އެކީގައި ނޫޅެވޭނެކަމަށް ސީދާ ބަހުން ބުނުމުންވެސް އަހަރެންގެ މި މޮޔަ ހިތަށް އެއްޗެއް ނުވިސްނުނެވެ. މިހާރު ހިތުގައި ހަލާކުނުވާ އެންމެ ތަންކޮޅެއްވެސް ނެތެވެ. ސާހިލް ބޭނުން ގޮތެއް ހަދަން ފުރުސަތު ދެވުނީތީ އަމިއްލަ ނަފްސުދެކެވެސް އަހަންނަށް ރުޅި އާދެވުނެވެ. އާހް! ދެން އެކަމަކު އަހަރެން ސާހިލްއަށް އެފުރުސަތެއް ނުދޭނަމެވެ. ކިތަންމެ ލޯބިވީނަމަވެސް އަލުން މި ހިތާ ކުޅޭކަށް ޖާގައެއް ނުދެވޭނެއެވެ. އަހަންނަށް ޤަދަރު ނުކުރާ މީހަކަށް ދެނެއް ފުރުސަތެއް ނެތެވެ. އާދައިގެ ނިކަމެތި އަންހެން ކުއްޖަކަށްވީނަމަވެސް އަހަރެންގެވެސް އަގެއް އޮންނަންވާނެއެވެ.
އެދުވަހަށްފަހު އަހަރެން ސާހިލް މަތިން ހަނދާން ނައްތައިލުމުގެ އުނދަގޫ އަދި ވޭން ހުރި މަސައްކަތް ފެށީމެވެ. އެއީ އަހަރެންގެ ފުރަތަމަ ލޯތްބެވެ. ހިތުން ފުހެލުމަކީ ފަސޭހަކަމެއް ނޫނެވެ. ނަމަވެސް ބަލިކަށިވާ ކޮންމެ ފަހަރަކު އަހަންނަކީ އޭނާގެ ދެވަނަ ހޮވުންކަން ހަނދާންކޮށްދެމެވެ. އަދި ދުވަހަކުވެސް އޭނާގެ ޙަޔާތުގެ ބައިވެރިޔަކަށް އަހަރެން ނުހޮވާނެކަންވެސް އަމިއްލަ ނަފްސަށް ބުނެދެމެވެ. ނަމަވެސް ހިތުގައި ލީ ލަކުނުތައް ފުހެލުންވީ ހީކުރިވަރަށްވުރެ މާ އުނދަގޫ ކަމަކަށެވެ. އެދުވަސްވަރު ލިބުނު އެތައް ރަނގަޅު ހުށަހެޅުމަކަށް އަހަރެން އިންކާރުކުރީމެވެ. ހިތުން ސާހިލްގެ ހަނދާންތައް ނުފިލާތީއެވެ. އެކަމަކު ދެން ފަހަތަށް ބެލުމެއް ނެތެވެ. އަހަންނަކީ ހިތްވަރު ގަދަ އަންހެން ކުއްޖަކީމެވެ.
މިހާރު އޭގެ ފަހުން ދިހަ އަހަރު ފާއިތުވެގެން ހިނގައްޖެއެވެ. މިއަދު އަހަރެން މިއުޅެނީ އަހަރެންދެކެ އިންތިހާއަށް ލޯބިވާ ބައިވެރިޔަކާއެކުއެވެ. އަހަންނަކީ އަހަރެންގެ ފިރިމީހާގެ ފުރަތަމަ ހޮވުމެވެ. އޭނާގެ ޙަޔާތުގައި އަހަންނަކީ ކިހާ މުހިންމު މީހެއްކަން އޭނާ ބަހާއި ޢަމަލުން ކޮންމެ ދުވަހަކު އަންގައިދެއެވެ. ސާހިލްގެ ކިބައިން އަހަރެން ސަލާމަތްވީތީ އަހަރެންގެ ޢާއިލާ މީހުންވެސް ތިބީ ހިތްހަމަޖެހިފައެވެ. މީހުން ބުނެ އުޅެއެއްނޫންހެއްޔެވެ؟ ކޮންމެ ކަމެއްގެ ފަހަތުގައިވެސް ފޮރުވިފައިވާ ޙިކުމަތެއް އޮންނާނެއެވެ. ދިރިއުޅުމުގައި ހިނގާފައިވާ ކަމަކަށް ވީތީ މާޒީގެ ހަނދާންތައް އަދިވެސް ހިތުގައި އެބަހުއްޓެވެ. އެއީ ނުވާ ކަމެއްކަމުގައި ހަދަން ކިތަންމެހާވެސް ބޭނުމެވެ. ނަމަވެސް މިއަދު އަހަންނަށް ލިބިފައިމިވާ ދިރިއުޅުމަށް ފަށްފަށުން ﷲ އަށް ޙަމްދު ކުރަމެވެ. މާޒީއިން ލިބުނު ހިތި ފިލާވަޅުން ޢިބުރަތް ޙާސިލުކޮށްގެން ކުރިމަގު ބިނާކުރުމަށް އަހަރެން މިދަނީ މަސައްކަތްކުރަމުންނެވެ. އަހަރެން އެމީހަކަށްޓަކައި ފުރަތަމަ ހޮވުމަކަށްވީ ބައިވެރިޔާއާ އެކުގައެވެ.
(ނިމުނީ)




ހިޔާލު
އުފާ ކުރަން މި މޮޔަ އަންހެންކުއްޖާގެ ހަޔާތް ރަނގަޅުގޮތަކަށް ނިމުނީމަ. މި ވާހަކައިން އެހެން މީހުނަށްވެސް ފިލާވަޅެއް ލިބޭނެކަމަށް ހީކުރަން.